Roadha Mihaaru
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ

ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގައި ކޮވިޑްގެ ހާލަތު ގޯސްވަނީ

05 އޯގަސްޓް 2021

އޭޝިޔާގެ ގައުމުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވާ ވެކްސިން ޖެހުމުގެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާއިރު، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، އޭޝިޔާގެ ގައުމުތަކުގައި ކޮވިޑްގެ ނުރައްކާ އިތުރަށް ގޯސްވާން ފަށައިފި އެވެ.

އޭޝިޔާގެ ގައުމުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވާ ވެކްސިން ޖެހުމުގެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާއިރު، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، އޭޝިޔާގެ ގައުމުތަކުގައި ކޮވިޑްގެ ނުރައްކާ އިތުރަށް ގޯސްވާން ފަށައިފި އެވެ.

އެ ގޮތުން ޗައިނާ އާއި ޖަޕާން އަދި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުގައި މިހާރު ދަނީ ވަރަށް ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންނެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި މިހާރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހެމުން ދަނީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދާ ބައެއް ގައުމުތަކަކީ، މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލް ކުރި ގައުމުތަކެވެ.

ނަމަވެސް އާބާދީގެ ގިނަ މީހުންނަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ނުލިބުމުން، ވެކްސިން ނުޖެހިފައި ތިއްބައި، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެން ފެށުމާ އެކު މިހާރު ވަނީ، އެ ގައުމުތަކުގެ ސިއްހީ ހިދުމަތުގެ ނިޒާމުތަކަށް އޮބިނޯންނަ ވަރަށް ހާލަތު ގޯސްވެފަ އެވެ.

ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެއާގައި ވެސް މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދި ކޮވިޑަށް ފަރުވާ ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި، ބަލީގައި އެންމެ ބޮޑުވަރުވާ މީހުންނަށް ދޭން ބޭނުންވާ އޮކްސިޖަން ވެސް ބައެއް ހޮސްޕިޓަލްތަކުން ވަނީ ހުސްވެފަ އެވެ.

މި މައްސަލަތައް ކުރިމަތިވެ، އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެފައިވާތީ، ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ފުރަބަންދުގެ ހާލަތު އިއުލާންކޮށް، ކާރުހާނާތަކާއި ސްކޫލް މަދަރުސާތަކާއި ޔުނިވަސިޓީތައް ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި މިހާރު އަންނަނީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުތަކުން އިހުމާލުވާ ކަމަށް ބުނެ، އާންމުން މުޒާހަރާ ކުރަން ފަށައިފަ އެވެ. މެލޭޝިޔާ، އިންޑޮނޭޝިޔާ އަދި ތައިލޭންޑާއި މިޔަންމާގައި، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާއިރު، މުޒާހަރާތައް ރޫޅައިލުން ފިޔަވައި އެ ގައުމުތަކުގެ ސަރުކާރުތަކުން މާ ބޮޑު ކަމެއް ނުކުރެ އެވެ.

ވިއެޓްނާމަކީ ވެސް މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށުމާ އެކު އެޅި ހަރުކަށި ފިޔަވަޅުތަކުން، ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލް ކުރެވުނު ގައުމެކެވެ. ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހު، އާންމު ހާލަތެކޭ އެއްފަދައިން ވިއެޓްނާމުގެ ދިރިއުޅުން ކުރިއަށް ދިޔަ ނަމަވެސް، މިދިޔަ އެޕްރީލް މަހުން ފެށިގެން، ކޮވިޑްގެ ހާލަތު ގޯސްވެ ގައުމުގެ އިގްތިސާދަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން، ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދުވާލެއްގެ މައްޗަށް 8،000 އިން މަތީގައި ހުރުމަށް ފަހު، އިއްޔެ އެ އަދަދު ވަނީ 7،623 އަށް ތިރިވެފަ އެވެ. ވިއެޓްނާމުން މިހާތަނަށް ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު 177،800 ގައި ހުރި އިރު، އޭގެ 85 ޕަސެންޓަކީ ހަމައެކަނި މިދިޔަ މަހުގެ ތެރޭގައި މި ބަލި ޖެހުނު މީހުންނެވެ.

މެލޭޝިޔާގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އެ ގައުމުގައި މިހާރު ކޮވިޑްގެ ހާލަތު އޮތީ ސިޔާސީ ހަތިޔާރަކަށް ހަދައިފަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅަނީ، ކޮވިޑްގެ ނަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން، ސަރުކާރު ދެމިއޮތުމުގެ ބޭނުމުގައި ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.