Roadha Mihaaru
ޗައިނާއިން ގައުމުގެ ދާހިލީ ކަންކަމާ ނުބެހޭނެ: ސަފީރު

ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުން: ސަފީރު

01 މެއި 2022

ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ މައްސަލަތަކަށް ނުބެހުން ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަން ލިޒިން ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ މައްސަލަތަކަށް ނުބެހުން ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަން ލިޒިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް ގުޅުމާއި ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތެއް ދެއްވަމުން ސަފީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން މިހާ ދުވަހަށް ދެމިގެންދިޔަ އެއް ސަބަބަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކުރުމާއި ހަމަހަމަ ކަމާ އެކު އެހީތެރިވުން ކަމަށެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ ގައުމީ ސިޔާދަތާއި ސަރަހައްދީ ސިޔާދަތު ހިމާޔަތްކުރުމާ އެކު މިނިވަން ފޮރިން ޕޮލިސީގެ ގާއިމުކުރުމާއި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ވެސް އެ ގައުމުން އެހީތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާއިން ރާއްޖޭގައި ތަރައްގީކުރި ސިނަމާލޭ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ބޮޑެތި ލުއިތަކެއް ވެފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާ އިން ވެސް މަސައްކަތްކުރަމުންދަނީ ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކާ ކަމަށާއި އެކަމަކު ޗައިނާއަކީ ގައުމުތަކުގެ ދާހިލީ ކަންކަމަށް އަނގަދަކޮށް ހަދާ ގައުމެއް ނޫން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބަދަލުކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބަދަލުކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

ސަފީރު ވިދާޅުވި ގޮތުގައި ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރާއްޖެއިން އިހުތިޔާރުކުރާ މިނިވަން ގޮތްތަކަށް ޗައިނާއިން އިހުތިރާމުކުރާނެ އެވެ.

"ޗައިނާ އިން ރާއްޖޭގައި މަސައްކަތްކުރަނީ އަމިއްލަ މަންފާއަކަށް ނޫން. ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމަށް ތާޑް ޕާޓީއެއްގެ ބައިވެރިވުމެއް ނޯވެ. އެކަަމަކު މި ގުޅުމުގެ ސަބަބުން ދިވެހިންގެ ތަރައްގީއާއި ކުރިއެރުން ލިބިގެންދޭ،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާ އިން އޮތީ ރާއްޖެއާ ވަރަށް ގާތްކޮށް މަސައްކަތްކުރުމަށް ތައްޔާރަށެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް މިއަހަރު 50 އަހަރު ފުރުން ފާހަގަކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް ދަނީ ރާވަމުންނެވެ. ސަފީރު ވިދާޅުވީ އެ މުނާސަބަތާ ގުޅިގެން 30 އެއްހާ ހަރަކާތް އޮންނާނެ ކަމަށެވެ. އޭގެ ތެރޭގައި އޮންލައިން ކުއިޒާއި ފޮޓޯގްރާފީ މުބާރާތަކާއި ޕެއިންޓިން ކޮންޓެސްޓަކާއި ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ އެކި ކަހަލަ ފޯރަމްތަކާއި ސެމިނާތައް ހިމެނެ އެވެ.

ޗައިނާ އިން ރާއްޖެއަށް ދަރަނީގެ "ދަންތުރަ" އެެއް ނުދޭނެ

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ސައުތު އޭޝިއާ އަށް ބަލާއިރު ޗައިނާ އަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން އެންމެ ގިނަ ލޯނު ނަގާފައިވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އެހެންވެ، ޗައިނާ އިން ރާއްޖޭގެ ބިންތައް ފޭރި، ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސަފީރު ވިދާޅުވީ އެއީ އެެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެެވެ.

ސަފީރު ވިދާޅުވި ގޮތުގައި ޗައިނާއިން ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގިޔަސް އެއީ ހަމަ ދިވެހިންގެ ބިންތަކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް އިގްތިސޯދު ތަރައްގީކުރުމަށް ޗައިނާ އިން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެ ހިމަނާފައިވާ ކަމަށާއި އެކަމަށްޓަކާ ދިވެހި ސަރުކާރު ވެސް ޝުކުރުވެރިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފްރޭމްވޯކްގެ ތެރޭގައި، ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެމުން ގެންދާ އެއްބާރުލުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ މީހުންނަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިހާތަނަށް އައިއިރު ޗައިނާއިން ރާއްޖެއަށް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާއިރު ކޮވިޑްގެ ތެރޭގައި ވެސް ޗައިނާގެ އިންޖީނިއަރުންނާއި ޓެކްނީޝަނުން އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގައި މަޑުކުރީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.