Roadha Mihaaru
ނުފޫޒު ގަދަ މަހާތީރަށް މިފަހަރު ލަދުވެތި ނަތީޖާއެއް

ނުފޫޒު ގަދަ މަހާތީރަށް މިފަހަރު ލަދުވެތި ނަތީޖާއެއް

20 ނޮވެމްބަރ 2022

މެލޭޝިޔާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގައި ބެލެވޭ، ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދަށް، އިއްޔެގެ އާންމު އިންތިޚާބުގައި ވަރަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

މެލޭޝިޔާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގައި ބެލެވޭ، ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދަށް، އިއްޔެގެ އާންމު އިންތިޚާބުގައި ވަރަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

މި ފަހަރުގެ އިންތިޚާބުގައި ވެސް މަހާތީރު ވާދަކުރެއްވީ، 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވައިގެން ބޮޑު އަޣުލަބިއްޔަތެއް ހޯއްދެވި، ލަންކާވީ ރިސޯޓް ދާއިރާއަށެވެ. މިފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެ ދާއިރާ އިން މަހާތީރަށް ލިބިވަޑައިގަތީ ހަތަރު ވަނަ އެވެ.

އެ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވުމުގެ އިތުރުން މަހާތީރަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ލަދަކީ، އިންތިޚާބަށް ކުރިމަތިލެއްވުމަށް ދެއްކެވި ޑިޕޮސިޓް ފައިސާ އަނބުރާ ލިބިވަޑައިގަންނަވާ ވަރަށް ވެސް ވޯޓު ލިބިވަޑައިނުގަތުމެވެ. މެލޭޝިޔާގެ އާންމު އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން، އިންތިޚާބުގައި ވާދަކުރެއްވުމަށް ދައްކަވާ ފައިސާ އަނބުރާ ލިބޭނީ، އެ ދާއިރާއެއްގައި ވޯޓު ލީ މީހުންގެ މަދުވެގެން އަށް ބައިކުޅަ އެއްބައި މީހުންގެ ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެވެ.

ގޮނޑި ގެއްލި ޑިޕޮސިޓް ގެއްލުމުގެ އިތުރުން މަހާތީރަށް ކުރިމަތިވި އަނެއް ލަދަކީ، އޭނާގެ ޕާޓީން ވާދަކުރި އެންމެ ދާއިރާއެއް ވެސް އެ ޕާޓީ އަށް ކާމިޔާބު ނުކުރެވުމެވެ. މިއީ މަހާތީރު، 97،ގެ ސިޔާސީ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ. އޭނާ ވަނީ 1981 ވަނަ އަހަރުން ފެށިގެން، 2003 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް 22 އަހަރު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

މިފަހަރުގެ އިންތިޚާބަށް މަހާތީރު ކުރިމަތިލެއްވީ ވެސް، ސިޔާސީ މައިދާނުން ރިޓަޔާ ކުރެއްވުމަށް ގިނަ ބަޔަކު އޭނާ އަށް ގޮވައިލަމުން ދަނިކޮށެވެ. އެ ވާހަކަތަކަށް ބީރު ކަންފަތެއް ދެއްވައި، އިންތިޚާބަށް ކުރިމަތިލައްވަމުން މަހާތީރު ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމުގެ "ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް" ކަމަށެވެ.

އުމުރުން ދުވަސްވެ މުސްކުޅިފުޅުވުމުން ސިޔާސީ ހަރަކާތްތަކުން ރިޓަޔާ ކުރައްވަން ނުވޭތޯ، ނޫސްވެރިން ސުވާލު ކުރުމުން، 97 އަހަރުގެ މަހާތީރު ވިދާޅުވީ "މިތަނުގައި ކޮޅަށް ހުރެ ކަލޭމެންނާ ވާހަކަ ދެއްކުމަކީ" ވެސް ތިޔަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާގެ ވެރިކަމުގެ 22 އަހަރުގެ ތެރޭގައި ގެންގުޅުއްވީ ހަރުކަށި ސިޔާސަތެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒު ވިޔަސް، ހައި-ޓެކްގެ އުފެއްދުންތައް އެންމެ ގިނައިން އުފައްދައި އެކްސްޕޯޓްކުރާ ގައުމަކަށް މެލޭޝިޔާ ބަދަލުކޮށްލީ މަހާތީރުގެ ވެރިކަމުގަ އެވެ. އަދި އެ ދުވަސްވަރު އޮތް ސިޔާސީ ހަމަޖެހުމާއި ގައުމަށް ގެނައި އުމްރާނީ ތަރައްގީގެ ސަބަބުން، "ޒަމާނީ މެލޭޝިޔާގެ ބައްޕަ"ގެ ލަގަބުން މަހާތީރު ވަނީ މަޝްހޫރުވެފަ އެވެ.