Roadha Mihaaru
ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ދީފި

ޕްރޮޖެކްޓްތަކުން ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ދީފި

20 ޖުލައި 2021

ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ، ރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރި ވެފައިވާ މީހުންގެ ތެރެއިން، ރާއްޖެ އިން އާމްދަނީ ލިބޭ ކޮންމެ މީހެއް މި ގާނޫނު ހިނގާ މީހުންގެ ތެރެއަށް އިތުރުކޮށްފަ އެވެ. ޓެސްކް ދެއްކުމުގައި ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފްސީލު މި ބިލަށް ގެނައި އިސްލާހުގައި ވެ އެވެ.

ގާނޫނަށް ގެނައި ބަދަލާއެކު، ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ލިބެ އެވެ. ހަމައެއާއެކު، ބޭރުގެ ކޮންޓްރެކްޓަރުން ކޮންމެ މަހަކު ސަރުކާރަށް ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް ވެސް ގާނޫނުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ އޭގެ ތެރޭގައި އެ ގާނޫނުން އިސްތިސްނާ ވާނެ އާމްދަނީތަކުގެ ތެރެއަށް، މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުން ލިބޭ އާމްދަނީ އިތުރުކުރުން ހިމެނެ އެވެ.

އިންކަމް ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހުތައް މިހާރު ގެޒެޓުކޮށްފައިވާއިރު، މިއަދުން ފެށިގެން މިގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި ޓެކްސް މާފްކުރެއްވުމުގެ ބާރު ރައީސަށް ލިބިދޭ މާއްދާއެއް އިތުރުކުރަން ހުށަހެޅީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ފުރުސަދު ދޭން ކަަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ދޭ އިސްތިސްނާ ގެޒެޓް ކޮށް، މަޝްރޫއު ހިންގާ ކުންފުންޏަކުން އަމަލުކުރާ ގޮތުން އިސްތިސްނާ ބާތިލު ވެސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެސް ހަމަ ވިސްނުމަކީ، މިސާލަކަށް ރާއްޖެ އަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް، ރައްޔިތުންނަށް އެ ބޭނުންވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް އެ ފުރުސަތު އޮތުން،" އަމީރު ވިދާޅުވި އެވެ.