Roadha Mihaaru
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި

ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި

15 ޑިސެމްބަރ 2022

ކާރުބާރު ބޮޑު ބެއިޖިންގެ މަގުތައް މިހާރު ފެންނަނީ އާދަޔާ ޚިލާފަށް ހުސްކޮށެވެ. ހިނގާ މީހުންނެއް ދުއްވާ އެއްޗެއް ވަރަށް މަދުން ނޫނީ މަގަކުން ނުފެންނަ އިރު، ބޮޑެތި ޝޮޕިން މޯލްތަކާއި ސައި ހޮޓާތަކާއި ރެސްޓޮރަންޓްތައް ހުރީ ބަންދުކޮށްފަ އެވެ.

ކާރުބާރު ބޮޑު ބެއިޖިންގެ މަގުތައް މިހާރު ފެންނަނީ އާދަޔާ ޚިލާފަށް ހުސްކޮށެވެ. ހިނގާ މީހުންނެއް ދުއްވާ އެއްޗެއް ވަރަށް މަދުން ނޫނީ މަގަކުން ނުފެންނަ އިރު، ބޮޑެތި ޝޮޕިން މޯލްތަކާއި ސައި ހޮޓާތަކާއި ރެސްޓޮރަންޓްތައް ހުރީ ބަންދުކޮށްފަ އެވެ.

ނަމަވެސް މިފަހަރު ބެއިޖިން އަށް ފަޅުކަން މި މެދުވެރިވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި އާންމުކޮށް އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބަކުން ނޫނެވެ. ބެއިޖިންގައި ފުރަބަންދުގެ ހާލަތު ވެސް މިވަގުތު އިއުލާންކޮށްފައެއް ނެތެވެ.

ބެއިޖިން އަށް މިހާރު ފަޅުކަން ވެރިވެފައި މިވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިފާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގެ ބައެއް ސަހަރުތަކުގައި އާންމުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، ހަރުކަށި ފިޔަވަޅު އެޅުން ހުއްޓާލާފައިވަނިކޮށެވެ. ކޮވިޑާ ދެކޮޅު ހަރުކަށި ފިޔަވަޅުތައް އެޅުން ދޫކޮށްލުމާ އެކު، އެންމެ ހަލުވިކޮށް ޗައިނާގައި ކޮވިޑް ފެތުރެން ފެށި އެއް ސަރަހައްދަކީ ބެއިޖިން އެވެ. ކޮވިޑާ ދެކޮޅު ހަރުކަށި ފިޔަވަޅުތައް ދޫކޮށްލިތާ ހަފުތާއެއް ވީއިރު، ބެއިޖިންގައި ކޮވިޑް ފެތުރުން އާންމުވެ، އެ ބައްޔަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ހާހުން މައްޗަށް އަރައިފަ އެވެ.

ކޮވިޑްގެ ބިރަށް އާންމުން މަގުތަކަށް ނުކުތުން ހުއްޓައިލުމާއި، ނުކުންނަން ޖެހުނަސް، އެހެން މީހުންނާ ވީހާ ދުރުގައި އުޅެން އިސްކަން ދޭތީ، ގިނަ ފިހާރަތައް ހުރީ ބަންދުކޮށްފަ އެވެ. ބައެއް ޝޮޕިން މޯލްތައް ހުޅުވާފައި ހުއްޓަސް، ވިޔަފާރިކުރުމަށް އެއިން ތަނަކަށް ވެސް ވަންނަނީ މަދު މީހެކެވެ. އަދި އަމުދުން ހޮޓާތަކާއި ރެސްޓޮރަންޓްތަކަށް ވަންނާނެ މީހަކު ނުވާތީ، ހުޅުވާފައި ހުންނަ މަދު ތަނަކުން ވެސް ދެނީ ޓޭކްއަވޭގެ ޚިދުމަތެވެ.

ގިނަ ބަޔަކަށް ކޮވިޑް ޖެހެމުންދާތީ އާއި ބަލި ކޮންޓްރޯލްވާ ކަމުގެ އެއްވެސް އަލާމާތެއް ނުފެންނާތީ، ބެއިޖިންގައި ހުރި ގިނަ އޮފީސްތަކަށް ހާޒިރުވަނީ ވެސް މަދު މުވައްޒަފެކެވެ. އެހެންކަމުން، ގިނަ ކުންފުނިތަކާއި ގިނަ އޮފީސްތަކުން މިހާރު ހަމަޖައްސާފައިވަނީ، ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރާ ގޮތަށެވެ.

އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑް ފެތުރުނު ދުވަސްވަރާ އަޅައި ބަލާއިރު، މިހާރުގެ ތަފާތަކީ، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމާއި، ކޮވިޑް ޖެހުމުން ހާލު ބޮޑުވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދިއުމެވެ. އެ އަދަދުތައް ދަށަށް ގޮސްފައިވަނީ، ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިން ގިނަ ބަޔަކަށް ދީފައިވާތީ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ސަރުކާރުން ކަނޑައަޅާފައިވާ ތަންތަނަށް ގޮސް ކޮވިޑަށް ޓެސްޓު ކުރަން ޖެހުމެވެ. ނަމަވެސް އެކަން މިހާރު ހުއްޓާލާފައިވުމުން، ގިނަ މީހުން ކޮވިޑް ޖެހިފައިވޭތޯ ބަލަނީ، ގޭގައި ބޭނުންކުރެވޭ އެންޓިޖީން ޓެސްޓް ކިޓްތައް ބޭނުންކޮށްގެންނެވެ.

އެހެންކަމުން، ކޮވިޑް ޖެހިފައިވާ މީހުންގެ ފުރިހަމަ އަދަދު ދެނެގަތުމާއި، އެ ބަލި ޖެހިފައިވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމައަށް ނުކުރެވޭނެ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ ބުންޏެވެ.