ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ދިނުން ދިގު މުއްދަތަކަށް ހުއްޓާލާ ނަމަ ހަމާސްގެ ހަތިޔާރު "ފްރީޒްކުރަން" ވާހަކަ ދެއްކިދާނެ ކަމަށާއި އެކަމަކު އެއްކޮށް ހަތިޔާރު ދޫކޮށްލުމަކީ އެއްބަސްވާނެ ކަމެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ދިނުން ދިގު މުއްދަތަކަށް ހުއްޓާލާ ނަމަ ހަމާސްގެ ހަތިޔާރު "ފްރީޒްކުރަން" ވާހަކަ ދެއްކިދާނެ ކަމަށާއި އެކަމަކު އެއްކޮށް ހަތިޔާރު ދޫކޮށްލުމަކީ އެއްބަސްވާނެ ކަމެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
"ހަތިޔާރު އެއްކޮށް ދޫކޮށްލުމުގެ ވިސްނުން މި ހަރަކާތުން [ހަމާސް އިން] ބަލައެއް ނުގަންނަން. ހުށަހަޅާފައި ވަނީ ހަތިޔާރު ފްރީޒްކުރަން ނުވަތަ ގުދަންކޮށްފައި ބެހެއްޓުމަށް ... އެއީ އިޒްރޭލުގެ އިސްތިއުމާރީން ޣައްޒާގައި އަލުން ހަމަލާތައް ދޭން ފެށިޔަސް [ދިފާއުގައި ބޭނުންކުރަން] ޔަގީންކަމެއްގެ ގޮތުގައި،" ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ ޚާލިދު މިޝްއަލް ގަތަރުގެ އަލް ޖަޒީރާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން މީޑިއޭޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ވިސްނުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ކަމުގެ ހަގީގަތާ އެއްގޮތަށް ގެންގުޅޭ ވިސްނުމުގެ ތެރެއިން ... އެފަދަ ކަމަކަށް އެއްބަސް ވެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އޮކްޓޯބަރު 7، 2023 ގައި ޣައްޒާގައި ދޭން ފެށި ހަމަލާތައް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުއްވުމަކާ އެއްގޮތަށް އެއްބަސްވެ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް އިޒްރޭލާއި ހަމާސް ޖަމާއަތުން ކޮންމެ ދުވަހަކު ވެސް ދަނީ އެއްބަސްވުމާ ހިލާފުވި ކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތިން ފިޔަވައްސަކަށް ބަހާލާފައި ވާއިރު ފުރަތަމަ ފިޔަވަހ ވަނީ ނިމުމަކާ ހިސާބުގަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ވަނީ ދެ ވަނަ ފިޔަވަހި ވަރަށް އަވަހަށް ފެށޭނެ ކަމަށް ބުނެފަ އެވެ.
ދެން ފަށާ ފިޔަވަހީގައި އިޒްރޭލު ސިފައިން މިހާރު ތިބި ހިސާބުތަކަށް ވުރެ ވެސް ފަހަތަށް ޖެހެން ޖެހޭނެ އެވެ. އަދި އިޒްރޭލު ސިފައިންގެ ބަދަލުގައި ބައިނަލްއަގުވާމީ ފައުޖަކުން އެ ސަރަހައްދު ބަލަހައްޓާނެ އެވެ. އަދި ހަމާސް އިން ހަތިޔާރު ބަހައްޓާނެ އެވެ.
މި މަރުހަލާގެ ކުރިން ނަތަންޔާހޫ އާއި ޓްރަމްޕު ބައްދަލުކުރަން ހަމަޖެހިފައި ވާއިރު ހަމާސް އިން ތަކުރާރުކޮށް ބުނަމުންދަނީ ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.
"ހަތިޔާރު ބެހެއްޓުމަކީ ފަލަސްތީނުގެ ވިސްނުމުގައި ނަމަ އޭގެ ދިރުން ނައްތާލުން. އެކަން އެހެން ގޮތަކުން ކުރަމާ ހިނގާ،" މިޝްއަލް ވިދާޅުވި އެވެ.
ޣައްޒާއަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުމާ ބެހޭ ގޮތުން މިޝްއަލް ވިދާޅުވީ ބޯޑަރު ކައިރީ އެ ފައުޖު ހަރަކާތްތެރިވުމުގައި ހަމާސްގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ޣައްޒާގެ އެތެރޭގައި ހަރަކާތްތެރިވާން އެއްބަސް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ލުބްނާންގައި ތިބޭ އދ.ގެ ފައުޖެވެ.
މިޝްއަލް ވިދާޅުވީ އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމަށް ފަހު ބައިނަލްއަގުވާމީ ފައުޖަކުން ބޯޑަރު ބަލަހައްޓާ ނަމަ "އިސްތިމާރީންނާ ޣައްޒާ ވަކިވާނެ" ކަމަށެވެ.
"އެކަމަކު ޣައްޒާގެ އެތެރޭގައި އެ ފައުޖު އޮންނަ ނަމަ ފަލަސްތީނާއި އާދަކާދަ އާއި އާންމު ވިސްނުމުގައި އެކަން ފެންނާނީ އަނެއްކާވެސް އިސްތިއުމާރެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
"ނުރައްކާ ކުރިމަތިވަނީ ޒަޔަނިސްޓުންގެ ފަރާތުން، އެކަން އަންނަނީ ޣައްޒާގެ އެތެރެއަކުން ނޫން."
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ދިރިތިބި އަދި މަރުވެފައިވާ ރަހީނުންގެ 48 މީހުން އިޒްރޭލާ ހަވާލުކުރުން ހިމެނޭއިރު އެންމެ މީހެއްގެ ހަށިގަނޑު ފިޔަވައި މިހާރު ވަނީ ހަވާލުކޮށް ނިންމައިފަ އެވެ. ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ދެ ހާހެއްހާ މީހުން ޖަލުތަކުން މިނިވަންކޮށްފަ އެވެ. އަދި ޝަހީދުވި ފަލަސްތީނުގެ އެތައް ސަތޭކަ މީހެއްގެ ހަށިގަނޑު ވެސް ހަވާލުކޮށްފައިވެ އެވެ. -- އޭއެފްޕީ
އިޒްރޭލާ ހެދި ދެވަނަ ފިޔަވަހި ފެށޭކަން ނެތް: ހަމާސް
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް
އިޒްރޭލުން ޣައްޒާއަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ހަށިގަނޑެއްގެ މައްސަލައިގައި އިޒްރޭލުގެ އިންޒާރެއް
"މިނިވަން" ކޮމިޓީއަކުން ޣައްޒާ ހިންގަން އެއްބަސްވެއްޖެ
އިޒްރޭލުން އެހީވާ ގޭންގަށް ހަމާސްގެ ވަރުގަދަ ހަމަލާއެއް
ހަމަލާތައް އަލުން ފަށާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި
ހަމާސް އިން އިޒްރޭލުގެ އަސީރުން މިނިވަންކުރަން ފަށައިފި