Roadha Mihaaru
އައްޑާތައް ބަންދުވެ، ޑްރަގްސްތައް މަގުމައްޗަށް!

އައްޑާތައް ބަންދުވެ، ޑްރަގްސްތައް މަގުމައްޗަށް!

19 ސެޕްޓެމްބަރ 2021

މާލޭގެ މަޝްހޫރު ގޭންގެކެވެ. ޖެހިގެން ހުރި މީހާގެ އަތުން ފައިސާތަކެއް ހިފައިގެން ޒުވާން ފިރިހެނަކު ހިނގާފައި ވަންނަނީ ކުރިމަތީގައި ހުރި ހަނި ގޯޅިގަނޑަށެވެ. އެ ތަނަށް ވަދެ، މާ ގިނައިރުތަކެއް ނުވެ އެ ގޭންގު އޮޕަރޭޓްކުރާ މައި "އައްޑާ"ގެ ދޮރާ ހިސާބަށް ޒުވާނާ ދަނީ މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓުތަކެއް ހިފައިގެންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މަޝްހޫރު ގޭންގެކެވެ. ޖެހިގެން ހުރި މީހާގެ އަތުން ފައިސާތަކެއް ހިފައިގެން ޒުވާން ފިރިހެނަކު ހިނގާފައި ވަންނަނީ ކުރިމަތީގައި ހުރި ހަނި ގޯޅިގަނޑަށެވެ. އެ ތަނަށް ވަދެ، މާ ގިނައިރުތަކެއް ނުވެ އެ ގޭންގު އޮޕަރޭޓްކުރާ މައި "އައްޑާ"ގެ ދޮރާ ހިސާބަށް ޒުވާނާ ދަނީ މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓުތަކެއް ހިފައިގެންނެވެ.

އެއަށްފަހު، ހުކުރު ދުވަސް ދުވަހު މިސްކިތް ކައިރީގައި ފައިސާ ބަހާހެން އެ ޒުވާނާ ޑްރަގްސް ބަހަމުން ދިޔަ އެވެ. އޭރު، ކުދިކުދި ޕެކެޓުގައި ވިއްކަމުން ދިޔަ "ޕީސް"ކޮޅު ހޯދަން އެ ތަނުގައި ސަފު ހަދާލައިގެން ފިރިހެނުންތަކެއް ވެސް ތިއްބެވެ.

ޑްރަގް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު މަސްތުވާށާއި ނިދައި ކައިބޮއެ ހަދަން އުޅުނު ހުރިހާ އައްޑާތަކެއްގައި ހެން ފުލުހުން މިހާރު ވަނީ ތަޅުއަޅުވައިފަ އެވެ. އެހެންވެ މާލޭގެ މިހާރުގެ ހާލަތަކީ އެއީ އެވެ. އާންމު ތަންތަނާއި ޕާކުތަކާއި ހުސްތަންތަންކޮޅުގައި ފާޅުގައި މަސްތުވާތަކެތި ބޭނުންކުރަމުން އެބަދެ އެވެ. ޖެހުނު ތަނެއްގައި ނިދާތަން އެބަ ފެނެ އެވެ. އެކި ސަރަހައްދުގައި ބިތްޖެހިފައި އެތައް ބަޔަކު އެބަތިއްބެވެ.

ފުލުހުން ބުނާގޮތުން، މަގުމަތީގައި މަސްތުވާތަކެތި ވިއްކުމާއި އެ ތަންތަނުގައި ބޭނުންކުރުމުގެ ޓްރެންޑް ފުޅާވާން ފެށީ އައްޑާތައް ބަންދުކުރަން ފެށުމެވެ. މި ފަހުން ވެސް މާލޭގެ އެކި ހިސާބުތަކުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ޕެކެޓުތައް ހޯދާފައިވެ އެވެ. އެއީ، ލަފާކުރެވޭ ގޮތުގައި ވިޔަފާރިކުރުމަށް ބަހައްޓާފައި ހުރި ތަކެއްޗެވެ.

މަސްތުވެގެން މަގުމަތީގައި އުޅުނު އެތައް ބަޔަކު މިދިޔަ އަހަރު ފުލުހުން ހިފެހެއްޓިއިރު، ވަކި ހިސާބަކުން އެ މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބި، އެ ލުއި މަގުމަތިން ފެންނަން ފެށި އެވެ. ނަމަވެސް، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) އިން މި ފަހުން ފެށި އޮޕަރޭޝަނުގައި އައްޑާގެ ގޮތުގައި ފާހަގަކުރެވިފައިވާ 45 ތަނެއް ބަންދުކުރުމާ އެކު އެ އެންމެން ނުކުތީ މަގުމައްޗަށެވެ.

