Roadha Mihaaru
މާލެ-ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލައިފި

މާލެ-ހުޅުލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލައިފި

18 ޖުލައި 2021

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި އެެ ވިއުގަ ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި އެެ ވިއުގަ ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފި އެވެ.

މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ހިންގި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނިންމައިލީ މި މަހުގެ ކުރީކޮޅު އެވެ.

ސްޓެލްކޯ އިން މިއަދު ވަނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ސިންކްރޮނައިޒްކޮށް ނުވަތަ ގުޅުވާލައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓު ގްރިޑަށް ކާމިޔާބުކަމާ އެކު ދެ އިންޖީނުގެ މިހާރު ގުޅާލާފައިވާ ކަމަށާއި މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ދެން ކަރަންޓު ފޮނުވޭނެ ކަމަށެވެ.

މިއާއެކު ހަކަތައިގެ ސިނާއަތުގައި އާ ހަރުފަތަކަށް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ގްރޭޓާ މާލެ ގްރިޑާ އެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އާ ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާ އެކު އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

ހުޅުމާލޭގައި ހުންނަނީ 50 މެގަވޮޓުގެ އިންޖީނުގެ އެކެވެ. ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓްގެ ކަރަންޓެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލޭގެ ކަރަންޓު ޑިމާންޑު ފޫބައްދަން މާލެއަށް ބަހާލާނެ އެވެ.

މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވާއިރު، މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުމުން ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯ އިން ކުރިން ބުނެފައި ވެ އެވެ.