Roadha Mihaaru
ހަތަރު އަންހެނެއްގެ މާރާމާރީގައި އެކަކު ޒަހަމްކޮށްލައިފި

ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމް ކޮށްލައިފި

05 ސެޕްޓެމްބަރ 2021

ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އަނިޔާތަކަށް އެ މީހާ އަށް ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މިހާކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކަނޑުހުޅުދޫ ކައުންސިލުން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ މާރާމާރީ ހިންގީ ކަނޑުހުޅުދޫ ސްކޫލު ދޮށުގައި ތިބެފައި އެ އަންހެނުންގެ މެދުގައި ބޮޑު ޒުވާބެއް ހިންގުމަށް ފަހު އެވެ. އަނިޔާވި މީހާ އޭނާގެ ގޭދޮށުގައި ހުއްޓާ ތިން އަންހެނަކު ގޮސް ސައިކަލުން ވައްޓާލައި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މާރާމާރީގައި އެ އަންހެން މީހާގެ ނޭފަތް މަތީގައި ޖެހުމުން، އޭނާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ހަތަރު މީހުންގެ ބަޔަން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.