Roadha Mihaaru
ތޮއްޖެހޭތީ އެއާޕޯޓް އަވަހަށް ހުޅުވަން މަޝްވަރާކުރަނީ

ތޮއްޖެހުން ކުޑަކުރަން އެއާޕޯޓް އަވަހަށް ހުޅުވަން މަޝްވަރާކުރަނީ

23 ސެޕްޓެމްބަރ 2021

އެއާޕޯޓުން ހިދުމަތް ދޭން ފަށާ ގަޑި މިހާރަށް ވުރެ އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާޕޯޓުން ހިދުމަތް ދޭން ފަށާ ގަޑި މިހާރަށް ވުރެ އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފަށައިފި އެވެ.

ސަރުކާރުގެ އިސް ވެރިއަކު "މިހާރު" އަށް ވިދާޅުވީ، އެއާޕޯޓުގެ ތޮއްޖެހުން ހަމައަކަށް އަޅުވަން، އެއާޕޯޓުން ހިދުމަތް ދޭ ވަގުތު އަވަސްކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު އެއާޕޯޓުން ރަސްމީކޮށް ޗެކިން ފަށަނީ ހެނދުނު 6:00 ގަ އެވެ. ނަމަވެސް ފަތިހު 5:00 އިން ފެށިގެން ޗެކިން ފަށައި، ކައުންޓަރުތަކުން ހިދުމަތް ދިނުމާ ގުޅޭ ގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިގޮތަށް ވަގުތު އަވަސް ކޮށްގެން، މިހާރަށް ވުރެ ފަސޭހަ ގޮތަކަށް އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު، އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ، އެއާޕޯޓުގެ ކައުންޓަރުތަކުގެ ކިޔޫތައް ދިގުވުމުން ނަންބަރު ދޫނުކޮށް ހިދުމަތް މެދުކަނޑާލަން ޖެހޭ ހާލަތްތައް ވެސް ކުރިމަތިވެފައިވެ އެވެ. އަދި ފުރަންދާ މީހުން ޓާމިނަލްގެ އެތެރެއަށް ނުވައްދައި، ބޭރުގައި އެތައް އިރަކު މަޑުކޮށްގެން ތިބެން ވެސް ޖެހެ އެވެ. މިކަމަށް އަދި އެކަށީގެންވާ ހައްލެއް ވެސް ނުހޯދެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި، އެއާޕޯޓުގެ ތާށިކަން ބޮޑުވެ، ބައެއް އެއާލައިންތަކަށް އަލުން ދަތުރު ފެށުމަށް ވެސް އުނދަގޫވެފައިވެ އެވެ. މިކަމަށް ހައްލެއް ހޯދަން އެމްއެމްއޭސީއެލް އާ އެކު މަޝްވަރާތައް ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެއާޕޯޓުގެ ހިދުމަތް ދޭ ވަގުތު އަވަސް ކުރުމުގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް ފްލައިޓްތައް ޑައިވާޓް ކުރަން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެއޭސީއެލް އިން ބުނީ، އެއާޕޯޓުގެ ތާށިކަން ކުޑަ ކުރުމަށް ހިދުމަތަށް ގެވޭނެ ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމުން އެ ގައުމުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމަށް މި ދާއިރާގެ އިސްވެރިން ލަފާކުރެ އެވެ. އަދި ކުރިއަށް އޮތީ ޕީކް ސީޒަންކަމުން އެހެން ގައުމުތަކުން ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.