Roadha Mihaaru
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް

ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް

08 އޯގަސްޓް 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވިޔަސް، ކަރަންޓީނު ނުވެ އެމިރޭޓްސް އަށް އެތެރެ ނުވެވޭނެ ހަ ގައުމެއް، އެމިރޭޓްސް އިން އިއްޔެ ކަނޑައަޅައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވިޔަސް، ކަރަންޓީނު ނުވެ އެމިރޭޓްސް އަށް އެތެރެ ނުވެވޭނެ ހަ ގައުމެއް، އެމިރޭޓްސް އިން އިއްޔެ ކަނޑައަޅައިފި އެވެ.

އެ ހަ ގައުމަކީ، އިންޑިޔާ، ޕާކިސްތާން، ބަނގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި ފިލިޕީންސް އެވެ. އެމިރޭޓްސްގެ ކަމާ ގުޅޭ އިދާރާތަކުން ބުނާ ގޮތުގައި މި ގޮތަށް ކަނޑައެޅީ، އެ ގައުމުތަކުން ދެ ޑޯޒް ފުރިހަމަކޮށްގެންކަމަށް ބުނެ އެމިރޭޓްސް އަށް އެތެރެވޭ މީހުން ވެސް، ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް އިތުރުވަމުން ދާތީ އެވެ.

އެމިރޭޓްސްގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުތަކުން އެމިރޭޓްސް އަށް އެތެރެވާ މީހުންގެ ތެރެއިން ގަތަރުގައި ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަ މީހުން ދެ ދުވަހަށް، ޓޫރިސްޓު ހޮޓަލެއްގައި ކަރަންޓީނު ވާންޖެހޭނެ އެވެ. އަދި އެ ނޫން ގައުމަކުން ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަ މީހަކު ނަމަ 10 ދުވަހަށް، ޓޫރިސްޓު ހޮޓަލެއްގައި ކަރަންޓީނު ވާންޖެހޭނެ އެވެ.

އެމިރޭޓްސްގައި ކޮވިޑް ފެތުރެން ފެށީއްސުރެ މިއަދާ ހަމައަށް އެ ގައުމުގައި 227000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 601 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މިމަސް ފެށުމަށް ފަހު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ހުންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އައުމުން ވެސް، ބައެއް ގައުމުތަކުން އަންނަ މީހުން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ ގޮތަށް ނިންމުމުން، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެމިރޭޓްސް ސަރުކާރަށް އަމާޒުވެފަ އެވެ. އެމީހުން ބުނާ ގޮތުގައި، އެއް ބާވަތެއްގެ ކޮވިޑް ވެކްސިން ޖަހައިގެން އައުމުން ވެސް، ވަކި ގައުމުތަކެއްގެ މީހުން ކަރަންޓީނުވާން ނުޖެހި، ވަކި ގައުމުތަކެއްގެ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުމަކީ، ވަރަށް ބޭއިންސާފު ނިންމުމެކެވެ.

ގަތަރުގައި ޖަހާ ވެކްސިން، ގަތަރުން ޖަހައިގެން އެމިރޭޓްސް އަށް އައުމުން ދެ ދުވަހު ކަރަންޓީނުވެގެން ސަލާމަތްވާ އިރު، ހަމަ އެ ވެކްސިން އެހެން ގައުމަކުން ޖަހައިގެން އައުމުން 10 ދުވަހު ކަރަންޓީނު ވާންޖެހެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ތިން ވަނަ ފިޔަވަހި ތަންފީޒު ކުރަން ފެށީ މިމަސް ފެށުމާ އެކުގަ އެވެ. އެހެން ނަމަވެސް، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެންނަން ފެށުމާ ގުޅިގެން، ލުއިތައް ދިނުމާ މެދު އިތުރު ވިސްނުމަކަށް ދާންޖެހިފައިވާ ކަމަށް އެމިރޭޓްސް ސަރުކާރުން ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް މިއަހަރުގެ ކުރީކޮޅު ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން، މިހާތަނަށް 3.9 މިލިއަން ޑޯޒްގެ ވެކްސިން، އެމިރޭޓްސްގައި ދީފައިވެ އެވެ.