Roadha Mihaaru
ޔާމީނާ ކުރަނީ އެނގޭ ކަމަށް ބެލެވޭ ކަންކަމާ ގުޅޭ ސުވާލު

މަރު ކޮމިޝަނުން ސުވާލު ކުރާނީ ޔާމީނަށް އެނގޭ ކަމަށް ބެލެވޭ ވަކިވަކި ކަންކަމާ ގުޅޭގޮތުން

03 އޯގަސްޓް 2021

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުކުރަނީ ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތަށް ކަމަށާއި ސުވާލުކުރާނީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުކުރަނީ ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތަށް ކަމަށާއި ސުވާލުކުރާނީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް، މިއަދު މެންދުރު 2:00 ގައި މަރު ކޮމިޝަނަށް ޔާމީން ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ކޮމިޝަނުން ޔާމީނާ ސުވާލުކުރަން ނިންމާފައި ވަނީ ރިލްވާން ގެއްލުވައިލުމާ ގުޅޭ ޖުމްލަ މައްސަލައާ ގުޅުވައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ސުވާލު ކުރާނީ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ވަކިވަކި ކަންކަމާ ގުޅޭ ގޮތުންނެވެ.

ޔާމީންގެ ވަކީލުން ވެސް ވިދާޅުވެފައިވަނީ ޔާމީން ހާޒިރުވާން އަންގާފައި ވަނީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ހުއްޓާ އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސްއެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެފަދަ އެއްވެސް ހުރަހެއް އެ މަނިކުފާނު ނާޅުއްވާ ކަމަށެވެ. އަދި އެ ވާހަކައިގެ ތެރެއިން ޔާމީން ވަނީ ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަ ސާފުކޮށްދެއްވައި ޔާމީންގެ ތަރުޖަމާނު ވަނީ ޔާމީން އެހެން ވިދާޅުވީ، ރިލްވާން މަރާލާފައިވާކަން އެނގިވަޑައިގެން ނޫން ކަމަށެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވެ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަަސީރަށް މެސެޖެއް ކުރެއްވި ކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަލް ޖަޒީރާއިން ތައްޔާރު ކުރި ސްޓީލިން ޕްރަޑައިސް ޑޮކިއުމެންޓަރީގައި ބުނެފައިވެ އެވެ. ނަމަވެސް، އުމަރު ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ރިލްވާންގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ރިލްވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރިލްވާންގެ މަރުގެ ތަހުގީގު އަދިވެސް ކޮމިޝަނުން ކުރިއަށް ގެންދާއިރު، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެނުނު ވަޅިއަކީ މުހިންމު ހެއްކެއް ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ވަޅި ބޭރަށް ފޮނުވައިގެން ތަހުލީލުތަކެއް ވެސް ހެދި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ހެދި އަދިވެސް އެމަނިކުފާނު ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.