Roadha Mihaaru
"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ

ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ ފަރުހާންގެ "ޖީ ލޭ ޒަރާ" އަށް ސޮއިކޮށްފި

11 އޯގަސްޓް 2021

ފަރުހާން އަޚްތަރު އަލުން ފިލްމެއް ޑައިރެކްޓްކުރާނެ އިރަކާ ބެހޭ ގޮތުން ކުރިމަތިވަމުން އަންނަ ސުވާލަށް "ޖީ ލޭ ޒަރާ" ކިޔާ ފިލްމަކުން ޖަވާބު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަރުހާން އަޚްތަރު އަލުން ފިލްމެއް ޑައިރެކްޓްކުރާނެ އިރަކާ ބެހޭ ގޮތުން ކުރިމަތިވަމުން އަންނަ ސުވާލަށް "ޖީ ލޭ ޒަރާ" ކިޔާ ފިލްމަކުން ޖަވާބު ދީފި އެވެ.

އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމުގެ ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓެވެ. ފަރުހާން ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ މި ތިން ތަރިން އެއް ފިލްމަކުން އެކީގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

"ޖީ ލޭ ޒަރާ" އަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ.

އެތަނުން ގެނެސްދން ފަރުހާންގެ ފުރަތަމަ ޑައިރެކްޝަން 2001 ގެ "ދިލް ޗާތާ ހޭ" އަކީ ވެސް ތިން އެކުވެރިއެއްގެ ރޯޑް-ޓްރިޕް ފިލްމެކެވެ. އޭގެ ބަތަލުންނަކީ އާމިރު ޚާނާއި ސައިފް އަލީ ޚާންގެ އިތުރުން އަކްޝޭ ކަންނާ އެވެ. ބަތަލާއިންނަކީ ޕްރިތީ ޒިންތާ އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ސޮނާލީ ކުލްކަރްނީ އެވެ.

އެކްސެލް އިން ގެނެސްދިން ދެވަނަ ރޯޑް-ޓްރިޕް ފިލްމަކީ ކެޓްރީނާ އާއި ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅެ، ފަރުހާންގެ ދައްތަ ޒޯޔާ 2011 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ. އޭގެ ކާސްޓްގައި ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.

"ޖީ ލޭ ޒަރާ" އަށް ޕްރިޔަންކާ ސޮއިކުރި އިރު، އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ ފަރުހާނާ އެކު ފެނިގެން ދިޔަ ޑައިރެކްޓަރު ޝޮނާލީ ބޯސްގެ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. މިހާރު ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑްގައި އުޅޭ ބަތަލާ އަކީ ފަރުހާން ޑައިރެކްޓްކުރި އެންމެ ފަހު ދެ ފިލްމު ކަމަށްވާ 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އެވެ.

"ޖީލޭ ޒަރާ" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު އަހަރު ޝޫޓިން ފަށާ ފިލްމު ސިނަމާތަކަށް ގެންނާނީ 2023 ގައި ކަމަށް ބުންޏެވެ.

ފިލްމުގެ ތިން ތަރިން އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭގެ ވާހަކަ ހިއްސާކޮށް، ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން ތިބި ކަމަށް ބުނެފައިވެ އެވެ.