Roadha Mihaaru
ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި

ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި

02 ނޮވެމްބަރ 2021

ފިލްމެއް ޑައިރެކްޓް ނުކުރާތާ 10 އަހަރު ފަހުން ޑައިރެކްޓް ކުރަން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފަށަން ކެތް މަދުވެފައި ހުރި ކަމަށާއި އެ އިއުލާންކުރި ފަހުން ފޭނުންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ ބަސްތަކުން ވަރަށް އުފަލުން ހުރި ކަމަށް ފަރުހާން އަޚްތަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމެއް ޑައިރެކްޓް ނުކުރާތާ 10 އަހަރު ފަހުން ޑައިރެކްޓް ކުރަން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފަށަން ކެތް މަދުވެފައި ހުރި ކަމަށާއި އެ އިއުލާންކުރި ފަހުން ފޭނުންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ ބަސްތަކުން ވަރަށް އުފަލުން ހުރި ކަމަށް ފަރުހާން އަޚްތަރު ބުނެފި އެވެ.

ތިން އަންހެނެއްގެ ރޯޑް ޓްރިޕެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ތަރިންނަކީ ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި 2011 ގެ "ޑޮން 2" ގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ފަރުހާނާ އެކު 2011 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގައި ރޯލެއް ކުޅުނު ކެޓްރީނާ ކައިފްގެ އިތުރުން ފަރުހާނާ އެކު މުޅިން އަލަށް މަސައްކަތްކުރާ އާލިއާ ބަޓް އެވެ. އާލިއާ އަކީ ފަރުހާން ޕްރޮޑިއުސްކޮށް، ދައްތަ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި 2019 ގެ ފިލްމު "ގަލީ ބޯއި" ގެ ބަތަލާ އެވެ.

"ޖީ ލޭ ޒަރާ" އާ ބެހޭ ގޮތުން މިޑް-ޑޭއާ ވާހަކަ ދައްކަމުން ހުނަރުވެރި ޑައިރެކްޓަރު ބުނީ އޭނާގެ އާ ފިލްމުން އަންހެނުންތަކެއްގެ ވާހަކަ ވަރަށް ފުރިހަމަ އަށް ކިޔައިދޭނެ ކަމަށެވެ. ފަރުހާން ބުނި ގޮތުގައި އާންމުކޮށް ބޮލީވުޑްގައި ބަތަލާއިންގެ ވާހަކަތަކަށް ހާއްސަ ފިލްމުތައް ހެދުން މަދު ނަމަވެސް، ބަތަލާއިންނާ އެކު ވަރަށް ތަފާތު ހިތްގައިމު ވާހަކަތަކެއް ކިޔައިދެވިދާނެ އެވެ.

އެ ގޮތުން ޑްރާމާ އާއި ކޮމެޑީ އަދި ތުރިލާ ފަދަ ޖޯންރާތައް ބަތަލާއިން ލީޑްކުރާ ގޮތަށް ގެނެސްދޭ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ޖުލައިގައި ރިލީޒްކުރި "ތޫފާން" ގެ އެކްޓަރު ބުންޏެވެ. އޭނާ ބުނި ގޮތުގައި ދެ ޖިންސްގެ އެކްޓަރުންގެ މެދުގައި ބެލެންސެއް ވެސް ގެންގުޅެވޭނީ ދެ ޖިންސްގެ މީހުންނަށް ވެސް އެ މީހުންގެ ހުނަރު ދައްކާލަން ފުރުސަތު ލިބޭ ކަހަލަ ފިލްމުތައް ހެދުން އިތުރުކޮށްގެންނެވެ.

ފަރުހާން (ވ) އާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ.

"އަހަރެން ބަލާނަން ބެލުންތެރިން ވަރަށް ޝައުގުވެރިވާ ކަހަލަ ވާހަކައެއް މީގައި ކިޔައިދެވޭތޯ. ތައްޔާރީތައް މިހާރު ވެސް ބާރަށް ކުރިއަށްދާ އިރު ފިލްމުގެ ޝޫޓިން ފަށަން ވެސް ކެތްމަދުވެފައި މި ހުންނަނީ،" ދިލް ޗާތާ ހޭގެ ނަމުގައި ފިރިހެން ތިން އެކުވެރިއެއްގެ ރޯޑް ޓްރިޕް ފިލްމެއް 2001 ގައި ގެނެސްދިން ފަރުހާން ބުންޏެވެ. "އެންމެ އުފާވާ އެއް ކަމަކީ ފިލްމު އިއުލާންކުރި ފަހުން ފޭނުންގެ ފަރާތުން ލިބެމުން އަންނަ ފީޑްބެކްގެ ސަބަބުން. ވަރަށް ގިނަ ބަޔަކު މިހާރު ވެސް ޖީ ލޭ ޒަރާގެ އިންތިޒާރުގައި ތިބުމަކީ ފިލްމު ހަދަން ލިބޭ އިތުރު ހިތްވަރެއް."

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަދި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ 2023 ގަ އެވެ. "ޖީ ލޭ ޒަރާ" ވަނީ 2019 ގައި "ދަ ސްކައި އިޒް ޕިންކް" އަށް ފަހު ޕްރިޔަންކާ ކުޅޭ ފުރަތަމަ ހިންދީ ފިލްމަށެވެ. އެ ފިލްމުގައި އޭނަގެ ބަތަލަކީ ފަރުހާނެވެ.