Roadha Mihaaru
އެމްޑީޕީ ނެތިކޮށްލަން ޔާމީން ބޭނުމެއް ނުވޭ: ސައީދު

އެމްޑީޕީ ނެތިކޮށްލާކަށް ޔާމީން ބޭނުމެއް ނުވޭ: ސައީދު

02 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމްޑީޕީ ނެތިކޮށްލަން ބޭނުންފުޅެއް ނުވާނެ ކަމަށާއި އެ މަނިކުފާނަކީ ޑިމޮކްރަސީ އަށް ޖާގަ ދެއްވި ބޭފުޅެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމްޑީޕީ ނެތިކޮށްލަން ބޭނުންފުޅެއް ނުވާނެ ކަމަށާއި އެ މަނިކުފާނަކީ ޑިމޮކްރަސީ އަށް ޖާގަ ދެއްވި ބޭފުޅެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން އެ ދެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީޕީން ބާއްވަން އުޅޭ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވާދަކުރައްވަން ބޭނުންވާތީ، އަލިފުށީގައި އެއާޕޯޓެއް އަޅައިދިނުމުގެ ނަމުގައި ރައްޔިތުން "މޮޔަ ހައްދަން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.

އަލިފުށީގައި އެއާޕޯޓެއް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން އިއްޔެ ސޮއިކޮށްފައިވާއިރު، މެމްބަރު މުހައްމަދު ރަޝީދު ހުސައިން ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އެއްބަނޑުއެއްބަފާ ބޭފުޅަކާ އެވެ. އަދި މެމްބަރު ހަސަން އަހުމަދަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ވަކި މެމްބަރަކަށް ފައިދާވާ ގޮތަށް ކަންކަން ކުރާ ކަމަށް ވިދާޅުވެ، ރޭގެ ޖަލްސާގައި ސައީދު ވިދާޅުވީ، މިއީ އެމްޑީޕީގެ ހާލަތު ކަމަށާއި އެ ޕާޓީގެ މެންބަރުން ވެސް މިހާރު ގުޅަން ޖެހެނީ އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަށް ކަމަށެވެ. އެކަމަކު، އެމްޑީޕީ އެގޮތަށް ނެތިކޮށްލަން ޔާމީން ބޭނުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ޑިމޮކްރަސީއަށް ޖާގަ ދެއްވި ބޭފުޅެއް. އެމްޑީޕީއަށް ފާޑު ކިޔަން ފުރުސަތު ދިން. ޔާމީންގެ މިނިކަށި ހަފައި ކެއީ މި ބޭފުޅުން. ކޮންހާ ދޮގު އިލްޒާމެއްތޯ ނާޅުވަނީ. ކޮން ވާހަކައެއްތޯ ނުދައްކަވަނީ. ހުތުރު ވާހަކަތައް ދެއްކެވީ. އެ މަނިކުފާނުގެ މުޅި އާއިލާގެ ދުވަސް ދުއްވާލި،" ސައީދު ވިދާޅުވި އެވެ.

ޔާމީން، އެމްޑީޕީ އަށް ފުރުސަތު ދެއްވި ކަމަށް ސައީދު ވިދާޅުވި ނަމަވެސް މާލޭގައި މުޒާހަރާ ކުރުން މަނާ ކޮށް، އެ މަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީން ބޭއްވި އެއްވުންތައް ރޫޅާލައި ގިނަ ބަޔަކު ހައްޔަރު ކުރި އެވެ.

ނަމަވެސް މިހާރު އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ދެބައިވުންތަކުގެ ތެރޭގައި ނަޝީދު ވަނީ ޔާމީނާ ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ޕީޕީއެމުން ވަނީ ނަޝީދުގެ ހުށަހެޅުއްވުމާ ދެކޮޅު ހަދައިފަ އެވެ.