Roadha Mihaaru
އީދު ކުޅިވަރުގެ ފޯރި ކުޑަޔަސް ނަލަހެދިލަންވާނެ

އީދު ކުޅިވަރުގެ ފޯރި ކުޑަޔަސް ނަލަހެދިލަންވާނެ

21 ޖުލައި 2021

ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅު ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމާ އެކު ކުރިއެކޭ އެއްގޮތަށް އީދަށް ނަލަހެދިލަންވީ އެވެ. ކުރިން އުޅުނު ގޮތަށް އެންމެން އެއްތަންވެ އުޅުން އެހާ ރައްކާތެރިއެއް ނޫނެވެ. އެކަމަކު އީދުގެ އުފާ އިހްސާސްކޮށްލަން ނަލަ ހެދިލަން ހިނގާށެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅު ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމާ އެކު ކުރިއެކޭ އެއްގޮތަށް އީދަށް ނަލަހެދިލަންވީ އެވެ. ކުރިން އުޅުނު ގޮތަށް އެންމެން އެއްތަންވެ އުޅުން އެހާ ރައްކާތެރިއެއް ނޫނެވެ. އެކަމަކު އީދުގެ އުފާ އިހްސާސްކޮށްލަން ނަލަ ހެދިލަން ހިނގާށެވެ.

ހުދުކުލައިގެ ހެދުމަކާ އެކު ޑަސްޓީ ކުލައެއްގެ ބުރުގާއެއް

ހުދު ކުލައިގެ ޓޮޕެއް ނުވަތަ ހެދުމަކާ އެކު ޑަސްޓީ ކުލައެއްގެ ބުރުގާއެއް އަޅައިގެން ފުޅާ ޖީންސެއް ނުވަތަ ފުޅާ ހަރުވާޅެއް ލާށެވެ. މިއީ އީދަށް ވަރަށް ކަމުދާނެ ސްޓައިލެކެވެ. މިގޮތަށް ހެދުން އަޅާއިރު އިސްކަންދޭނީ ކަލަ ކޮމްބިނޭޝަނަށެވެ. ސްކައި ބްލޫ ކުލައިގެ ފުޅާ ޖީންސެއް ނުވަތަ ހަރުވާޅަކާ އެކު ހުދު ކުލައިގެ ހެދުމެއް ލާ ނަމަ ބުރުގާގެ ކުލަޔަކަށް މަޑުމަޑު ފިޔާތޮށި ކުލައެއް ނުވަތަ ޑަސްޓީ ކުލަތަކުގެ ތެރެއިން ކުލައެއް ގުޅުވާލެވިދާނެ އެވެ. އަދި ހެދުން އިތުރަށް ފުރިހަމަ ކޮށްލުމަށް ހެދުމާއި ގުޅޭގޮތަށް ރީތި ދަބަހެއް ވެސް އަޅާލެވިދާނެ އެވެ. މިހާރު ޓްރެންޑް ވަމުންދާ ބަގެޓް ދަބަހަކީ ގިނަ ކުދިންނަށް ކަމުދާ އަދި އަޅާފައި ހުންނައިރު ބަލައިލަން ރީތި ދަބަސްތަކެކެވެ. ފައިވާނަށް ބަލައިލާއިރު، ފައިވާނުގެ ކޮޅު ހަތަރެސްކަނަށް ހުންނަ ފައިވާނަކީ މިހާރު އެންމެ މަޝްހޫރު އެއް ފައިވާނެވެ. ފައިވާނުގެ ކުލަ އިހުތިޔާރު ކުރާއިރު ލާން ތައްޔާރުކުރި ހެދުމާ ގުޅުވާލުމަށް ބަލައިލަންވާނެ އެވެ.

