Roadha Mihaaru

ފިލި ގައިދީން ނުހިމަނައި އަސީރުން ބަދަލެއް ނުކުރެވޭނެ: ހަމާސް

އިޒްރޭލުގެ ޖަލުން ފިލައިގެން ގޮސް އުޅެނިކޮށް އަލުން ހައްޔަރުކުރި ހަތަރު އަސީރުން ނުހިމަނައި، އަސީރުން ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވޭނެ ކަމަށް، ހަމާސް ޖަމާއަތުން ބުނެފި އެވެ.

ފިލި ގައިދީން ނުހިމަނައި އަސީރުން ބަދަލެއް ނުކުރެވޭނެ

އިޒްރޭލުގެ ޖަލުން ފިލައިގެން ގޮސް އުޅެނިކޮށް އަލުން ހައްޔަރުކުރި ހަތަރު އަސީރުން ނުހިމަނައި، އަސީރުން ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވޭނެ ކަމަށް، ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑުން އިއްޔެ އާންމުކުރި ވީޑިއޯ ބަޔާނެއްގައި، އެ ބްރިގޭޑުގެ ތަރުޖަމާނު އަބޫ އުބައިދާ ބުނި ގޮތުގައި އިޒްރޭލުގެ ޖަލްބޫއު ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ހަތަރު ގައިދީން މިނިވަންކުރެވޭ ގޮތަށް ނޫނީ، އަސީރުން ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް އިޒްރޭލާ އެކު ނުދެއްކޭނެ އެވެ.

އަބޫ އުބައިދާގެ ވާހަކައިގައި އެ އިޝާރާތް ކުރަނީ، ހަމާސް އިން ރަހީނުކޮށްފައިވާ ކަމަށް ބުނާ ހަތަރު ޔަހޫދީން މިނިވަންކުރުމާ ގުޅޭ ގޮތުން، އިޒްރޭލުން ކުރަމުން އަންނަ މަސައްކަތަށެވެ. އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިޒްރޭލު ސިފައިންގެ ދެ މީހަކާއި، އާންމު ރައްޔިތުންގެ ދެ މީހެކެވެ.

ހަމާސްގެ ހަނގުރާމަވެރިން، އިޒްރޭލު ސިފައިންގެ ދެ މީހަކު ރަހީނުކުރީ، 2014 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ގާޒާ އަށް ވަދެގަނެ ހިންގި އުދުވާނީ އަމަލުތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުތަކުގެ ތެރޭގައި ގާޒާގެ ތެރެއަށް އެކިފަހަރު މަތިން ވަދެ އުޅުނު ޔަހޫދީންގެ ތެރެއިން ވެސް ދެމީހަކު، ހަމާސްގެ ހަނގުރާމަވެރިން ވަނީ އަތުލައިގަނެ ރަހީނުކޮށްފަ އެވެ.

އޭގެ ފަހުން އެ ހަތަރު މީހުން ތިބި ތަނެއް، އަދި އެ މީހުން ތިބި ހާލެއް ވެސް ހަމާސް ޖަމާއަތުން ނުބުނެ އެވެ.

މީގެ ކުރިން ހަމާސް ޖަމާއަތުން ރަހީނުކުރި އިޒްރޭލު ސިފައިންގެ މީހަކު ވެސް މިނިވަންކުރީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު 2011 ވަނަ އަހަރު އެއްބަސްވެވުނު އެއްބަސްވުމެއްގެ ދަށުން، އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު ރައްޔިތުންތަކެއް މިނިވަންކުރުމުންނެވެ. އެފަހަރުގެ އެއްބަސްވުމުގެ ދަށުން، ފަލަސްތީނުގެ 1،027 މީހަކު މިނިވަންކުރި އެވެ.

އިޒްރޭލުގެ ޖަލްބޫއު ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރި ޔައުގޫބް ގާދިރީ އިޒްރޭލުގެ ކޯޓަށް ހާޒިރުކޮށްފައި. --އޭއެފްޕީ

އިޒްރޭލުގެ ޖަލްބޫއު ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރި ޔައުގޫބް ގާދިރީ އިޒްރޭލުގެ ކޯޓަށް ހާޒިރުކޮށްފައި. --އޭއެފްޕީ

"މިނިވަންކަމުގެ ބިންގަރާހުގެ ބަތަލުން، އިސް އުފުލައިގެން ތިބެ ނިކަން އަވަހަށް އިޒްރޭލުގެ ޖަލުތަކުން ނުކުންނާނެ. ގައްސާމްގެ ވެރިން މިހާރު ނިންމާފައިވަނީ، އެ ބަތަލުން މިނިވަންކުރެވޭ ގޮތަށް މެނުވީ، އަސީރުން ބަދަލުކުރުމަށް ކުރިމަގުގައި އެއްބަސްވުމެއް ނުހެދުމަށް،" އަބޫ އުބައިދާ އިއްޔެ ނެރުނު ވީޑިއޯ ބަޔާނުގައި ބުނެފައިވެ އެވެ.

