Roadha Mihaaru
އެމެރިކާގެ އޮލިމްޕިކް ޓީމްގެ ޔުނިފޯމްގައި އޭސީ!

އެމެރިކާގެ އޮލިމްޕިކް ޓީމްގެ ޔުނިފޯމްގައި އޭސީ ހަރުކޮށްފި

18 ޖުލައި 2021

ޖަޕާންގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ އެމެރިކާގެ ޓީމުން ބޭނުންކުރާ ރަސްމީ ޔުނިފޯމް ފިނިކޮށްދޭ ނިޒާމަކާ އެކު ޑިޒައިންކޮށް، ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާންގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ އެމެރިކާގެ ޓީމުން ބޭނުންކުރާ ރަސްމީ ޔުނިފޯމް ފިނިކޮށްދޭ ނިޒާމަކާ އެކު ޑިޒައިންކޮށް، ދައްކާލައިފި އެވެ.

މި ޔުނިފޯމް ފަރުމާކުރީ މަޝްހޫރު ފެޝަން ކުންފުނި ރާފް ލޯރެންއިންނެވެ. އެތަނުން މި ކުރި ކަމަކީ އޮލިޕިކްސް ކުރިއަށްދާ ދުވަސްތަކުގައި ޓޯކިއޯގެ ހޫނުމިން ހުންނާނެ މިންވަރު ލަފާކޮށް ފިނިކޮށްދޭން "އިން-ބިލްޓް" އެއާ ކޮންޑިޝަން ސިސްޓަމެއް (އޭސީ) ޔުނިފޯމްގައި ބޭނުންކުރުމެވެ. މިއީ ބެޓެރިން ހަކަތަ އުފައްދައި އާރްއެލް ކޫލިން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ އެއްޗެކެވެ.

މި އޭސީ އިންނާނީ ޓީމްގެ ޔުނިފޯމްތަކުގެ ފަހަތުގައި ކޮނޑުމައްޗާ ދިމާލުން ތިރީގަ އެވެ. ރާފް ލޯރެން ބުނި ގޮތުގައި ޔުނިފޯމް ފަރުމާކޮށްފައި ވަނީ ހޫނު ގަދަ ވަގުތުތަކުގައި އޭގައި އިންނަ އޭސީން އެ މީހެއްގެ ހަށިގަނޑު ފިނިހޫނު މިނާ އެކަށޭނެ ގޮތަށް ފިނިކޮށްދޭން އެހީވެދޭ ގޮތަށެވެ. އެހެންވެ ހޫނު ގަދަވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

މި މަސައްކަތާ ބެހޭ ގޮތުން އެ ކުންފުނީގެ ބޯޑްގެ ވައިސް ޗެއާމަން އަދި ޗީފް ބްރޭންޑް އެންޑް އިނޮވޭޝަން އޮފިސަރު ޑޭވިޑް ލޯރެން ވިދާޅުވީ އޮލިމްޕިކާއި ޕެރަލިމްޕިކްގައި ބައިވެރިވާ އެމެރިކާގެ ޔުނިފޯމް މި ފަހަރު ވަރަށް ހާއްސަ ކަމަށެވެ.

އޭގައި ފިނިކޮށްދޭ ނިޒާމެއް ހިމަނާފައިވާ އިރު ބްލޭޒާ ޔުނިފޯމްގެ އިތުރު ބައިތަކުގެ ތެރޭގައި ޓީޝާޓާއި ސްކާފާއި ބޫޓާއި އަދި ފޭސް މާސްކް ވެސް ހިމެނޭނެ އެވެ.

"ކުޅިވަރުގައި ބޭނުންކުރާ ހެދުންތަކުގައި ޕާސަނަލް ތާމަލް މެނޭޖްމަންޓް ބޭނުން ކުރުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އުފެއްދުންތައް ނެރުމުގައި ވަރަށް ބޮޑަށް ބަލާނެ ކަމެއް ކަމަށް އަހަރެމެން ދެކެނީ،" ލޯރެން ވިދާޅުވި އެވެ. "އަދި މި ފަހަރުގެ އޮލިމްޕިކާ އެކު ވެސް އެ ވިސްނުން ގިނަ ބައެއްގެ ތެރޭގައި އުފެދި މިއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ ކަމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު."

އެމެރިކާގެ ޓީމްގެ ޔުނިފޯމުން ގެނެސްދޭ ބަދަލާ އެކު އޭނާ އޮލިމްޕިކްސް ހުޅުވާ ރަސްމީއްޔާތު ސިފަކުރެއްވީ "ތަފާތުވާނެ ފެޝަން ޝޯއެއް" ގެ ގޮތުގަ އެވެ.

ދާދި ފަހުން އިޓަލީން އެ ގައުމުގެ އޮލިމްޕިކްސް ޓީމްގެ ޔުނިފޯމް ދައްކައިލި އިރު، އެ ވައްތަރީ ޝެފުންގެ ޔުނިފޯމަކާ ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އިޓަލީ ޓީމްގެ ރަސްމީ ޔުނިފޯމް ޑިޒައިން ކުރީ މަޝްހޫރު ކުންފުނި އަރުމާނީއިންނެވެ.

ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސް މުބާރާތް ފަށާނީ މި މަހުގެ 23 ގަ އެވެ. މުބާރާތް އަންނަ މަހުގެ 8 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ޕެރަލިމްޕިކްސް ކުރިއަށް ދާނީ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.