06 ސެޕްޓެމްބަރ 2021
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޑްރަގާ އެކު ހިފެހެއްޓި, އިރާނަށް ނިސްބަތްވާ މީހުންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޑްރަގާ އެކު ހިފެހެއްޓި, އިރާނަށް ނިސްބަތްވާ މީހުންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
މެއި، 2019ގައި ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ފުލުހުންގެ އެދުމަށް ސިފައިން ހިފެހެއްޓި މި ބޯޓުން 51 ކިލޯގެ ޑްރަގް ފެނުނެވެ.
ބޯޓުގައި ތިބި، އީރާނަށް ނިސްބަތްވާ އަބްދުﷲ، ރަހުމަތުﷲ، ހާލިދު ބެލޫދީ، ހަބީބު އަދި ސައީދު މޮހާނީގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކުރި އެވެ. އަދި އަބްދުﷲ، ރަހުމަތުﷲ އަދި ހާލިދު ބެލޫދީގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރި އިރު ހަބީބްގެ މައްޗަށް ވަނީ ޖަދުވަލު އެެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ.
ނަމަވެސް، ޝަރީއަތުގެ ކުރިން އެ މީހުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ގޮތް ނިންމަވަމުން މައްސަލަ ބެއްލެވި ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިގެން މިހާރު އޮތް ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ނުބެލެވޭތީ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ނިންމާފައި ވަނީ ދައުވާ ލިބޭ މީހުން ރާއްޖެއިން ޑިޕޯޓުކޮށްލަން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އޮފިޝަލު ވިދާޅުވި ގޮތުގައި ދެން މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދޭން މިފަދަ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތުގެ ޕްރޮޓޮކޯލްތައް ލިޔަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މިފަދަ މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތާ ބެހޭގޮތުން އެމްއެންޑީއެފާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންނާ އެކު މަޝްވަރާކޮށްފައި އެމްއެންޑީއެފާ އެކު ވެސް މަޝްވަރާކޮށްފައި ދެން މި ބާވަތުގެ ކަމެއްގައި އެޅޭނެ ފިޔަވަޅުތައް ލިޔެފައި އެކަން ކަން ވެސް އެބަ ހިނގާ،" އޮފިޝަލު ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން އެކަކު ވަނީ ކެންސަރު ޖެހިގެން މަރުވެފަ އެވެ.
51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާޒީ ފާއިޒުގެ ނިންމެވުމުގައިި ވަނީ، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް އިލިސިޓް ޓްރެފިކިން އޮފް ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސެސް"ގެ ދަށުން ދަތުރު ކުރަމުންދާ އުޅަނދެއްގައި މަސްތުވާތަކެތި ހުރި ކަމަށް ގަބޫލުކުރެވިއްޖެ ނަމަ އެ އުޅަނދެއް ނިސްބަތްވާ ގައުމަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެ އުޅަނދަކަށް ފިޔަވަޅު އެޅުމުގެ ކުރިން އެ އުޅަނދު ނިސްބަތްވާ ގައުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
ރާއްޖެ އާއި އިރާނުން ވެސް އެ ކޮންވެންޝަންގައި ބައިވެރިވެފައިވާ އިރު، ބޯޓުގައި ތިބި މީހުން ހައްޔަރު ކުރުމުގެ ކުރިން އިރާނުގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފައި ނުވާ ކަމަށް އޭނާގެ ނިންމެވުމުގައިވެ އެވެ.
ދައުލަތުގެ ދައުވާގައި އަދި މައްސަލައިގެ އެހެން ލިޔުންތަކުގައި ވެސް ބަޔާންކޮށްފައި އޮތީ ބޯޓަކީ އިރާނުގެ ބޯޓެއް ކަމަށެވެ. ނަމަވެސް، އެއީ އިރާނުގެ ބޯޓެއް ކަން އެނގޭ ގާނޫނީ އެއްވެސް ލިޔުމެއް ނެތެވެ. ދައުލަތުގެ ވަކީލުން ދަށު ކޯޓުގައި ބުނެފައި ވަނީ އެއީ އިރާނުގެ ބޯޓެއް ކަމަށް ބެލެވުނީ، އެ ބޯޓުގެ ފަޅުވެރިއަކު އަނގަ ބަހުން ބުނި ބުނުމަށް ބިނާކޮށް ކަމަށެވެ.
ބޯޓަކީ އިރާނުގެ ބޯޓެއް ކަމަށް ދައުވާގައި ބުނާ ބައި އުނިކޮށް، ދައުވާ ބަދަލުކުރުމަށް، ދައުލަތުން ޝަރީއަތުގައި ފަހުން އެދުނެވެ. ނަމަވެސް، އެ ފުރުސަތު ގާޒީ ފާއިޒު ނުދެއްވި އެވެ. ދައުވާ ބަދަލު ނުކޮށް، އެ ބޯޓަކީ ދައުވާގައިވާ ގޮތަށް އިރާނުގެ ބޯޓެއް ކަމަށް ބަލައިގެން އޭނާ ނިންމީ އިރާނުގެ ބޯޓެއް ރާއްޖޭގެ ސަރަހައްދުން ހިފަހެއްޓުމުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ސިފައިން އަމަލުކޮށްފައި ނުވާ ކަމަށެވެ.
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
އިރާނު ޑްރަގް ބޯޓު މައްސަލަ: އެންމެން ސަލާމަތް ވެއްޖެ
ޑްރަގްސް އެތެރެކުރި ގާނާ މީހާކު 12 އަހަރަށް ޖަލަށް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑްރަގް ވިއްކާ 4 މީހަކު ޖަލަށް، ފައިސާތައް ދައުލަތަށް
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ގިނަ އަދަދެއްގެ ޑްރަގާއި ރަލާއެކު ބަޔަކު ހައްޔަރު
ޑްރަގުގެ ބޮޑު މައްސަލައަކުން ދެ މީހަކު ސަލާމަތްވެއްޖެ