Roadha Mihaaru
ކެންސަރާއި ކިޑްނީ ބައްޔަށް މި ތިބެވެނީ ދައުވަތުދީގެން

ކެންސަރާއި ކިޑްނީ ބައްޔަށް މި ތިބެވެނީ ދައުވަތު ދީގެން

02 ސެޕްޓެމްބަރ 2021

މުޅި ދުވަހު އެއްތަނެއްގައި އިނދެ ސިކުނޑި ވަރުބަލިވާ ވަރަށް ކުރި މަސައްކަތާ މެދު ފަހުރުވެރިވަމުން ނުކުމެ ރޯކޮށްލާ ސިނގިރޭޓާއި މީރުކޮށްލާ ދުފުންގަނޑުގައި ދުވަހު ބާކީ ބައި ހޭދަކޮށްލީމާ ލިބޭ އުފާ ބޮޑުވެދާނެ އެވެ. ވަޒީފާއަށްޓަކައި ވާ ގުރުބާނީގެ ބަދަލުގައި އެއް ކެފޭއިން އަނެއް ކެފޭއަށް ގޮސް ހަކުރުގެ ބުއިންތަކާއި ދުފުމާއި ސިނގިރޭޓުގެ ވިހައިގެ ތެރޭގައި ތިބޭއިރު މިއީ ކުއްލިއަކަށް މީހާގެ ދިރިއުޅުން ހުއްޓުމަކަށް ގެނުވަފާނެ ނުރައްކަލަށް ދެވޭ ދައުވަތެއްކަމާ މެދު ވިސްނާ ވެސް ނުލެވެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މުޅި ދުވަހު އެއްތަނެއްގައި އިނދެ ސިކުނޑި ވަރުބަލިވާ ވަރަށް ކުރި މަސައްކަތާ މެދު ފަހުރުވެރިވަމުން ނުކުމެ ރޯކޮށްލާ ސިނގިރޭޓާއި މީރުކޮށްލާ ދުފުންގަނޑުގައި ދުވަހު ބާކީ ބައި ހޭދަކޮށްލީމާ ލިބޭ އުފާ ބޮޑުވެދާނެ އެވެ. ވަޒީފާއަށްޓަކައި ވާ ގުރުބާނީގެ ބަދަލުގައި އެއް ކެފޭއިން އަނެއް ކެފޭއަށް ގޮސް ހަކުރުގެ ބުއިންތަކާއި ދުފުމާއި ސިނގިރޭޓުގެ ވިހައިގެ ތެރޭގައި ތިބޭއިރު މިއީ ކުއްލިއަކަށް މީހާގެ ދިރިއުޅުން ހުއްޓުމަކަށް ގެނުވަފާނެ ނުރައްކަލަށް ދެވޭ ދައުވަތެއްކަމާ މެދު ވިސްނާ ވެސް ނުލެވެ އެވެ.

ކެންސަރާއި ކިޑްނީ ބަލި ދިވެހިންގެ ތެރޭގައި ގިނަވާ ސަބަބުތަކާ ބެހޭ ގޮތުން ޑޮކްޓަރުންނާ ސުވާލުކޮށްލުމުން މި ބުނި މަންޒަރު ކުރަހާލަ އެވެ.

މި ދެ ބަލި ޖެހުމުގައި ދިރިއުޅުމުގެ އާދަތަކާ ގުޅުމެއް ނެތް ސަބަބުތައް ހުރި ނަމަވެސް ސިއްހީ ނުރަނގަޅު އާދަތައް ދޫކޮށްލައިގެން ހޯދޭނެ ރައްކާތެރިކަން ވަރަށް ބޮޑެވެ.

ކުޑަ އާބާދީގައި ވާރުތަވުން، ނުރަނގަޅު އާދަތައް

ރާއްޖޭގައި ކެންސަރުގެ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން "މިހާރު"ގެ "މެދުސަފުހާ" އަށް ވާހަކަ ދައްކަވަމުން ދިވެހި އޮންކޮލޮޖީ ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރު ކަމަށްވާ ޑރ. މުހައްމަދު އަމްރު އަހްމަދު ވިދާޅުވީ ކެންސަރުގެ ހާލަތަށް ބަލާއިރު ރާއްޖޭގައި ވެސް އެންމެ ގިނައީ އަންހެނުންގެ އުރަމަތީގެ ކެންސަރު ކަމަށެވެ.

