Roadha Mihaaru
ސީ ޕްލޭން ޓާމިނަލް ނިންމައި ހަވާލުކޮށްފި

ސީ ޕްލޭން ޓާމިނަލް ނިންމައި ހަވާލުކޮށްފި

12 އޯގަސްޓް 2021

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި، ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އެމްއޭސީއެލް އާ އެތަން ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި، ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އެމްއޭސީއެލް އާ އެތަން ހަވާލުކޮށްފި އެވެ.

ޗައިނާގެ އޮފިޝަލް ސްޓޭޓް ނިއުސް އޭޖެންސީ، ޝިންހުއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ ހެދި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ބީޔޫސީޖީން ވަނީ އެއްކޮށް ނިންމާފަ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު) ހުންނާނެ އެވެ. އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމައަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. ރާއްޖޭގައި މިހާރު ސީ ޕްލޭން ހިދުމަތް ޓީއެމްއޭ އާއި އައިލެންޑް އޭވިއޭޝަނާއި މަންޓާ އެއާއިންނެވެ.

އާ ޓާމިނަލްގެ ޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއްފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންތަކެއް އެއާޕޯޓުގެ ފްލޯޓިން ޖެޓީ ކައިރީގައި. އާ ޓާމިނަލްގެ ފްލޯޓިން ޖެޓީ ސަރަހައްދުން 100 ބޯޓަށް އެއް ފަހަރާ ހިދުމަތް ދީފި---

މޯލްޑިވިއަންގެ ސީ ޕްލޭންތަކެއް އެއާޕޯޓުގެ ފްލޯޓިން ޖެޓީ ކައިރީގައި. އާ ޓާމިނަލްގެ ފްލޯޓިން ޖެޓީ ސަރަހައްދުން 100 ބޯޓަށް އެއް ފަހަރާ ހިދުމަތް ދީފި---

ސީ ޕްލޭންގެ ކޮންޓްރެކްޓާ، ބީޔޫސީޖީގެ ޕްރޮޖެކްޓް ޑައިރެކްޓާ ޖަން ފެންގްލިން ވިދާޅުވީ، އާ ސީ ޕްލޭން ޓާމިނަލާ އެކު ޓޫރިސްޓުންނަށް މިހާރަށް ވުރެ ކޮލިޓީ ހިދުމަތްތައް ދެވޭނެ ކަަމަށެވެ. އަދި ޑޮމެސްޓިކް ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ފުޅާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސާ މުހައްމަދު ސޮލާހު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ކުރިމަތިވި ދަތިތަކާ އެކު ވެސް ސީ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮޖެކްޓް ނިންމުމަށް ފަހު އެމްއޭސީއެލްއަށް ރަސްމީކޮށް ހަވާލުކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ބީޔޫސީޖީން އަންނަނީ ރާއްޖޭގެ ތަރައްގީގެ ބޮޑެތި ޕްރެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މަޑިވަރު އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތްތައް ވެސް އެކުންފުނިން ކޮށްފައިވެ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ހާއްސަ ޕްރޮޖެކްޓްގެ ތެރެއިން ސީ ޕްލޭން ޓާމިނަލްގެ މަސައްކަތަކީ ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށްދާ މަސައްކަތެކެވެ. އެއާޕޯޓުގެ ބޮޑު ރަންވޭ ހުޅުވެން އޮތީ ވެސް، ސީ ޕްލޭން ޓާމިނަލް ހުޅުވި ހިދުމަތް ދޭން ފެށުމުންނެވެ. އާ ރަންވޭ ހުޅުވުމަށްޓަކައި ބޭނުންވާ ހުސް ޖާގަ ލިބޭނީ، މިހާރު ސީ ޕްލޭން ޓާމިނަލްތައް ހުރި ސަރަހައްދު ހުސްކޮށްގެންނެވެ.