Roadha Mihaaru
ކަލާފާނުގައި މާރާމާރީ ހިންގައި ކުއްޖަކު ޒަހަމްކޮށްލައިފި

ކަލާފާނު ސްކޫލުގައި ދެ ކުއްޖެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެއް ކުއްޖެއްގެ ބޮލަށާއި ކަރަށް ހަމަލާދީފި

07 ސެޕްޓެމްބަރ 2021

ކަލާފާނު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ ދެ ކުއްޖެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައި އެއް ކުއްޖެއްގެ ކަރަށާއި ބޮލަށް ހަމަލަދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކަލާފާނު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ ދެ ކުއްޖެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައި އެއް ކުއްޖެއްގެ ކަރަށާއި ބޮލަށް ހަމަލަދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

އަނިޔާވި ކުއްޖާގެ ބޭބެ "މިހާރު" އަށް މިރޭ ކިޔައިދިން ގޮތުގައި، ގްރޭޑް 10 ގެ ކުދިންގެ ޓެސްޓު ކުރިއަށް ގެންދާ ހޯލުގެ ތެރޭގައި ހިންގި މި މާރާމާރީގައި ކޮއްކޮ އަށް އަނިޔާވެގެން ސްކޫލުން އާއިލާ އަށް އެންގީ މިއަދުގެ މެންދުރުފަހު ތިނެއް ޖަހާކަންހާއިރު އެވެ.

އެ ކުއްޖާގެ ބޭބެ ބުނީ، ހަމަލާދިނީ ސީދާ ތޫނު އެއްޗަކުން ކަމެއް ސާފެއް ނުވިޔަސް މި މާރާމާރީގައި ބޭނުންކުރި އެއްޗަކުން އެ ހަމަލާދީފައި ވަނީ ކޮއްކޮގެ ބޮލަށާއި ކަރަށެވެ.

"ބޮލަށް ވަރަށް ފުންކޮށް އަނިޔާވެފައި ހުރީ. އެ ހަމަލާދިން އެއްޗަކުން ބޮލުގެ ނާށިގަނޑާ ހިސާބަށް ފުންކޮށް ޖެހިފައި ހުރީމަ ކުޑަ ސާޖަރީއެއް ވެސް ހަދައިފައި. އަތަށާއި ކަރަށް ވެސް ހުރީ އަނިޔާވެފައި،" ބޭބެ ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްޖާގެ ހާލު ރަނގަޅެވެ.

ދެ ކުދިންގެ މެދުގައި މާރާމާރީ ހިންގީ ކޮން ސަބަބާ ހުރެ ކަމެއް އާއިލާއަކަށް ވެސް ނޭނގެ އެވެ.

އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓް ކޮށްފައިވާއިރު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.