Roadha Mihaaru
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ

ޑިކްލެއާ ނުކޮށް އެތެރެކުރި 1.1 މިލިއަން ރުފިޔާގެ ރަން ދައުލަތަށް ނެގޭނެ: ސުޕްރީމް ކޯޓް

20 އޯގަސްޓް 2021

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 1.1 މިލިއަން ރުފިޔާގެ ރަން ދައުލަތަށް ނަގަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 1.1 މިލިއަން ރުފިޔާގެ ރަން ދައުލަތަށް ނަގަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

އިންޑިއާގެ މީހަކު 2014 ގައި ރާއްޖެ އައިއިރު އޭނާ ލައިގެން ހުރި ޖެކެޓާއި ފަޓްލޫނުގެ ޖީބުގައި ފޮރުވައިގެން 1.7 ކިލޯގެ ރަން ބުލިއަންތަކެއް އެތެރެކުރި އެވެ. އެ ތަކެތި އެތެރެކުރީ ޑިކްލިއާ ނުކޮށް ކަމަށް ވާތީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން ދައުވާކުރީ އެ ތަކެތި ދައުލަތަށް ނެގުމުގެ އަމުރަކަށެވެ. އެ މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ 1.1 މިލިއަން ރުފިޔާގެ އަގު ހުރި އެ ރަންތައް ދައުލަތަށް ނެގުމަށެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވާ މުދާތައް ފިޔަވައި އެހެން ބާވަތުގެ މުދަލެއް އެތެރެކުރާ ނަމަ، ޑިކްލިއާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ރަނަކީ އެތެރެ ކުރުން މަނާ މުދަލަކަށް ނުވިޔަސް، ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ނުކޮށް، އެ ތަކެތި އެތެރެ ކޮށްފައިވާތީ އެފަދަ މުދަލެއް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސް އަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ރަން އެތެރެ ކުރުމުގެ ކުރިން ޑިކްލިއާ ކުރަން ޖެހޭ ކަން އެ މީހާ އަށް އަންގާފައި ނެތުމަކީ އެކަމުން ސަލާމަތް ވެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުތަކަށް ދަތުރު ކުރުމުގައި އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތައް ބެލުމަކީ ދަތުރުކުރާ މީހުންގެ ޒިންމާއެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެ މައްސަލައިގައި އެ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ދައުލަތުން ނިންމާފައި އޮތަސް، އެއީ ރަންތައް އަނބުރާ ދޭންޖެހޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ ރަންތައް ދައުލަތަށް ނަގަން ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.

ގަވާއިދާ ޚިލާފަށް އެތެރެކުރި ރަންތަކެއް ދައުލަތަށް ނަގަން ހުކުމް ކުރިއިރު، ދިރުވާލައިގެން ރާއްޖެ އަށް ރަންތަކެއް އެތެރެކުރި އިންޑިއާގެ މީހަކު ޖަލަށްލާން ދާދި ފަހުން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.