"މިނިވަންކަމުގެ ބިންގަރާހުގެ ބަތަލުންގެ ތެރެއިން ބައެއް މީހުން އަލުން ހައްޔަރުކޮށްފައި ވިޔަސް، އެމީހުން އެކުރި ޝަރަފުވެރި މަސައްކަތް ވަންހަނާ ނުކުރެވޭނެ. ފަލަސްތީނުގެ އަސީރުންގެ ހިތްވަރު ގަދަކަމާ އަދި ހަރުކަށިކަމުން، ފަލަސްތީނު ރައްޔިތުންގެ ހިތްތަކުގައި އެމީހުންނާ މެދު އިތުރުވަނީ ފަޚުރުވެރިކަން. މިފަހަރު އެމީހުން އަމިއްލަ އަށް ބިމު އަޑިން ބިންގަރާސް ކޮނެގެން މިނިވަންވެފައިވާ އިރު، މާތް ﷲގެ އިރާދަފުޅާ އެކު ބިމުގެ މަތިން އެމީހުން ވަރަށް އަވަހަށް މިނިވަންވާނެ."

އަބޫ އުބައިދާ ބުނީ "ބިމުގެ މަތިން އެބައިމީހުން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް، އިޒްރޭލު ސަރުކާރަށާއި، އަހަރެމެންގެ މިނިވަން އަސީރުންނަށް ވައުދުވަން" ކަމަށެވެ.

އޭނާ ބުނީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ކިތަންމެ ބިރެއް ދެއްކިޔަސް، ޖެނީންގެ އެންމެ މީހަކު ވެސް، އަދި ފަލަސްތީނުގެ އެންމެ ރައްޔިތަކު ވިޔަސް ޖެހިލުންވެ ބިރު ނުގަންނާނެ ކަމަށެވެ. އަދި އެމީހުންގެ ދީނީ އަދި ވަތަނީ ވާޖިބު އަދާކުރުން މަތީ ފަލަސްތީނު ދެމިއޮންނާނެ ކަމަށް ވެސް އަބޫ އުބައިދާ ބުންޏެވެ.

އިޒްރޭލުގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖިލްބޫއު ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ފިލީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެމީހުން ފިލައިގެން ފަލަސްތީނުގެ ތެރެއަށް ނުދެވިގެން އުޅެނިކޮށް، އިޒްރޭލު ސިފައިން ވަނީ އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

އެ ހަތަރު މީހުން އަލުން ހައްޔަރުކޮށްގެން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، މި މަހުގެ 19ގެ ނިޔަލަށް އެމީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަލުން ހައްޔަރު ކުރުމަށް ފަހު، އިޒްރޭލު ސަރުކާރުން އެމީހުންގެ މައްޗަށް އުފުލި ދައުވާތަކަކީ، ޓެރަރިސްޓު ހަމަލާއެއް ތަންފީޒުކުރަން ރޭވުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމާއި، ޖަލުން ފިލުމުގެ ކުށެވެ.

އެ ހަތަރު މީހުން އަލުން ހައްޔަރު ކުރުމަށް ފަހު، އެމީހުންގެ ދިފާއީ ވަކީލުންނާ ބައްދަލުކުރުން އިޒްރޭލު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އެމީހުން ކޯޓަށް ހާޒިރުކުރީ ވެސް ވަކީލަކާ ނުލަ އެވެ. އެ މީހުން ކޯޓަށް ހާޒިރު ކުރީ ވެސް، ގިނަ އަދަދެއްގެ ފުލުހުންގެ އުޅަނދުތަކާ އެކުގައި، އެއިން ކޮންމެ މީހަކު ވަކި އުޅަނދެއްގަ އެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ފަށައިގެން ކުރިއަށް ގެންދިޔައީ، އެ ހަތަރު މީހުން ޝަރީއަތުގެ މަޖިލީހަށް ނުވައްދަ އެވެ. އެއީ، އެ ޝަރީއަތުގެ މަޖިލީހުގެ އެއްވެސް ވާހަކައެއް ނޫސްތަކުގައި ޝާއިއުކުރުން މަނާކޮށްދިނުމަށް، އިޒްރޭލުގެ ޖާސޫސީ އިދާރާއިން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށެވެ.

އެކަމާ ބެހޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ދިޔަ އިރު، ޝަރީއަތް އަޑުއެހުމަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ، އެ ހުށަހެޅުމަށް ދެކޮޅު ހަދައި، ފަނޑިޔާރުގެ ކުރިމަތީގައި ނުރުހުން ފާޅުކޮށްފަ އެވެ.