Roadha Mihaaru
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"

ކޮވިޑް ނައި ނަމަ 20 ބިލިއަން ރުފިޔާގެ ދަރަނި ނުނަގާނެ: އަމީރު

13 ނޮވެމްބަރ 2022

ސަރުކާރުން އެހާ ބޮޑު ދަރަންޏެއް ނަގަން ޖެހުނީ ކޮވިޑާ ހެދި ކަމަށާއި އެ ހާލަތު ކުރިމަތިނުވި ނަމަ 20 ބިލިއަން ރުފިޔާގެ ދަރަނި ނުނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން އެހާ ބޮޑު ދަރަންޏެއް ނަގަން ޖެހުނީ ކޮވިޑާ ހެދި ކަމަށާއި އެ ހާލަތު ކުރިމަތިނުވި ނަމަ 20 ބިލިއަން ރުފިޔާގެ ދަރަނި ނުނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެންދުރުފަހުގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި 14 ބިލިއަން ރުފިޔާ މަދުވި ކަމަށެވެ. އެ ހާލަތުގައި ދަރަނި ނަގަން މަޖުބޫރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 79 ޕަސެންޓުގަ އެވެ. އެއީ 68 ބިލިއަން ރުފިޔާ އެވެ. އަދި 2020 ވަނަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން 150 ޕަސެންޓަށް ދަރަނި އެރި އެވެ.

އަންނަ އަހަރު ރާއްޖޭގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެއީ 2019 ވަނަ އަހަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެެވެ.

އަމީރު ވިދާޅުވިގޮތުގައި، ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ރާވައިފައި ވަނީ ސީދާ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށެވެ.

"ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ހިމަނާފައި ވާނެ. މީ ވަރަށް ސީރިއަސް ވާހަކައެއް. ރާއްޖޭގައި ކިޔަވައިގެން އަންނަ މެޑިކަލް އޮފިސަރަކަށް 25،000ރ. ލިބުމަކީ މައްސަލައެއް. ހަތް އަހަރު ކިޔަވައިގެން އައިސް އެ ވަރު ދެވުނީމާ އެއީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާއި ތައުލީމާއި ސިއްހީ ދާއިރާގެ ގިނަ ޕްރޮޖެކްޓްތަކެއް ވެސް ހިންގަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެއީ ހުށަހެޅި 42 ބިލިއަން ރުފިޔާގެ ބަޖެޓުގެ 20 ޕަސެންޓެވެ.

އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާ އެކު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިރު މި އަހަރު ނިމުމުގެ ކުރިން 2019 ވަނަ އަހަރުގެ އިގްތިސާދީ ހާލަތާ ހަމައަށް ދެވޭނެ ކަމަށެވެ. ވިދާޅުވީ، 7.6 ޕަސެންޓަށް މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން އެޅި ހަށުކަށި ފިޔަވަޅުތަކަށް ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސްވުމާ އެކު ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު 2021 ވަނަ އަހަރު އިތުރުވެ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ޓޫރިސްޓުން އިތުރުވާނެ،" މާލީ ވަޒީރު ވިދާޅުވި އެވެ.