Roadha Mihaaru
އޮސްކާގެ ލޯބި ދިވެހިންނަށްޓަކައި ބަންޑުން ކޮށްލައިފި

އޮސްކާގެ ލޯބި ދިވެހިންނަށްޓަކައި ބަންޑުން ކޮށްލައިފި

17 އޯގަސްޓް 2021

ގަލޮޅު ދަނޑުގައި މިއޮތް ކަހަލަ ޕިޗެއް، ބަންގުލަދޭޝްގައި ނެތެވެ. ގަލޮޅު ދަނޑުގައި މިއޮތީ އެންމެ ރަނގަޅު ވިނަ ދަނޑެއް ނޫނެވެ. ވިނަ ގަނޑު އޮތް ގޮތުން ތިރިން ޕާސްކޮށްގެން ކުޅެން އުނދަގޫ ވޭ އެވެ. އެކަމަކު ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ ކޯޗް، އޮސްކާ ބުރުޒޯން އަށް، ބަންގަލަދޭޝްގައި އޮތް ދަނޑުތަކަށް ވުރެ ރާއްޖޭގެ ގަލޮޅު ދަނޑާ ބެހޭގޮތުން ދައްކަން ހުރި ޕޮޒިޓިވްވި ވާހަކަތައް ގިނަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގަލޮޅު ދަނޑުގައި މިއޮތް ކަހަލަ ޕިޗެއް، ބަންގުލަދޭޝްގައި ނެތެވެ. ގަލޮޅު ދަނޑުގައި މިއޮތީ އެންމެ ރަނގަޅު ވިނަ ދަނޑެއް ނޫނެވެ. ވިނަ ގަނޑު އޮތް ގޮތުން ތިރިން ޕާސްކޮށްގެން ކުޅެން އުނދަގޫ ވޭ އެވެ. އެކަމަކު ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ ކޯޗް، އޮސްކާ ބުރުޒޯން އަށް، ބަންގަލަދޭޝްގައި އޮތް ދަނޑުތަކަށް ވުރެ ރާއްޖޭގެ ގަލޮޅު ދަނޑާ ބެހޭގޮތުން ދައްކަން ހުރި ޕޮޒިޓިވްވި ވާހަކަތައް ގިނަ އެވެ.

ނިއު ރޭޑިއަންޓުގައި ކުރިން މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ކޯޗަކީ، ރާއްޖޭގެ ފުޓްބޯޅަ އަށް ފަރިތަ ކޯޗެކެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ ފުޓްބޯޅަ ދެކެ އޭނާ ލޯބި ވެއެވެ. ފުޓްބޯޅައިގެ ޓެކްނިކަލް ނަޒަރުން ބަލާނަމަ ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ ކުޅުންތެރިންގެ ޓެކްނިކަލް ހުނަރު މުއްސަނޖެވެ.. ދިވެހި ކުޅުންތެރިންނާމެދު އޮސްކާ ވެސް ދެކެނީ އެގޮތަށެވެ. ރާއްޖެއާ މެދު ވެސް އެ ލޯބި އޭނާ އޮވެ އެވެ. ކޮންމެވެސް ދުވަހަކުން އަލުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައިވެ އެވެ.

ގާތްގަނޑަކަށް ތިން އަަހަރު ފަހުން ރާއްޖެ އައިސް، މިއަދު ގަލޮޅު ދަނޑުގައި އޭނާގެ މިހާރުގެ ޓީމު ބޮށުންދަރާ ތަމްސީލު ކުރުމަށް ބޭއްވި ޕްރެސްގައި ރާއްޖެއާ މެދު އޮސްކާގެ އޮތް ލޯބި ބަންޑުންކޮށްލިތަން ފެނުނެވެ. ހަތަރު ޓީމުގެ ކޯޗުންގެ ޕްރެސްތަކުގެ ތެރެއިން އެންމެ ދިގު ދެމިގެން ދިޔައީ ވެސް ބޮށުންދަރާގެ ޕްރެސް އެވެ.

މިއަދު ބޭއްވި ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ބޭއްވި ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެންމެ ފުރަތަމަ ކަމަކަށް ވެސް ބުނަން އޮތީ ރާއްޖެ އަލުން އެނބުރި އާދެވުމަކީ އަހަންނަށް ލިބުނު ބޮޑު އުފަލެކޭ،" ޕްރެސް ފަށަމުން އޮސްކާ ވާހަކަ ދެއްކި އެވެ. "މިތަނަށް އެނބުރި އާދެވުމަކީ އަހަރެންގެ ދެ ވަނަ ގެއަށް އާދެވުން ފަދަ ކަމެއް. ކަލޭމެންނަށް ވެސް އެނގޭނެ އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން ރާއްޖޭގައި ތިބޭނެ. ކުޅުންތެރިންނާއި ކޯޗުންނާއި މިތާންގެ ފުޓްބޯޅައިގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ އަހަރެންގެ ރަހުމަތްތެރިން. އެހެންވެ މިތަނަށް އެނބުރި އާދެވުން އެއީ ބޮޑު އުފަލެއް ލިބޭ ކަމެއް."