"އެހެން ގައުމުތަކާ އަޅާބަލާފައި ފާހަގަކުރެވޭ ރާއްޖޭގައި ޒުވާން އުމުރުގައި، ދަރިމައިވުމުގެ އުމުރުގައި އުރަމަތީ ކެންސަރު ގިނަކަން،" ޑރ. އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން އެންމެ ކަންބޮޑުވާ ރޭޓެއްގައި ހުރީ ކުޑަކުދިންގެ ލޭގެ ކެންސަރާއި އަގަޔާއި ދުލުގެ ކެންސަރެވެ.

އުރަމަތީގެ ކެންސަރާއި ލޭގެ ކެންސަރު ރާއްޖޭގައި ގިނަވުމުގެ ސަބަބެއް ކަމަށް ޑޮކްޓަރުން ގަބޫލުކުރައްވަނީ އެ ބަލިތައް ވާރުތަވުމެވެ. ޖެނެޓިކް ގޮތުން ވާރުތަވާ ކަންކަން އާބާދީގެ ތެރޭގައި އެހާ ގިނައީ ރާއްޖޭގެ ކުޑަ އާބާދީގެ ސަބަބުންނެވެ.

އަނގަޔާއި ދުލުގެ ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބެއް ކަމަށް ފެންނަން އޮތީ ދުންފަތް ލައިގެން ދުފުމާއި ސިނގިރެޓް ބުއިމެވެ.

އުރަމަތީގައި ގަނޑު ލާ މީހުން ވަރަށް ގިނަކަން ފާހަގަކުރައްވަމުން ޑޮކްޓަރު ވިދާޅުވީ އެއީ ކެންސަރުގެ އަލާމާތަކަށް ވެދާނެ ކަމަށް ބަލައި ސްކްރީންކުރަން ޖެހޭނެ ކަމަށެވެ. ސްކްރީނިން ދަށްވުމަކީ އުރަމަތީގެ ކެންސަރު ނުރައްކާވާ ހިސާބަށް ދާއިރު ވެސް ނޭނގި ހުންނަން ދިމާވާ ސަބަބެވެ.

ޑޮކްޓަރު ވިދާޅުވީ ހޯމޯން އިމްބެލެންސްވުމުގެ މައްސަލަ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމަށާއި މިކަމުން ވެސް އަންހެނުންނަށް ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށެވެ.

"މީހެއްގެ އުމުރުގައި އެ މީހެއްގެ އުރަމަތީގެ ސެލްތައް އީސްޓްރޮޖެން އަށް އެކްސްޕޯސް ވެފައި ހުންނަ ވަގުތު ގިނަވަންޏާ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާނެ. މިސާލަކަށް، މައްސަރު ކަންތައް އެންމެ ފުރަތަމަ ފަށާއިރު އަވަހަށް ލައިގަންނަ ކުދިން ނުވަތަ މެނަޕޯސް [އިއްދައިން ކެނޑުން] ލަސް ވުމުން ޓައިމް އެބަ ގިނަވޭ. މިއީ އުރަމަރީ ކެންސަރުގެ ފެކްޓާއެއް. އާލީ މެނާކީ އެންޑް ލޭޓް މެނަޕޯސް. އެކަހަލަ ކަންކަމަކީ އުރަމަތީ ކެންސަރަށް މަގު ފަހިވާން ދިމާވާ ކަންކަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް ފަދަ ކަންކަމުގެ ސަބަބުން ހޯމް އިމްބެލެންސްވެގެން ވެސް އުރަމަތީ ކެންސަރަށް މަގު ފަހިވެ އެވެ.

މި ސަބަބުތައް މިހެން ހުރުމުން އަންހެނުން ކޮންމެ މަހަކު ވެސް، އުރަމަތީގައި ގަނޑު ލާފައި ހުރޭތޯ އަމިއްލަ އަށް އެގްޒަމިންކޮށްގެން ބެލުމުގެ މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ޝައްކުވާ ކަމެއް ފެނިއްޖެ ނަމަ ލަސް ނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ. އުރަމަތީގައި ގަނޑެއް ލާފައި ހަތަރު ހަފުތާއަށް ވުރެ ގިނަ ދުވަހު، އޭގެ ސައިޒަށް ބަދަލެއް ނައިސް އިންނަ ކަމަށްވާ ނަމަ ސްކޭނެއް ހަދައިގެން ބަލައިލުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

