Roadha Mihaaru
ރޫމަކަށް 50 މީހުން؛ 243 މީހަކު އަނބުރާ ގައުމަށް

އެއް ކޮޓަރިއަށް 50 މީހުން؛ 243 މީހަކު އަނބުރާ ގައުމަށް

17 އޯގަސްޓް 2021

ރާއްޖެ އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ 240 އަށްވުރެ ގިނަ ބިދޭސީން އިއްޔެ އަނބުރާ ފޮނުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ 240 އަށްވުރެ ގިނަ ބިދޭސީން އިއްޔެ އަނބުރާ ފޮނުވާލައިފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެއް ފްލައިޓެއްގައި ޓޫރިސްޓު ވިސާގައި އައި ބަޔަކު ފޮނުވާލީ ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ކޮށްފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ 243 މީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް ހާމައެއްނުކުރެ އެވެ.

އެ މީހުންގެ ތެރޭގައި، ފަސް ކޮޓަރިއަށް 50 މީހުން ވެސް ބުކިން ހަދާފައި ހުއްޓެވެ.

"ބުކިންގެ މައްސަލަތައް އުޅޭތީ 243 މީހުން އަނބުރާ އެ ފޮނުވާލީ ރާއްޖެ އެތެރެވުމުގެ ހުއްދަ ވެސް ނުދީ،" އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ އިންޑިއާ މީހުންނެވެ. ކޮވިޑްގެ ހާލަތު އިންޑިއާގައި ގޯސްކަމުން އެ ގައުމުން ދަތުރުކުރުން މަނާ ގައުމުތައް ވަރަށް ގިނަ އެވެ. އެހެންވެ އިންޑިއާ މީހުން އެހެން ގައުމުތަކަށް ދާން ރާއްޖެ އައުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގެސްޓް ހައުސްތައް ފުރި ގަވައިދާ ހިލާފަށް ގޭގޭގައި ވެސް ޓޫރިސްޓުން ގެންގުޅޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކަކަށް އޮޅުވާލައި، އެ މީހުން މަގުމަތިކުރި މައްސަލައެއް ވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ފެންމަތިވެފަ އެވެ. ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ރޭ ވިދާޅުވީ 27 ޓޫރިސްޓަކު މަގުމަތިވި މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.