Roadha Mihaaru
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި

ޓީއެމްއޭ އިން ގަމާއި ހުވަދުއާ ދެމެދު ސީ ޕްލޭން ދަތުރުތައް ފަށައިފި

05 ޑިސެމްބަރ 2016

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ސ. ގަމާއި ހުވަދު އަތޮޅުގެ ރިސޯޓްތަކާ ދެމެދު ސީ ޕްލޭންގެ ދަތުރުތައް ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ސ. ގަމާއި ހުވަދު އަތޮޅުގެ ރިސޯޓްތަކާ ދެމެދު ސީ ޕްލޭންގެ ދަތުރުތައް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީ ޕްލޭންގެ އޮޕަރޭޝަން ހިންގާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 15 މީހުންގެ ޖާގައިގެ އެއް ބޯޓާ އެކު މިދިޔަ ހޮނިހިރު ދުވަހު ދަތުރުތައް ފެށީ ގަމާއި ގއ. އަދި ގދ. އަތޮޅުގެ ރިސޯޓްތަކާ ދެމެދު ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުކުރީ މިދިޔަ އަހަރު ގދ. އަތޮޅުގައި ހުޅުވި އަމަރީ ހަވޮއްޑާއިން ގަމަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އެއް ބޯޓުން ފުދޭ. ޓޫރިސްޓުން އުފުލުމުގެ އިތުރުން ފޮޓޯ ފްލައިޓާއި އެކްސްކާޝަން ދަތުރުތައް ވެސް އަޅުގަނޑުމެން ކޮށްދެން،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭ ގޭމް އޮޕަރޭޝަންގައި ބައިވެރިވާ މުވައްޒަފުންތަކެއް.

ޓީއެމްއޭ ގޭމް އޮޕަރޭޝަންގައި ބައިވެރިވާ މުވައްޒަފުންތަކެއް.

ގަން އެއާޕޯޓް އަލުން ތަރައްގީކުރި އިރު ސީޕްލޭނަށް ހާއްސަ ބައެއް ވެސް ވަނީ ހަދައިފަ އެވެ.

ގަމާއި ހުވަދުއާ ދެމެދު ޓީއެމްއޭ އިން ދަތުރުތައް ފެށިއިރު، މިދިޔަ ހޮނިހިރުދުވަހު ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސް އިން ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ.

ޓީއެމްއޭގެ އޮފިޝަލް ވިދާޅުވީ ސްރީލަންކަން އެއާލައިންސް އިން ގަމަށް ދަތުރުތައް ފެށުމަކީ އެ ސަރަހައްދަށް އިތުރު ޓޫރިސްޓުން އަންނަން ހުޅުވުނު ދޮރެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވި ކަމެއް ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމަކީ. ކުރިޔަށް އޮތް ތަނުގައި އައްޑޫ އަދި ހުވަދުއަށް ވެސް އަންނަ ޓޫރިސްޓުން ބޭނުންކުރާނީ އެ ރޫޓު،" އޭނާ ވިދާޅުވި އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.