"ދުފުމާއި ސިނގިރެޓް ބުއިން. އެއީ އަޅުގަނޑުމެންގެ ކޮފީ މޭޒުތަކުން ވަރަށް ގިނައިން ފެންނަ މަންޒަރެއް. އެހެންވީމާ އެ ނަމްބާސްއަށް ބަލާއިރު އަސްލު ހައިރާނެއް ނުވޭ މިހާ ގިނަ މީހުން، ތަންކޮޅެއް އުމުރުން ހަގު ބޭފުޅުން ވެސް، ސާޅީސް އަހަރު، ފަންސާސް އަހަރުގައި ވެސް އެބަ ފެނޭ އަނގައިގެ ކެންސަރުގެ ވޭން ތަހަންމަލްކުރާ ބޭފުޅުން،" ކެންސަރަށް މަަގު ފަހިވުމުގައި، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިިވާ ނުރަނގަޅު އެތައް ކަމެއް ހުރިކަން ފާހަގަކުރައްވަމުން ޑޮކްޓަރު ވިދާޅުވި އެވެ.

ނަމަވެސް ކުޑަކުދިންގެ ލޭގެ ކެންސަރުގައި ގިނައީ ވާރުތަވުމުގެ ސަބަބުން އެ ބަލި ޖެހޭ ކުދިން ކަމަށް ޑޮކްޓަރު ގަބޫލުކުރައްވަ އެވެ. އެކަމަކު މިއީ އަދި މިހާތަނަށް ދިރާސާއެއްކޮށްގެން ބެލިފައި އޮތް ކަމެއް ނޫނެވެ.

ހަކުރާއި ލޭގެ ޕްރެޝަރާއި ބަރުދަން

ކިޑްނީގެ އެކި ބަލިތަކުގައި ވޭން އަޅަމުންދާ އެތައް ބަޔަކު އަހަރެމެންގެ ތެރޭ އެބަ ތިއްބެވެ. މީގެ ތެރޭގައި ވެސް ދިރިއުޅުމުގެ އާދަތަކާ ގުޅުން ހުރި ކަންކަމުގެ ސަބަބުން އެ ހާލަތަށް ދިޔަ އެތައް ބަޔަކު އެބަތިއްބެވެ.

ކިޑްނީ ބަލިތައް ހުންނަ މީހުންގެ ތެރެއިން އެ ބަލި ތަހަންމަލްކުރާކަން ގިނަ ފަހަރަށް އާންމުންނަށް އެނގެނީ ޑަޔަލިސިސް ހަދަންޖެހޭ ހިސާބަށް ބަލި ގޯސްވުމުންނެވެ. އެކަމަކު މިއީ ކިޑްނީ ބަލީގައި އުޅޭ މީހުންގެ ނިސްބަތުން ވަރަށް މަދު ބަޔަކު ކުރަންޖެހޭ ކަމެކެވެ.

ކިޑްނީ ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ބުނަން އެނގޭ ވަރުގެ ދިރާސާއެއް ރާއްޖޭގައި ކޮށްފައެއް ނުވެ އެވެ. އެކަމަކު، އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް ނެފްރޮލޮޖީގެ ކޮންސަލްޓަންޓް އިން މެޑިސިން ޑރ. އަހްމަދު އަބްދުﷲ ވިދާޅުވީ ކިޑްނީ ބައްޔަށް ހުށަހެޅިދާނެ ފަދަ އާދަތައް ދިވެހިންގެ ތެރޭގައި ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ.

ކިޑްނީ ބަލި ޖެހިދާނެ ހުރިހާ ހާލަތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް މަތީގައި

"ކިޑްނީ ބަލި ޖެހިދާނެ ހުރިހާ ހާލަތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް މަތީގައި،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި، ކިޑްނީ ބަލި އާންމުވާން ދިމާވާ އެންމެ ބޮޑު ސަބަބެއް ކަމަށް ރާއްޖޭން ވެސް ފެންނަނީ އެހެން ގައުމުތަކުގައި ވެސް ހުރި ސަބަބުތަކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި އެކަށިގެންވާ ވަރަށް ވުރެ ބަރުކޮށް ތިބުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެކި ކަންކާ ގުޅިގެން ކައި އުޅޭ ބައެއް ބޭސްތަކެވެ.

ކެންސަރު ފަދައިން ކިޑްނީ ބައްޔަކީ ވެސް ހަމަ ކޮންމެ އުމުރެއްގައި ވެސް ޖެހިދާނެ ބައްޔެކެވެ. ޑޮކްޓަރު އަހްމަދު ވިދާޅުވި ގޮތުގައި ޒުވާނުން ވެސް ކުއްލިއަކަށް ކިޑްނީ ބަލީގެ މީހަކަށް ވާތަން ފެނުނަސް އެއީ ބަލީގެ އަލާމާތްތައް އަހަރެއް ދެ އަހަރެއް ކުރިން ފެށިގެން ވެސް ފާހަގަވަމުން ދިޔައިރު ވެސް އެކަންކަމާ އަޅާނުލެވި ހުރުމުގެ ނަތީޖާއަށް ވެދާނެ އެވެ.

