Roadha Mihaaru
ސާކްގެ ސުލްހަ އޮތީ ކަޝްމީރާ ގުޅިފައި: ސަފީރު

ސާކްގެ ސުލްހަ އޮތީ ކަޝްމީރާ ގުޅިފައި: ޕާކިސްތާނުގެ ސަފީރު

14 އޯގަސްޓް 2021

ސާކް ސަރަހައްދުގެ ސުލްހައާ ގުޅިފައި ވަނީ ކަޝްމީރާ ކަމަށް ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އާތިރު މުހުތާރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ސާކް ސަރަހައްދުގެ ސުލްހައާ ގުޅިފައި ވަނީ ކަޝްމީރާ ކަމަށް ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އާތިރު މުހުތާރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސާކް ސަރަހައްދުގައި ސުލްހަ ގާއިމު ކުރެވޭނީ އދ. ގެ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރު އަދި އެ ގައުމުގެ މީހުން އަބަދުވެސް ތިބޭނީ ކަޝްމީރާ އެކުގައި ކަމަށާއި ކަޝްމީރުގެ މީހުންނަށް މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތުގައި ޕާކިސްތާނުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ސަފީރު ވަނީ ކަޝްމީރުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ގައުމުތަކަށް ވެސް ގޮވާލައްވައިފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ބައެއް މީހުން ވެސް ބައިވެރިވި ހަފުލާގައި ސަފީރު ވަނީ ޕާކިސްތާނުގެ ދިފާއުގައި ޝަހީދުވި މީހުންގެ ހަނދާންތައް އާކުރައްވައި، އެއީ މިނިވަން، މުސްތަގިއްލު ގައުމަކަށް ހެދުމަށްޓަކައި، ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހަފުލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަހުމަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހަފުލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަހުމަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

ސަފީރު ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނުގެ ސިޔާސަތުގެ ދަށުން އެ ގައުމު ކުރިއަރަމުންދާ ކަމަށާއި ޕާކިސްތާނުގެ އިގްތިސާދަށް ބުރޫނާރާނެ ފަދަ ގޮތަކަށް ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ އެ ގައުމުގެ ހުރިހާ މީހުންނަށް ކޮވިޑް ވެކްސިން ދިނުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތުން ޕާކިސްތާނުގައި ހިންގަމުން އަންނަ ބައެއް މަޝްރޫއުތަކަށް ސަފީރު އަލިއަޅުއްވައިލެއްވި އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމަށް 55 އަހަރު ވެފައި ވާއިރު، އެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދިވެހި ސަރުކާރާ އެކު ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އަތްދަށުން ޕާކިސްތާނު މިނިވަންވެ، މުސްތަގިއްލު ދައުލަތަކަށްވީ އޮގަސްޓް 14، 1947 ގަ އެވެ.