Roadha Mihaaru
މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި

05 އޯގަސްޓް 2021

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދީފި އެވެ.

ފުލުހުން ބުނީ މަސްއޫދަށް ހަމަލާދިން މީހާ ހަތް ދުވަހަށް ބަންދުކުރަން އަމުރުދިނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް އިއްޔެ ރޭ 9:15 ހާއިރު ފުލުހުންނަށް ހުށަހެޅުމުން ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ރޭ ދަންވަރު 2:30 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާއިލާއާ އެކު ފޮނަދޫގައި ދިރިއުޅުއްވާ މަސްއޫދު "މިހާރު" އަށް އިއްޔެ ވިދާޅުވިގޮތުގައި އޭނާ އަަށް ހަމަލާދިނީ އިއްޔެ ރޭ 9:00 އެހާކަށް ހާއިރު އަނބިކަނބަލުންނާ އެކު ސައިކަލުގައި އެ ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ވަޑައިގަންނަވަނިކޮށެވެ. އޭނާ އަށް ހަމަލަދިން މަންޒަރު ފެންނަ ވީޑީއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، ހަމަލަދިން ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ.

"އަންހެނުންނާ އެކު ސައިކަލްގައި ދަނިކޮށް، އަންހެނުން ބުނެފި އެ މީހާ އަޑުގަދަ ކުރަމުން ފަހަތުން އެބައާދެއޭ. އެ ހިސާބުން އަހަރެން ބުނިން ފޯނުން ވީޑިއޯ ކުރާށޭ. އަހަރެންގެ ސައިކަލާ އަރާ ހަމަކޮށްފައި އޭނާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރިތަނާ ދިފާއުވާން އަތް ނެގީމާ އަހަރެންގެ އަތުގައި ޖެހުނީ،" މަސްއޫދު އިއްޔެ ވިދާޅުވި އެވެ.

އެ ހަމަލާގައި މަސްއޫދުގެ އަތް ފަޅައިގެން ދިއުމުން ފޮނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ކަމަށާއި މިހާރު ހާލު ރަނގަޅުކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވި އެވެ.

ހަމަލާ ދިން މީހާ މީގެ ކުރިން އެކި ފަހަރު މަތިން މަސްއޫދަށް އިންޒާރުދީފައި ވާއިރު މަސްއޫދުގެ ކާރުގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރޯކޮށްލި އެވެ. މަސްއޫދު އިއްޔެ ވިދާޅުވި ގޮތުގައި އިއްޔެރޭ އޭނާއަށް ހަމަލަދިނީ ވެސް ކާރު ރޯކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް އެބަގެންދެ އެވެ.