Roadha Mihaaru
އިތުރަށް މުސާރަ ޖަމާވި 32 މީހަކު ފައިސާއެއް ނުދޭ

މުސާރަ ބޮޑުކޮށް ޖަމާވި 32 މީހަކު އަދިވެސް ފައިސާ ހަވާލެއް ނުކުރޭ: ފިނޭންސް

20 ސެޕްޓެމްބަރ 2021

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮޅުމަކުން އިތުރަށް މުސާރަ ޖަމާވެފައިވާ މީހުންގެ ތެރެއިން އަދިވެސް 32 މީހަކު ފައިސާ އަނބުރާ ނުދޭ ކަމަށާއި އެބައި މުސާރައިން އުނިކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮޅުމަކުން އިތުރަށް މުސާރަ ޖަމާވެފައިވާ މީހުންގެ ތެރެއިން އަދިވެސް 32 މީހަކު ފައިސާ އަނބުރާ ނުދޭ ކަމަށާއި އެބައި މުސާރައިން އުނިކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 1،796 މީހަކަށް އިތުރަށް ފައިސާ ޖަމާ ކުރެވުނު ކަމަށާއި ގިނަ ބަޔަކު އަނބުރާ ފައިސާ ދީފައިވާ ކަމަށެވެ. އަދި 34 މީހަކަށް މުސާރަ ދެވުނީ މަދުން ކަމަށް ވާތީ އެ ފައިސާ ފިނޭންސުން މިހާރު ވަނީ ޖަމާކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޮޅިގެން އިތުރަށް މުސާރަ ޖަމާކުރި ބައެއް މީހުންނަށް 70،000ރ. ވެސް ޖަމާކޮށްފައިވެ އެވެ.

މުސާރަ ދިނުމުގައި އޮޅުން އެރީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ރާވާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އޮޅިގެން ގިނަ ބަޔަކަށް ބޮޑެތި އަދަދުތަކެއް މުސާރައިގެ ގޮތުގައި ޖަމާކުރެވުނުކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އައީ މުސާރަ ޖަމާކުރިތާ އެއް ދުވަސް ފަހުންނެވެ. އެކަން އެނގުމުން މުސާރަ އިތުރަށް ޖަމާވި މީހުންގެ އަތުން އެފައިސާ ހޯދުމުގެ މަސައްކަތް ފެށި އެވެ.