އޭއެފްސީ ކަޕުގައި މާދަމާ ރޭ، އޮސްކާގެ ބޮށުންދަރާ ކިންގްސް ނުކުންނާނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. މާޒިޔާ އަމިއްލަ ގައުމުގައި ކުޅުނަސް، އޭނާގެ ޓީމަށް ވެސް އޮތް އެޑްވާންޓޭޖް އޮސްކާ އަށް އެނގެ އެވެ. ގުރޫޕް ސްޓޭޖުގައި އަދި ފޭވަރިޓެއް ނެތެވެ. އޭނާ ބުނީ ފޭވަރިޓުންނަކީ ކޮބައިކަން އެނގޭނީ މާދާމާގެ މެޗުތަކަށް ފަހުގައި ކަމަށެވެ.

"ކޮންމެ ޓީމަކަށް އެ ޓީމެއްގެ ނަޒަރުން އެޑްވާންޓޭޖްތަކެއް އެބަހުރި. އެހެންވީމަ އަހަންނަކަށް ހިއެއް ނުވޭ އެއްވެސް ޓީމަކަށް މާ ބޮޑު އެޑްވާންޓޭޖެއް އޮތް ހެނެއް. އެކަން އޮތީ ހުރިހާ ޓީމެއްގެ މެދުގައި ވެސް ވަރަށް ހަމަހަމަ ކޮށް،" އޮސްކާ ބުންޏެވެ.

އޮސްކާ މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަނީ ---

އޮސްކާ މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަނީ ---

ގުރޫޕް ސްޓޭޖުގައި އޮތް ހަތަރު ޓީމުގެ ތެރެއިން އެންމެ ހަގު ޓީމަކީ ބޮށުންދަރާ ކިންގްސް އެވެ. އަދި އޭއެފްސީ ކަޕް ތަޖުރިބާ އެންމެ މަދު ޓީމަކީ ވެސް އެ ޓީމެވެ. ނަމަވެސް އެއީ އެހެން ޓީމުތަކުގެ ފަހަތުން ބޮށުންދަރާ އޮންނަން ޖެހޭނެ ސަބަބެއް ނޫން ކަމަށް އޮސްކާ ބުންޏެވެ. އަދި ކުރިން އޭނާ ކާމިޔާބު ހޯދާފައިވާ ދަނޑެއްގައި ކުޅެން ފުރުސަތު ލިބުމުން އޭނާ އަށް ކުރެވޭ އުންމީދު ވެސް ބޮޑެވެ. ގަލޮޅު ދަނޑުގައި ނިއު އާއެކު އޭނާ ވަނީ ރާއްޖޭގެ ކުޅޭ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

"އަހަރެމެން ޗެލެންޖު ކުރަމުން ދިޔައީ ތައްޓަށް އަދި މިހާތަނަށް އެކަން ދަނީ ވަރަށް ރަނގަޅަށް،" އޮސްކާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ބަލަމާ ހިނގާ އަހަރެމެންނަށް ބޮޑު މި މުބާރާތުގައި ކުރިއަށް ދެވެނީ ކިހިނެއްތޯ. އަހަރެމެން މިއޮތީ އެއްވެސް ޓީމެއްގެ ފަހަތަކު ނޫން. މިހާރު އަނެއްކާ ވެސް މިއޮތީ ދަނޑު މަތީގައި އެކަން ދެއްކުން.. ޕާސަނަލީ ވެސް އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ދަނޑަށް އައިސް ކުޅުން. ނިއު ރޭޑިއަންޓާ އެކު ވަރަށް ގިނަ ކާމިޔާބުތައް އަހަރެން މި ދަނޑުގައި ހޯދިން. އެހެންވީމަ އަހަރެން އުންމީދު ކުރަން އެ ކާމިޔާބުތައް ކަހަލަ ކާމިޔާބުތަކެއް ތަފާތު ޓީމަކާ އެކު މި ދަނޑުގައި ތަޖުރިބާ ކުރެވޭނެ ކަމަށް."

އޮސްކާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އާއި ބަންގްލަދޭޝްގެ ފުޓްބޯޅައިގައި ބޮޑު ތަފާތެއް ހުންނަ ކަމަށެވެ. ރާއްޖޭގެ މޫސުން އޮންނަ ގޮތުން ކޮންމެ ވަގުތެއްގައި ވެސް މެޗު ކުޅެން ފަސޭހަކަން އޭނާ ފާހަގަ ކުރި އެވެ. ބޮށުންދަރާ ކިންގްސް އިން އޭއެފްސީ ކަޕުގެ ވާހަކަ ދައްކާތާ ދެ އަހަރުވީ އެވެ. އޮސްކާ ބުނީ، ދެކުނު އޭޝިއާގެ އިތުރުން އޭޝިއާގައި ވެސް ފާހަގަ ކުރެވޭ ބާރަކަށް ބޮށުންދަރާ ކިންގްސް ހަދަން އެ ކްލަބުގެ ޗެއާމަން، އިމްރުލް ހަސަން ބޭނުންވާ ކަމަށެވެ.