Roadha Mihaaru
އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އަނަސް!

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އަނަސް!

01 ސެޕްޓެމްބަރ 2021

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަނަސް އަބްދުއްސައްތާރު މިއަދު ހޮވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަނަސް އަބްދުއްސައްތާރު މިއަދު ހޮވައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އަނަސް އެ މަގާމަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލީހުން އަލަށް އިންތިހާބުކުރި އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ އާ ދައުރުގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުމުގައި މިއަދު ނެގި ވޯޓުންނެވެ.

ޖުމްލަ ނުވަ މެމްބަރުން ހިމެނޭ މި މަޖިލީހުގެ ރައީސް ކަމަށް އަނަސް ހޮވިވަޑައިގަތީ، މި ބައްދަލުވުމުގައި ބައިވެރިވަޑައިގެން ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ ތާއީދާ އެކު އެވެ.

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މެމްބަރުން އިންތިހާބުކުރީ އިހަށް ރޭ ބޭއްވި ޖަލްސާގަ އެވެ. ތާޖުއްދީން ސްކޫލުގައި ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ނާކާމިޔާބުވި އަނަސް އަބްދުއްސައްތާރެވެ. އޭނާ 77 ވޯޓް ހޯއްދެވި އެވެ.

މިއީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮންނަ އެމްޑީޕީގައި ދެ ފެކްޝަން އުފެދުނު ފަހުން ބޭއްވި އެތެރޭގެ ފުރަތަމަ އިންތިހާބެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދުނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނު ހިސާބުންނެވެ. މި އިންތިހާބުގައި ވެސް ކެންޑިޑޭޓުން ވާދަކުރީ ދެ ފެކްޝަނަކަށް ބެހިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އޮންނަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ޕާޓީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ މެމްބަރުން އެ މައްސަލަ އިސްިތިއުނާފު ކުރަން އޮންނަ މަޖިލީހެކެވެ. އެ މަޖިލިސް އިންތިހާބުކުރި އިރު ގައުމީ މަޖިލީހުގެ އިންތިހާބު މިހާރު އޮތީ މި މަހަށް ތާވަލު ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ އިންތިހާބަށް ވެސް ކެންޑިޑޭޓުން ނުކުމެފައި ވަނީ ދެ ރައީސުންގެ ދެ ފެކްޝަން ތަމްސީލުކުރާ ގޮތަށެވެ. އެ ކެމްޕޭން ވެސް ކުރަމުން އަންނަނީ ފާޅުގައި އެގޮތަށެވެ.