Roadha Mihaaru
މިއުޒިޝަނަކަށް ނުވެވޭނޭ ބުނެ މަލާމާތްކުރި: ޝީރަން

މިއުޒިޝަނަކަށް ނުވެވޭނޭ ބުނެ މަލާމާތްކުރި: ޝީރަން

18 އޯގަސްޓް 2021

އެންމެ ކުޑައިރުއްސުރެ ވެސް ވާން ބޭނުންވީ މިއުޒިޝަނަކަށް ކަމަށާއި އެކަމަކު މިއުޒިކީ ދާއިރާ އަށް ނުކުންނަން ބޭނުންވާ ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ފަރާތުން ކުރިމަތިވީ މަލާމާތާއި ފުރައްސާރަ ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ކުޑައިރުއްސުރެ ވެސް ވާން ބޭނުންވީ މިއުޒިޝަނަކަށް ކަމަށާއި އެކަމަކު މިއުޒިކީ ދާއިރާ އަށް ނުކުންނަން ބޭނުންވާ ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ފަރާތުން ކުރިމަތިވީ މަލާމާތާއި ފުރައްސާރަ ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނެފި އެވެ.

މިހާރު ދުނިޔޭގެ އެންމެ ކާމިޔާބު އަދި އިނގިރޭސިވިލާތުގައި މިއުޒިކުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝީރަން ސަންޑޭ މިރާ އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ހުނަރުވެރި ފަންނާނުން އުފެދޭނީ ވެސް ކުޑައިރު ކުދިންގެ ހުވަފެންތައް ހަގީގަތަކަކަށް ހަދަން ހިތްވަރު ދީގެންނެވެ.

"އަހަންނަށް ދިމާވި ގޮތަކީ މިއުޒިޝަނަކަށްވުމުގެ ހުވަފެން ދެކޭ ވާހަކަ ބުނީމަ މަލާމާތާއި ފުރައްސާރަ ލިބުން. ބައެއް މީހުން ބުނެފައި އެބަހުރި ކަލޭ ކޮންމެވެސް އެހެން ކަމާ އުޅޭށޭ ވެސް. ކަލެއަކަށް ލަވައެއް ނުކިޔޭނޭ. މިއުޒިކަކީ ކަލޭ ކަހަލަ މީހުން ބޭނުންވާ ދާއިރާއެއް ނޫނޭ،" މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ޝީރަން ބުންޏެވެ.

ގްރެމީގެ އިތުރުން މިއުޒިކް ދާއިރާގެ އެތައް އެވޯޑެއް ހޯދާފައިވާ 30 އަހަރުގެ ފަންނާނު ބުނީ ވަކި ކަމެއް ކުރަން ހިތުލައިގެން އުޅޭ ނަމަ އެކަމަކާ ހަމައަށް ވާސިލުވާން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

"އޭރުން ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ. އަހަރެންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ބުނާނީ މިއުޒިޝަނަކަށްވާން ބޭނުން ނަމަ މީހުން ކިޔާހާ އެއްޗަކަށް ސަމާލުކަމެއް ދޭނެ ކަމެއް ނެތޭ. ތިމާ ލޯބިކުރާ ކަމެއް ކުރަން ބޭނުން ނަމަ ކޮންމެވެސް ދުވަހަކުން ކާމިޔާބީއާ ހަމައަށް ދެވޭނެ." ޝީރަން ބުންޏެވެ.

ދެހާސް ނަވާރައިގައި ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް ހުރި ލަވަކިޔުންތެރިޔާ މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވެ އެވެ. އެއީ ނަމްބަ 6 ކޮލަބަރޭޝަން ޕްރޮޖެކްޓް (2016) އާއި ޑިވައިޑް (2017) އާއި މަލްޓިޕްލައި (2014) އަދި އެޑިޝަން (2011) އެވެ.

ބައެއް ފިލްމުތަކުގައ ވެސް މަސައްކަތްކޮށްފައިވާ ޝީރަން މިހާރު ވެސް އަންނަނީ އާ އަލްބަމެއްގެ މަސައްކަތްކުރަމުންނެވެ. ޝީރަން މިއުޒިޝަނެއްގެ ގޮތުގައި މިހާރު ކިތަންމެ ކާމިޔާބަސް އަަދިވެސް އޭނާ އަކީ ސިފައިގެ ސަބަބުން ވެސް މަލާމާތް ރައްދުވާ ފަންނާނެކެވެ.