Roadha Mihaaru
އިންކަމް ޓެކުހަށް ނަފްރަތު ކުރަން: ޖާބިރު

އިންކަމް ޓެކުހަށް ނަފްރަތު ކުރަން، އެ ނަގައިގެން ނުވާނެ: ޖާބިރު

04 ޑިސެމްބަރ 2019

އިންކަމް ޓެކްސް ނަގަން ނަފްރަތު ކުރައްވާ ކަމަށާއި އެފަދަ ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންކަމް ޓެކްސް ނަގަން ނަފްރަތު ކުރައްވާ ކަމަށާއި އެފަދަ ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އިންކަމް ޓެކްސް ދޭން ދިވެހި ރައްޔިތުން ތައްޔާރު ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ "ވާނުވާ ނޭނގޭ" ނިޒާމެއްގެ ތެރެއިން ރައްޔިތުން އަތުން ގިނަ ޓެކްސް ނެގުމެވެ.

އިންކަމް ޓެކްސް ފުރަތަމަ ނަގަން ފަށަނީ 60،000ރ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ކުރިން ސަރުކާރުން ހުށައެޅީ 40،000ރ އަށް ވުރެ މަތިން ލިބޭ އާމްދަނީއަކުން އިންކަމް ޓެކްސް ނަގާށެވެ. އެކަމަކު ކޮމިޓީ މަރުހަލާގައ އެ ނިސްބަތް ވަނީ ބޮޑުކޮށްފަ އެވެ.

މިހާރު އޮތް ވަރުގެ އާމްދަނީއެއް ރާއްޖޭގައި ލިބެނީ ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގަ އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއްގައި އިންކަމް ޓެކްސްއެއް ނުނަގާނެ. އެއްވެސް ޓެކްސްއެއް ނުނަގާ މެނޭޖް ކުރެވޭނެ،" ރާއްޖޭގައި އެންމެ މަދުން މެމްބަރުން ތިބި އެއް ޕާޓީ ކަމަށް ވާ ޑީއާރުޕީގެ ލީޑަރު ކަން ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ނެގުމުގެ ބަދަލުގައި ކުރަންވީ ކަމަކީ "ވައްކަން ކުރުމުގެ ނިޒާމުތައް" ފުނޑާލުމެވެ.

"ޓޫރިސްޓު ރިސޯޓު ހިންގަން ވެއްޖެ ނަމަ، މިހާރު ޖެހެނީ މިނިސްޓަރު ކައިރިއަށް ގުދުވާން. އިންވެސްޓް ކުރާ މީހާގެ އެއްވެސް ބާރެއް ނޯވޭ. ޓެކްސް ނަގާ ނަމަ، ނަގަން ޖެހޭނީ ނިޒާމުތައް ހަރުދަނާކޮށްގެން،" އިންކަމް ޓެކްސް ނެގުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސް ނަގަނީ ތަހުޒީބު، އަމާނާތްތެރިން ތިބޭ ގައުމުތަކުގައި ކަމަށެވެ. ޓެކްސް ޕޭޔަރުންގެ ފައިސާ "ނުބައިކޮށް ދިޔަކަމު"ގެ ވަރަށް ސާފު ހެކިތައް ރާއްޖޭގައި ހުރި އިރު، ޓެކްސް ޕޭޔަރުން ދިން ފައިސާ އިން ވައްކަން ކުރި މީހުންނާއި އެ ފައިސާ ވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ބިލް އޮފްލޯޑުކޮށް އެބޯޓު ކުރާށޭ ވަގުތުން ވަގުތަށް،" ޖާބިރު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ބިލުގެ މައުލޫއުން ބޭރުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ޑީއާރުޕީ ހިމެނުމާ މެދު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކުރެއްވި ކަމަށެވެ. އެކަމަކު މިހާތަނަށް އައިއިރު، ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަހަލަ ބޮޑު ޕާޓީއެއްގެ މީހަކު އަތް ދީކޮށްލީމާ ރައީސް [ނަޝީދު] ނޫނެކޭ ވިދާޅެއް ނުވާނެތާ. މައުމޫނާ ވެސް ކޯލިޝަން ހެދީ ނޫންތޯ. ގާސިމާ އެކު ވެސް ހެދީ ނޫންތޯ. ކީއްވެތޯ އަޅުގަނޑާ ކޯލިޝަން ނަހަދަންވީ؟ އަޅުގަނޑު ހަޑީތޯ؟ ބައްލަވާ އަޅުގަނޑު ލާފައި ހުރި އެއްޗެހި،" ޖާބިރު ވިދާޅުވި އެވެ.