Roadha Mihaaru
އެމްބާޕޭ އަށް ހުށަހެޅި ބިޑު ޕީއެސްޖީން ގަބޫލެއް ނުކުރި

އެމްބާޕޭ އަށް ރެއާލުން ހުށަހެޅި 190 މިލިއަންގެ ބިޑު ޕީއެސްޖީން ގަބޫލެއް ނުކުރި

25 އޯގަސްޓް 2021

ޕެރިސް (އޮގަސްޓް 25) - ކިލިޔަން އެމްބާޕޭ ގެންދިއުމަށް ރެއާލް މެޑްރިޑުން ހުށަހެޅި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރުގެ ޓްރާންސްފާ ބިޑް ޕީއެސްޖީން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

ޕެރިސް (އޮގަސްޓް 25) - ކިލިޔަން އެމްބާޕޭ ގެންދިއުމަށް ރެއާލް މެޑްރިޑުން ހުށަހެޅި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރުގެ ޓްރާންސްފާ ބިޑް ޕީއެސްޖީން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

ފްރާންސްގެ ޚަބަރުތައް ގެނެސްދޭ މީޑީއާތަކުން ބުނެފައި ވަނީ، ރެއާލުން ރަސްމީކޮށް ބިޑު ހުށަހެޅުމުން ޕީއެސްޖީން ވަގުތުން، އެ ހުށަހެޅުން ގަބޫލު ނުކޮށް އަނބުރާ ރައްދު ކުރި ކަމަށެވެ. ރެއާލުން ހުށަހަޅާފައި ވަނީ 188 މިލިއަން ޑޮލަރެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. އެއަށް ފަހު ހިލޭ ޓްރާންސްފާގައި އޭނާ ބޭނުންވާ ކްލަބަކަށް ބަދަލު ވެވޭނެ އެވެ. އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް ޕީއެސްޖީން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ރެއާލްއާ ގުޅުން ހުރި މަސްދަރަކުން އީއެސްޕީއެން އަށް ބުނެފައި ވަނީ އެމްބާޕޭގެ ޓްރާންސްފާ އެހާ ފަސޭހަ ނުވާނެކަން އެ ކްލަބަށް ވެސް އެނގޭ ކަމަށެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި އެމްބާޕޭގެ ޓްރާންސްފާއާ މެދު ގޮތެއް ނިންމަން ފަސް ދުވަސް އެބައޮތެވެ. ޓްރާންސްފާ ޕީރިއަޑް ހަމަވާނީ އޯގަސްޓް 31 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

ފްރާންސްގެ މިޑީއާތަކުން ބުނަނީ އެމްބާޕޭގެ ޓްރާންސްފާ އަގު 235 މިލިއަން ޑޮލަރަށް އިތުރު ކުރަން ރެއާލުން އެއްބަސްވާ ނަމަ ޕީއެސްޖީން ވިސްނުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޕީއެސްޖީން ވަނީ މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ އަދި ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި އިޓަލީގެ ގައުމީ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ހިލޭ ޓްރާންސްފާގައި އެ ކްލަބަށް ގެނެސްފަ އެވެ. އަދި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަން ވެސް ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.