ފުޅާ ޖީންސަކާ އެކު ކުރު ޓޮޕެއް

ފުޅާ ޖީންސަކާ އެކު ލާ ޓޮޕުކޮޅު ހުންނަންވާނީ ބެގީކޮށްފަ އެވެ. އަދި ހުދު ކުލައިގެ ޖީންސެއް ނަމަ ކަސްޓަޑް ޔެލޯ ކުލައިގެ ޓޮޕެއް ލުމުން ވަރަށް ޗާލުވާނެ އެވެ. ހެދުން އިތުރަށް ފުރިހަމަކޮށްލުމަށް ކަންފަތުލާ އެއްޗެއް ގުޅުވާލާށެވެ. އައިވަރީ ހުދު ކުލައިގެ ބީންސް ސްޓަޑެއް މި އައުޓްފިޓަށް ވަރަށް ކަމުދާނެ އެވެ. އަދި ޑާކް ބްރައުން ކުލައިގެ ބްލޮކް ހީލް އަކަށް އެރުމުން އީދު ހެދުން އެ އޮތީ އިތުރަށް ފުރިހަމަވެފަ އެވެ.

ކުޑަކުއްޖަކު އީދަށް ނަލަކޮށްލާނެ ހެދުމެއް

ކުޑަކުދިންނާ ވެސް އެންމެ ގުޅޭ ކުލަޔަކީ ހުދު ކުލަ އެވެ. ހުދު ކުލައިގެ ގަމީހެއް ނުވަތަ ޓީޝާޓަކާ އެކު ބްރައުން ޖީންސެއް ލައްވައިލުމުން ފިރިހެން ކުއްޖެއް ނަމަ އީދު ހެދުން ފުރިހަމަވީ އެވެ. ބަލައިލަން ވެސް އެހާމެ ލޯބިވާނެ އެވެ. އީދު ހެދުމާ އެކު ގިނަ ކުދިން އަރަން ބޭނުން ވަނީ ބޫޓަށެވެ. ޑާކް ބްރައުން ކުލައިގެ ރީތި ސްނިކާ ބޫޓެއް މި އީދުހެދުމާ އެކު އަރާފައި ހުންނައިރު ވަރަށް ލޯބިވާނެ އެވެ.

އަންހެން ކުދިން ނަމަ، ޓައިޑައި އަކީ ޓްރެންޑް ވަމުން އަންނަ ޑިޒައިނެވެ. ޓީޝާޓެއް ނުވަތަ އޮފް ޝޯލްޑާ ޓޮޕް ކޮޅެއް ވިއަސް ޓައިޑައި ޑިޒައިނެވެ. އަދި މިހާރަކަށް އައިސް މަތިންލާ ޓޮޕްކޮޅާއި ތިރިން ލާފައި ހުންނަ ހަރުވާޅު ނުވަތަ ސޯޓުކޮޅު ހުންނަނީ އެއް ޑިޒައިނަކުންނެވެ. މިއީ ވެސް މިހާރުގެ ޓްރެންޑެކެވެ. ފައިކުރިއަށް ރަބަރު ލާފައި ހުންނަ ކުޑަކޮށް ފުޅާކޮށް ހުންނަ ހަރުވާޅާ އެކު ލުމަށް ހުންނަނީ ހަމަ އެއް ޑިޒައިނެއްގެ ޓޮޕް ކޮޅެކެވެ. އަދި ކުޑަކުދިންގެ ތެރޭގައި ޖަމްޕްސޫޓަކީ ވަރަށް މަގުބޫލު ހެދުމެކެވެ. ގިނަ ކުދިން އަރަނީ ފްލެޓްކޮށް ހުންނަ ތިރި ފައިވާނަށެވެ. ބައެއް ކުދިން ބޫޓަށް ވެސް އަރަ އެވެ.

މިފަހަރު އީދަށް ތައްޔާރުވެލާއިރު މިފަދަ ގޮތަކަށް ހެދުން ލައިގެން ތައްޔާރުވެލާށެވެ. މިއީ ޓްރެންޑް ވަމުން އަންނަ ބައެއް ހެދުންތަކެވެ. މި ނޫނަސް އާންމުންގެ ތެރޭގައި މަގުބޫލު އެކި ޑިޒައިންތައް ވެސް ހުންނާނެ އެވެ. އަވަހަށް އީދަށް ހެދުން ހޯދައި ރެޑީ ވެލާށެވެ.