އައްޑާތައް ބަންދުކުރުމުން ކާނިވާ ސްޓޭޖުގައި ބައެއްގެ ތަކެތި ބަހައްޓާފައި.-- ޓްވިޓާ ފޮޓޯ: ނަވާޒު

އައްޑާތައް ބަންދުކުރުމުން ކާނިވާ ސްޓޭޖުގައި ބައެއްގެ ތަކެތި ބަހައްޓާފައި.-- ޓްވިޓާ ފޮޓޯ: ނަވާޒު

މީގެ ވިއްސަކަށް އަހަރު ކުރިން މަސްތުވާތަކެތި ބޭނުންކުރަން ފަށައި އަދި ތިން އަހަރު ކުރިން އެކަމުން ސަލާމަތްވެ، އޭގެ ޓްރެންޑުގެ މައުލޫމާތު އެނގޭ މުހައްމަދު ނަވީޒު (އައްކު) ބުނިގޮތުގައި މަގުމަތީގައި މަސްތުވާތަކެތި ވިއްކަނީ އެ އެތެރެކުރާ މީހުންނެއް ނޫނެވެ. އެއް ބަޔަކު 1،000ރ. އަށް އެ އޭގެ ޕެކެޓުތައް ގަނެފައި، ކުދި ކުދި ޕެކެޓުތަކަށް އަޅައި 100ރ. އަށް ޕީސްކޮޅެއް ވިއްކާއިރު ދެން އުޅެނީ ރަށްރަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރަން މާލެ އަންނަ މީހުން ކަމަށް އޭނާ ބުންޏެވެ.

ރަށްރަށުން އަންނަ މީހުން އައްޑާތަކުގައި ތިބެގެން މަސްތުވާތަކެތި ވިއްކިއަސް އެ މީހުން އެ އެއްޗިހި ބޭނުންކުރުން މަނާވާނެ އެވެ.

އައްކު ބުނީ އައްޑާތައް ބަންދުކުރުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ނުކުންނާނީ މަގުމައްޗަށް ކަން ކުރިން ވެސް އެނގެ އެވެ. އެހެންވެ، ފަރުވާ އަށް ނުފޮނުވައި އެގޮތަށް ހެދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ އެތެރެ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ އެތެރެ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ސަޕްލައިއާ ޑިމާންޑު ރިޑަކްޝަންއާ ދެކޮޅުން ބަލަންޖެހޭނީ. ކުއްލިއަކަށް އައްޑާތައް ބަންދުކުރީމަ ފާމަސީތަކަށް ވަދެ، ވައްކަންކޮށް މާ ނުރައްކާތެރި ހާލަތަކަށް ދަނީ. މިކޮޅުގައި ބެލެންސްކުރަން ޖެހޭނީ. ބޭނުންކުރާ ވަރަކަށް ޖެހޭނީ ފަރުވާގެ އެކްސެސް ލިބެން. ރިލެޕްސިން ބައްޔެއް ގޮތަށް މިކަން ފާހަގަވީ. ބައިވަރު ފަހަރު ރިލެޕްސް ވެގެން މި ކަމުން މަގެއް ފެންނަނީ. ރިލެޕްސް ނުވެ މަގެއް ވެެސް ނުފެންނާނެ،" އައްކު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ޑީއީޑީގެ ހެޑު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވެސް ދާދި ފަހުން ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުން ހިފެހެއްޓި 500 އަށްވުރެ ގިނަ މީހުންގެ ތެރެއިން 335 މީހުންނަކީ މަސްތުން ސަލާމަތްވާން ފަރުވާ ބޭނުންވާ މީހުންނެވެ. އެކަމަކު، ތަފާތު ސަބަބުތަކާ ހުރެ އެ މީހުން މަގުމައްޗަށް ދޫވެ، ފަރުވާގެ ނިޒާމުން ބާކީވެފައިވެ އެވެ.

ރާއްޖޭގައި ޒަރޫރީ ތަކެއްޗަށްވުރެ މަސްތުވާތަކެތި ތިޔާގި އެވެ. ފެން ނުވަތަ ގޭހަށް އޯޑަރު ކޮށްގެން އެ ނުލިބިގެން ލަސްވިއަސް މަސްތުވާ އެއްޗަކަށް "އޯޑަރު" ކޮށްގެން ލަސްވެގެން އުޅޭކަށް ނުޖެހޭނެ ކަމަށް އައްކު ބުނެ އެވެ.

"މަސްތުވާތަކެތި ހަމަ ބޭނުން އިރަކު، ބޭނުން ތަނަކަށް ގެނެސްދޭނެ. އެކަން ހަމަ 100 ޕަސެންޓު އެގޮތަށް އިންނާނީ،" އައްކު ބުންޏެވެ.

"ވަރަށް ފާގަތި އެއްޗެއް އެއީ."