Roadha Mihaaru
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން މަޝްވަރާ ފަށައިފި

ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން މަޝްވަރާ ފަށައިފި

07 ޖެނުއަރީ 2018

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާކުރަން ފަށައިފި އެވެ.

މުސާރަ ބޮޑު ނުކޮށްގެން ސިވިލް ސާވަންޓުން ޝަކުވާކުރާތާ އެތައް އަހަރެއް ފަހުން، މި އަހަރުގެ ކުރީކޮޅު މުސާރަ ބޮޑުކުރަން ނިންމައި ބަޖެޓުގައި ވަނީ 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މި ފައިސާ އިން މުސާރަ ބޮޑުކުރާނެ ގިންތިތަކެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަނީ ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ މަޝްވަރާ އިން ގޮތެއް ނިމުމުން، ތަފްސީލުތައް އެ ކޮމިޝަނުން ފަހުން ހިއްސާކުރާނެ ކަމަށެވެ.

"ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާ އެބަ ކުރިއަށް ގެންދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންގެ މުސާރައާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ އެވެ. އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެބައި މީހުންގެ މުސާރަ މަތިވެގެން މިދަނީ. އެންމެ ދަށުގެ ގިންތިތަކުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، އެންމެ ބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން، އެންމެ ކުޑަ މުސާރައިގައި ތިބި މީހުންގެ މުސާރަ ވެސް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން 100 އަކުން 37 ޕަސެންޓަށް ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ބާކީ ތިބި މީހުންނަށް، ރައީސް ވިދާޅުވެފައިވާ ގޮތުގައި، މުސާރައިގެ ހަތަރު ބައިކުޅަ އެއްބައި ބޮޑުވާނެ އެވެ.

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ އިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ.