Roadha Mihaaru
ހޯރަފުށީ އެއާޕޯޓުން ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާ!

ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދިއުމުގެ ދަތުރު އުނދަގޫވެ އަނެއްކާވެސް ޖެޓީގެ ވާހަކަ

26 ޖުލައި 2021

ހޯރަފުށީީ އެއާޕޯޓަށްދާ މީހުންނަށް ޓެކްސީ ލިބުމުގެ ދަތިކަން ބޮޑުވެ އެއާޕޯޓްގައި ޖެޓީއެއް ނުހަދާތީ އެ ސަރަހައްދުގެ ރަށްތަކުގެ މީހުން ކުރާ ޝަކުވާ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯރަފުށީީ އެއާޕޯޓަށްދާ މީހުންނަށް ޓެކްސީ ލިބުމުގެ ދަތިކަން ބޮޑުވެ އެއާޕޯޓްގައި ޖެޓީއެއް ނުހަދާތީ އެ ސަރަހައްދުގެ ރަށްތަކުގެ މީހުން ކުރާ ޝަކުވާ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެއާޕޯޓް ހަދަމުން ދިޔައިރު ވެސް އެއާޕޯޓްގައި ޖެޓީއެއް ހެދުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކޮށް ސަރަހައްދުގެ ރަށްތަކުގެ މީހުން ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެއާޕޯޓް ނިންމައި ހުޅުވީ ވެސް ޖެޓީއެއް ހެދުމުގެ ބަދަލުގައި މާ ދުރުގައި އޮންނަ ބަނދަރު ބޭނުންކުރަންޖެހޭ ގޮތަށެވެ.

ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އަށް ވެލި އަރައި އިއްޔެ ދަތުރުތައް ހުއްޓުމަކަށް އައި ޚަބަރާ އެކު، އެ އެއާޕޯޓަށް ގޮސް އުޅޭ މީހުން ދެން ފާހަގަކުރީ އެއާޕޯޓުން ހޯރަފުށީ ބަނދަރަށް ދާން ވެހިކަލް ހޯދަން ދަތި މައްސަލަ އެވެ.

"ގިނައީ ޕްރައިވެޓް ވެހިކަލްތައް. އެހެންވެ، ބޯޓް ޖައްސާ ވަގުތު އެއާޕޯޓަށް ގޮސް ތިބޭ ވެހިކަލްތަކުން އެހެން ރަށްރަށު މީހުން އުފުލައިދެނީ ރަށު މީހުންގެ ދަތުރުތައް ނިންމާފައި. ބައެއް ފަހަރު އެބަ ތިބެން ޖެހޭ ބަނދަރާ ހިސާބަށް ނުދެވި 45 ވަރަކަށް މިނެޓްވަންދެން ވެސް. މިއީ މި އެއާޕޯޓަށް އަންނަ ރަށްތަކުގެ މީހުން ހޯރަފުށިން ރަށަށް ދާން ހޭދަވާ ވަގުތަށް ވުރެ ތިން ހަތަރު ގުނަ ގިނަ އިރު،" ހޯރަފުށީ އެއާޕޯޓަށް އާންމުކޮށް ދަތުރުކުރާ މީހަކު ބުންޏެވެ.

ސްކޫލް ޗުއްޓީއާ ދިމާކޮށް ދަތުރުތައް ގިނަވުމާ އެކު މި މައްސަލަ މިހާރު ވަކިން ބޮޑުކަން ބައެއް މީހުން ފާހަގަކުރި އެވެ.

ހޯރަފުއްޓާ އެންމެ ގާތުގައި އޮންނަ އަދި އެއާޕޯޓް މައްސަލާގައި މީގެ ކުރިން ވެސް އެކި ޝަކުވާތައް ކޮށްފައިވާ އިހަވަންދޫ މީހަކު ބުނި ގޮތުގައި ދިހަ ވަރަކަށް މިނެޓުން ރަށަށް ދެވޭއިރު އެއާޕޯޓުން ހޯރަފުށީ ބަނދަރަށް ދާން އެހާ ގިނައިރު ހޭދަވުމާއި ޓެކްސީ ދަތުރުތަކަށް ވަކި އަގެއް ކަނޑައެޅިފައި ނެތުން ވެސް މައްސަލައެއްގެ ގޮތުގައި ފާހަގަވެ އެވެ.

ހޯރަފުށީ އެއާޕޯޓުން ރަށު ބަނދަރަށް ވެހިކަލްގައި ފަސް ވަރަކަށް މިނެޓުން ދެވުނަސް އާންމު ގޮތެއްގައި ދަތުރަށް 50ރ. ނަގަ އެވެ. ބައެއް މީހުން މިއަށްވުރެ މާ ބޮޑުކޮށް ވެސް އަގު ނަގަ އެވެ.

"އަސްލު ދިހަ ވަރަކަށް މިނެޓު ތެރޭ އަޅުގަނޑުމެން ރަށަށް ދެވޭނެ. އެކަމަކު ބައެއް ފަހަރު މަޑުކުރަން ޖެހޭ އެއާޕޯޓުން ހޯރަފުށީ ޖެޓީއަށް ދާން ވެސް ބައި ގަޑިއިރު. އަނެއްކާ މީހަކު މަޑުކޮށްލައިގެން ތިބެން އެކަށިގެންވާ ތަނެއް ވެސް އެއާޕޯޓަކު ނެތް. ޓާމިނަލް ނުކުންނަ ގޮތަށް ތިބެން މި ޖެހެނީ އަވީގައި،" އޭނާ ބުންޏެވެ.

ސްކޫލް ޗުއްޓީގައި ހޯރަފުށީ މަގުން ރަށަށް ދިޔަ ހއ. އަތޮޅު އެހެން މީހަކު ބުނި ގޮތުގައި ޓެކްސީއެއް ނުލިބިގެން އޭނާ ގަޑިއެއްހާއިރު ހުންނަން ޖެހުނެވެ.

"ކުޑަކުދިން ވެސް ގޮވައިގެން އެހާއިރު ތިބެން ޖެހުނު. ހޯރަފުށީ އެއާޕޯޓް ނެތް އިރު ހަނިމާދޫއަށް ގޮސް ކަނޑުމަގުން ރަށަށް ދާން ހޭދަވާހާ ގިނައިރު އެއާޕޯޓްގައި ޓެކްސީއެއްގެ އިންތިޒާރުގައި ތިބެން ޖެހުނު. މިކަން ހައްލު ނުވެ އެއާޕޯޓްގެ އަސްލު ފަސޭހަކަމެއް ނެތް،" އޭނާ ބުންޏެވެ.

އެކަމަކު ހޯރަފުށީ ކައުންސިލުން މި ވާހަކަތައް ދޮގުކުރެ އެވެ.

"ބައިވަރު ޓެކްސީ އެބަހުރި މިހާރު ވެސް ހިދުމަތްދޭ. ފްލައިޓުގެ ޓައިމަށް ޓެކްސީތައް ދާނެ އެއާޕޯޓަށް. ރަށުން ބޭރު މީހުންނަށް ހާއްސަކުރަނީ ވެސް. ވަރަށް ރަނގަޅަށް ޓެކްސީތަކުންނާއި ޕްރައިވެޓް ކާރުތަކުން އެ ހިދުމަތް ދެނީ،" ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް އެއާޕޯޓު ހުޅުވި އިރު ވެސް އެ ހިސާބުގެ ރަށްތަކުގެ މީހުން މި ޝަކުވާ ކުރުމުން ރަށު ކައުންސިލުން ވަނީ ޓެކްސީގެ ހިދުމަތް ދަތި ނުވެ ލިބޭނެ ކަމަށް ބުނެފަ އެވެ. އޭރު ބުނެފައިވަނީ އެއާޕޯޓަށް އަންނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް އެ ރަށުގައި ވެހިކަލް ހުންނާނެ ކަމަށާއި އޭރު ހަތަރު ޓެކްސީ އާއި ޕްރައިވެޓް ކާރުތައް ވެސް ބޭނުންކުރާނެ ކަމަށެވެ.

އެއާޕޯޓުން ރަށު ބަނދަރަށް ދާން އެކަށީގެންވާ ވަރަށް ވެހިކަލް ނުލިބޭ މައްސަލަ ކުރިމަތިވާނެ ކަމަށް ބެލެވޭތީ އާއި ރަށްރަށުގެ މީހުންނަށް ފަސޭހަވާނެ ގޮތެއް ހެދުމަށް އެއާޕޯޓްގައި ވަކި ޖެޓީއެއް ހަދައިދޭން އެދި އިހަވަންދިއްޕޮޅުގެ ރަށްތަކުން ޕެޓިޝަނެއް ވެސް ހެދި އެވެ. އެއާޕޯޓަށް ލަފާފުރަން ވަކި ޖެޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް ހއ. އަތޮޅުގެ 12 ރަށަކުން ރައީސަށް ހުށަހެޅި އެވެ. އެރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެއާޕޯޓަށް ދިއުމަށް ހޯރަފުށްޓަށް ފައިބައިގެން ވެހިކަލެއްގައި އަނެއްކާވެސް ދަތުރުކުރަން ޖެހުމެވެ. އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ވަކި ޖެޓީއެއް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

އެއާޕޯޓް ބޭނުންކުރާ އެހެން ރަށްތަކުގެ މީހުންނަށް ޓެކްސީގެ ދަތިކަން ބޮޑުވެ އަނެއްކާވެސް ޖެޓީގެ ވާހަކަ ދެއްކި ނަމަވެސް އެ ރަށްރަށުގެ މީހުން ބުނަނީ މިކަން މިހެން ދިމާވާކަން ގަބޫލު ނުކޮށް ރަށްރަށު މީހުންނަށް ލުއިވާނެ ގޮތެއް ހަދައިދޭން އުޅޭތަން ނުފެންނަ ކަމަށެވެ.