Roadha Mihaaru
ކޮލެޖުތަކުގެ ފައުންޑޭޝަން ޕްރޮގްރާމަށް ބާރުބޮޑުވެއްޖެ

އޭ ލެވެލްއަށް ކުދިން މަދުވެ، ފައުންޑޭޝަން ޕްރޮގްރާމަށް ބާރުބޮޑުވެއްޖެ

09 ސެޕްޓެމްބަރ 2021

އޯ ލެވެލް ނިންމުމަށްފަހު ކޮލެޖް/ޔުނިވާސިޓީގެ ފައުންޑޭޝަން ޕްރޮގްރާމަށް އަލަށް ގުޅުނު ދަރިވަރުންގެ އަދަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް ނިންމުމަށްފަހު ކޮލެޖް/ޔުނިވާސިޓީގެ ފައުންޑޭޝަން ޕްރޮގްރާމަށް އަލަށް ގުޅުނު ދަރިވަރުންގެ އަދަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި 5،955 ދަރިވަރުން ބައިވެރިވި އެވެ. އެ އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުން ގްރޭޑު 10 ގެ ފައިނަލް އިމްތިހާނު މި އަހަރަށް ފަސްކުރީ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފެށިއިރު، ކޮލެޖް/ޔުނިވާސިޓީތަކުން ވެސް ވަނީ ކޯސްތަކަށް ހުޅުވާލައިފަ އެވެ.

އެމްއެންޔޫގެ ފައުންޑޭޝަން ސެންޓަރުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ތަނުގެ އެކި ޕްރޮގްރާމުތަކުން މި ފަހަރު 399 ކުދިންނަށް ފުރުސަތު ދީފައިވާ ކަމަށެވެ. މިއީ، އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރީ ދެ އިންޓޭކުގައި ވެސް ފައުންޑޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވި ދަރިވަރުންގެ އަދަދު 170 އަށްވުރެ މަދުކަމަށް އޭނާ ވިދާޅުވި އެވެ.

"އިމްތިހާނު ފަސްވެގެން ދަރިވަރުންނަށް ވަގުތުތަކެއް ގެއްލިގެން މި ދިޔައީ. އެހެންވެ ކަމަށް ބޮޑަށް ލަފާކުރެވެނީ ފައުންޑޭޝަނަށް މި ފަހަރު އެހާ ބޮޑު ޑިމާންޑެއް އޮތީ. އެއް އަހަރުގެ ފައުންޑޭޝަން ނިންމާފައި ސީދާ ޑިގްރީއަށް ވަދެ، ތިން އަހަރުން ކިޔެވުން ނިންމާލެވޭ އެބަ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި ފަހަރު ފައުންޑޭޝަނަށް ވަތް ކުދިންގެ ނަތީޖާ ވެސް މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ރަނގަޅެވެ. އެގޮތުން، އޭ ސްޓާ އަދި ގައުމީ ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު ވެސް މި ފަހަރު ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގެ ފައުންޑޭޝަނުން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ހެލްތު ސައިންސް އަދި ލެބޯޓްރީ ފަދަ ކޯސްތަކެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލި ނަޖީބު ވެސް ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންޓޭކަށް ވަރަށް ގިނަ ދަރިވަރުން ކުރިމަތިލި ކަމަށެވެ. އެހެން އަހަރުތަކުގައި، ތިން އިންޓޭކު އެއްކޮށްލައިގެން 600 އެއްހާ ދަރިވަރުން ހަމަވާއިރު، މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އެކަނި ވެސް 600 އަށް ވުރެ ގިނަ ދަރިވަރުން ކޯސްތަކަށް ކުރިމަތިލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ސެޓްފިކެޓް 3 އަދި ލެވެލް 4 ގެ ކޯސްތަކަށް ކުރިމަތިލި ދަރިވަރުންގެ އަދަދު ވެސް ރިކޯޑު މިންވަރަކަށް އިތުރުކަން ފާހަގަކުރެއްވި އެވެ.

މަތީ ތައުލީމު ހާސިލްކުރަން ކޯސްތަކަށް ކުރިމަތިލި ދަރިވަރުންގެ އަދަދު އިތުރުވިއިރު، އޭ ލެވެލް ކިޔެވުމަށް އެންމެ ޑިމާންޑު ބޮޑު ދެ ސްކޫލުކަމަށްވާ ސީއެޗްއެސްއީ އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް މި ފަހަރު ފޯމު ހުށަހެޅި ދަރިވަރުންގެ އަދަދު އެހެން އަހަރުތަކަށްވުރެ ވަނީ މަދުވެފަ އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ މި ފަހަރު އޭ ލެވެލްއަށް ވަނުމަށް ފޯމު ހުށަހެޅި ދަރިވަރުންގެ އަދަދު މަދު ނަމަވެސް ސްކޫލު ޖާގަ ފުލްވެފައިވާ ކަމަށެވެ.

"އެހެން އަހަރުތަކުގައި 550 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބޭނެ. އެކަމަކު މި އަހަރު 450 ފޯމު މި ލިބުނީ،" ސޮފޫރާ ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރަށްވުރެ މި އަހަރު އޭ ލެވެލަށް ވަންނަން ފޯމު ހުށަހެޅި ކުދިންގެ އަދަދު 25 ޕަސެންޓު ދަށެވެ. އެއީ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭ ލެވެލްގެ މުހިއްމު ކަމުގެ ވާހަކަ އެބަޖެހޭ ދައްކަން. ގްރޭޑު 10 ނިންމާފައި ފައުންޑޭޝަނަށް ވަދެ ޑިގްރީ ހެދުމާއި އޭ ލެވެލް ނިންމާފައި ޑިގްރީ ހެދުމުން ފެންވަރުގެ ގޮތުން ވަރަށް ބޮޑު ފަރަގެއް އެބަހުރި. އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވެސް ވިދާޅުވީ މި މަހުގެ ފަހުކޮޅު ގްރޭޑު 11 ފެށުމަށް ތައްޔާރުވާއިރު، އޭ ލެވެލް އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސްކޫލާ ދޭތެރޭ އާއްމުން ކުރާ އިތުބާރު ބޮޑުވުމެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ސީއެޗްއެސްއީއަށް މި ފަހަރު ވަތް ދަރިވަރުންގެ އަދަދަށް ބަދަލު އައިސްފައިވަނީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރުމާއެކު ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.