ޒުވާނުން ވެސް ކުއްލިއަކަށް ކިޑްނީ ބަލީގެ މީހަކަށް ވާތަން ފެނުނަސް ފާހަގަކުރެވިފައިވާ ކަމަކީ ބަލީގެ އަލާމާތްތައް އަހަރެއް ދެ އަހަރެއް ކުރިން ފެށިގެން ވެސް ފާހަގަވަމުން ދިޔައިރު ވެސް އެކަންކަމާ އަޅާނުލެވި ހުރުމެވެ.

ލޭމައްޗަށްދާ މީހަކު އާއިލާގައި ނެތް ނަމަވެސް އުމުރުން 20 އަހަރުން ފެށިގެން ލޭގެ ޕްރެޝަރު ބަލައި އެ ހުންނަންޖެހޭ މިންގަނޑުގައި ހިފަހައްޓަން ޖެހެ އެވެ. އަދި އުމުރުން 40 ދުވުމުން މަދުވެގެން އަހަރަކު އެއްފަހަރު ނަމަވެސް ލޭގެ ޕްރެޝަރު ބަލައި ރަނގަޅު ހިސާބުގައި ހުންނަންޖެހެ އެވެ. އެއްވެސް މީހެއްގެ ލޭގެ ޕްރެޝަރު 120/80 އަށް ވުރެ މަތީގައި ހުރެއްޖެ ނަމަ އެއީ ރަނގަޅު އަދަދެއް ނޫން ކަމަށާއި ޕްރެޝަރު ދަށްކުރަންޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ ނޯމަލް ޕްރެޝަރު ކަމަށާއި އެޔަށްވުރެ ކުޑަކޮށް މަތިވިޔަސް އަދި އެވަރު ރަނގަޅޭ ކިޔާފައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

ބަޔަކު ކަސްރަތު ކުރަނީ: ޑޮކްޓަރުން ވިދާޅުވަނީ ކަސްރަތު ކުރަން ބުންޏަސް ރަނގަޅަށް ކަސްރަތު ނުކުރާ ކަމަށް

ބަޔަކު ކަސްރަތު ކުރަނީ: ޑޮކްޓަރުން ވިދާޅުވަނީ ކަސްރަތު ކުރަން ބުންޏަސް ރަނގަޅަށް ކަސްރަތު ނުކުރާ ކަމަށް

"ވަޒީފާއަށް މި ކުރާ ސެކްރިފައިޒް އަމިއްލަ ސިއްހަތަކަށް ނުކުރެވޭ ހަގީގަތުގައި. ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ތިރީސް މިނެޓް ކަސްރަތުކުރަން ބުނީމާ އެވަރު ވެސް ގިނަ ބޭފުޅުންނަށް ނުކުރެވޭ. އަޅުގަނޑުމެންނަށް އަސްލު ވިސްނާލަން އުނދަގޫވަނީ މީގެ ވިހި އަހަރު ފަހުން ވެދާނެ ކަމަކަށް. މިވަގުތު މި ލިބޭ ފައިދާގެ މައްޗަށް މީގެ ވިހި އަހަރު ފަހުން ލިބިދާނެ ފައިދާއަކަށް. މިއީ ޒުވާނުންނަސް ވިސްނަން ވަރަށް އުނދަގޫ ކަމެއް،" ސިއްހީ ރަނގަޅު އާދަތައް ނުހިފެހެއްޓުމުން ކިޑްނީ ބަލީގެ ނުރައްކާ ބޮޑުވާކަން ފާހަގަކުރައްވައި ޑޮކްޓަރު އިންޒާރު ދެއްވި އެވެ.

ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި އެކަށީގެންވާ ވަރަށް ވުރެ ފަލަވުމަކީ ކިޑްނީ ބައްޔަށް ދެވޭ ދައުވަތެކެވެ. މި ކަންކަމާ ދެކޮޅަށް އާދަތައް ބަދަލު ނުކޮށްފި ނަމަ ޑޮކްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ކިޑްނީގެ ބަލިތަކުގެ "އެކްސްޕްލޯޝަން" އެކެވެ.