Roadha Mihaaru
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު

އާ ސަފީރުގެ ފުރަތަމަ އިންޓަވިއު: ޗައިނާ އިން ރާއްޖެ އަށް އަބަދުވެސް އެހީވާނެ

09 ސެޕްޓެމްބަރ 2021

ރާއްޖެ އަށް ޗައިނާ އިން އަބަދުވެސް އެހީތެެރިވާނެ ކަމަށް އެ ގައުމުން ރާއްްޖެ އަށް ކަނޑައެޅި އާ ސަފީރު ސަފީރު ވާންގް ލިޖިން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ޗައިނާ އިން އަބަދުވެސް އެހީތެެރިވާނެ ކަމަށް އެ ގައުމުން ރާއްްޖެ އަށް ކަނޑައެޅި އާ ސަފީރު ސަފީރު ވާންގް ލިޖިން ވިދާޅުވެއްޖެ އެވެ.

މިއީ، ރާއްޖޭގައި ކުރިން ހުންނެވި ސަފީރު ޖަންގް ލިޖޮންގްގެ ސަފީރު ކަމުގެ ދައުރު ހަމަވުމުން، އެ ގައުމުން ހަމަޖެއްސި އާ ސަފީރު ވާންގް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މީޑިއާއާއި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އެ އިންޓަވިއުގައި ވާންގް ވިދާޅުވީ، ޗައިނާގެ އެންމެ މުހިއްމު މަސްލަހަތުތަކާ ގުޅޭ ކަންކަމުގައި ރާއްޖެ އިން އެ ގައުމަށް ވަރުގަދަ އަށް ތާއީދު ކުރާތީ އެކަން ޗައިނާ އިން ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށެވެ.

"އަބަދުވެސްް ފޯރުކޮށްދެމުން އައި ފަދައިން ޗައިނާ އިން ރާއްޖެ އަށް އެހީވާނެ،" ޗައިނާގެ އީސީއެންއެސް ނޫހަށް ދެއްވި އިންޓަވިއުގައި ވާންގް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި މިހާރު އޮތް ގުޅުމުގައި މައްސަލަތަކެއް ހުރިކަން ދޭހަވާ ފަދަ އިބާރާތްތަކެއް ވެސް ބޭނުން ކުރައްވާފައި ވެ އެވެ.

ވާންގް ވިދާޅުވީ ދެ ގައުމުގެ ގުޅުމަށް ރާއްޖޭގެ ރައްޔިތުން ކުރާ ތާއީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން "ޕްރެކްޓިކަލް" ގޮތެއްގައި އެއްބާރުލުން އިތުރު ކުރުމަށް ވެސް އޭނާ ގޮވައިލެއްވި ކަމަށް ނޫހުން ބުންޏެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމިއޮވެއްޖެ. ކޮވިޑާ ހަނގުރާމަ ކުރަން ޗައިނާ އިން ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެ،" ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްގެ ފައިދާ ދެ ގައުމަށް ވެސް ކުރާ ކަމަށާއި އެކަމުގެ މިސާލުތައް ރާއްޖޭން ފެންނަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިނަމާލެ ބްރިޖާއި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އާއި ހުޅުމާލޭގެ ދެވަނަ ފޭހުގައި 7،000 ފްލެޓް އިމާރާތް ކުރުމަކީ ސަފީރު ވިދާޅުވި ގޮތުގައި އޭގެ މިސާލުތަކެވެ.

ޗައިނާގެ އާ ސަފީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނޮވެމްބަރު، 2018 ގެ އިންތިހާބުގައި ބަދަލުވި ފަހުން، އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބެލެވެ އެވެ. އެކަމަކު ދެ ސަރުކާރުން ވެސް އެ ކަމަށް އެއްބަހެއް ނުވެ އެވެ. އަމަލީ ގޮތެއްގައި ގުޅުން ބަދަހިކުރަން އާ ސަފީރު ގޮވައިލެއްވީ އެހެންވެ ކަމަށް ބެލެވެ އެވެ.