Roadha Mihaaru
މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް

މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް ކަނޑަޅައިފި

10 ޑިސެމްބަރ 2020

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތްތަކެއް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކަނޑައަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތްތަކެއް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކަނޑައަޅުއްވައިފި އެވެ.

ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާދީ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެ މީހުން އަނބުރާ މުޖުތަމައުއަށް ވާސިލްކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެއާއެކު، އެ މަނިކުފާނު ވަނީ ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ފަރުވާދެވޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިދެއްވައިފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ގާއިމްކުރާ ވަގުތީ ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސްކުރުމަށް، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އަންނަ އަހަރުގައި ބަޖެޓުގައި ހިމަނައި ކުރިއަށްގެންދާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވި އެވެ. އެ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމުމުން ރިމާންޑުގެ އިތުރުން ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓަ ކެއާގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

"އެއާއެކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ ފަރާތްތައް، ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެ... އަދި މީގެ ނަތީޖާއެއްގެ ގޮތުން މިފަދަ ފަރާތްތައް އަނބުރާ މުޖުތަމައަށް ގުޅިގެންދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދޭނެ ނިޒާމު ފަރުމާކޮށްފައިވަނީ އެފަދަ މީހުން އަނބުރާ މުޖުތަމައުއަށް ނުކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، އެ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތްތަކެއް ކަނޑައެޅިއިރު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދުމަށް ކިއު ދިގުވެ އެ ތަނުން ދޭ ހިދުމަތްތަކާ މެދު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އެޖެންސީ ބަދަލުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވެސް ވަނީ "ޗޭންޖް އެންޑީއޭ" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ.