Roadha Mihaaru
ގިނަ ދުވަސްތަކެއް ފަހުން ބަޒްމީގެ ފިލްމެއް ސަލްމާނަށް

ގިނަ ދުވަސްތަކެއް ފަހުން ސަލްމާނަށް ބަޒްމީގެ ފިލްމެއް

18 އޯގަސްޓް 2021

ސަލްމާން ޚާނާ އެކު ކާމިޔާބު ދެ ކޮމެޑީއެއް އުފެއްދި ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު އޭނާ އަލުން ފިލްމެއްގެ މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާނާ އެކު ކާމިޔާބު ދެ ކޮމެޑީއެއް އުފެއްދި ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު އޭނާ އަލުން ފިލްމެއްގެ މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި މި ފިލްމާ ބެހޭ ގޮތުން ސަލްމާނާއި ބަޒްމީ އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު ސަލްމާން އެހެން ޕްރޮޖެކްޓްތަކެއްގެ މަސައްކަތްތަކުގައި ބިޒީކޮށް އުޅޭތީ، ބަޒްމީއާ އެކު އޭނާ އަލުން މަސައްކަތްކުރާނެ ފިލްމުގެ މަސައްކަތް އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ބެލެވެނީ 2023 ހިސާބުގަ އެވެ.

އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރި ދެ ފިލްމަކީ ރެޑީ (2011) އާއި ނޯ އެންޓްރީ (2005) ގަ އެވެ. "ނޯ އެންޓްރީ" ގެ ސީކްއެލްއެއް ވެސް ސަލްމާނާ އެކު ހަދަން ބަޒްމީ މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެކަމަކު އެ ފިލްމަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ހިއްސާވާ އެއްޗަކަށްވާތީ، އަލުން ބޯނީ ޕްރޮޑިއުސްކުރާ ފިލްމެއްގައި ބައިވެރިނުވާން ސަލްމާން ވަނީ ނިންމައިފަ އެވެ. އެހެންވެ "ނޯ އެންޓްރީ" ގެ ސީކްއެލް އޮތީ ހަގީގަތަކަށް ނުހެދި އެވެ.

ކުރިން ބޯނީއާ ވަރަށް ގާތް ގުޅުމެއް އޮތް ސަލްމާން، އެ ގުޅުން ކަނޑާލީ ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރް ސަލްމާންގެ ކުރީގެ ފަހަރި މަލައިކާ އަރޯރާއާ ހިތާވެގެން އުޅޭތީ އެކަމާ ހިތްހަމަނުޖެހިހެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަލައިކާ އަކީ ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާންގެ ދަރިފުޅުގެ މަންމަ އެވެ. އަރްބާޒާއި މަލައިކާ ކައިވެނި ރޫޅައިލީ 2018 ގަ އެވެ.

ސަލްމާނާ އެކު ބަޒްމީ ފިލްމެއް ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ އިރު އޭނާ މިހާރު އަންނަނީ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީއާ އެކު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ މަސައްކަތްކުރަމުންނެވެ. މި ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 13 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

މިހާތަނަށް ކާމިޔާބު އެތައް ފޮލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ކޮމެޑީ "ޕާގަލްޕަންތީ" އެވެ.

ސަލްމާން މި ވަގުތު "ޓައިގާ 3" ގެ މަސައްކަތްކުރަމުން އަންނަ އިރު، ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިމިފައި އޮތް "އަންތިމް" އާއި ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އަދި "ކިކް 2" ހިމެނެ އެވެ.