Roadha Mihaaru
ދައުލަތުގެ އާމްދަނީ ރުޖޫއަވާން އިތުރު ދެ އަހަރު ނަގާނެ

ދައުލަތުގެ އާމްދަނީ ރުޖޫއަ ކުރަން އިތުރު ދެ އަހަރު ނަގާނެ: ފިނޭންސް މިނިސްޓްރީ

15 ސެޕްޓެމްބަރ 2021

ކޮވިޑްގެ ހާލަތުގެ ކުރިން ދައުލަތަށް ލިބެމުން އައި ވަރުގެ އާމްދަނީއެއް ދެން ހޯދޭނީ 2023 އިން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ހާލަތުގެ ކުރިން ދައުލަތަށް ލިބެމުން އައި ވަރުގެ އާމްދަނީއެއް ދެން ހޯދޭނީ 2023 އިން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ "މެދުރާސްތާ ފިސްކަލް ޕްލޭން" ގައި ވާ ގޮތުން ކޮވިޑްގައި ކުރިމަތިވި އަޑިގަޑުން އަރައިގަނެ، ކުރިން ދައުލަތަށް ލިބެމުން އައި އާމްދަނީ ރުޖޫއަ ކުރަން އަދި ދެ އަހަރު ނަގާނެ އެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން 2019 ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 15 ބިލިއަން ރުފިޔާ އަށް ވެއްޓުނެވެ. ފިނޭންސް މިނިސްޓްރީން މި އަހަރަށް އަންދާޒާ ކުރަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތަށް 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒަ ކޮށްފައިވެ އެވެ.

ދައުލަތުގެ އާމްދަނީން އެންމެ ބޮޑު އެއްޗެއް ލިބެނީ ޓީޖީއެސްޓީ އާއި ޖީއެސްޓީންނެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް ހިމެނެ އެވެ.

"މެދުރާސްތާ ފިސްކަލް ޕްލޭން" ގައި ބުނެފަައި ވަނީ އަންނަ އަހަރުގެ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާނީ 37 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ބަޖެޓްގެ ފައިނަލް އަދަދު އެނގޭނީ އަންނަ މަހުގެ 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުންނެވެ. އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށް ހަތް ކަމެއް ސަރުކާރުން ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓް ޓެކްސް ރޭޓު ބޮޑުކުރުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ބިދޭސީންގެ ކޯޓާ ފީ، ރެޒިޑެންޓް ޕާމިޓް ފީ އިތުރު ކުރުމާއި ކޮންޖެސްޝަން ޗާޖާއި ސްޕެކްޓްރަމް ޗާޖެއް ނެގުމެވެ.