Roadha Mihaaru
އައިޖީއެމްއެޗުގެ ކިއޫގައި 10،000 މީހުން

އައިޖީއެމްއެޗުން ހިދުމަތް ހޯދަން 10،000 މީހުން ކިއޫގައި

29 ސެޕްޓެމްބަރ 2021

އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލް، އައިޖީއެމްއެޗުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ޓެސްޓުތައް ހެދުމަށް މިހާރު ކިއޫގައި ތިބި މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ ކަމަށް "މިހާރު"ން ހޯދި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލް، އައިޖީއެމްއެޗުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ޓެސްޓުތައް ހެދުމަށް މިހާރު ކިއޫގައި ތިބި މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ ކަމަށް "މިހާރު"ން ހޯދި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

އައިޖީއެމްއެޗަކީ މާލޭގައި ބޭސްފަރުވާގެ ހަރަދު އެއްކޮށް އާސަންދަ އިން ކަވަރުކުރާ ހަމައެކަނި ހޮސްޕިޓަލެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް ހިލޭ ޑޮކްޓަރަށް ދެއްކުނަސް އެތަނުގައި ސްޕެޝަލިސްޓުން މަދުކަމުންނާއި ގިނަ ޓެސްޓުތައް ހައްދަން ފޮނުވާނީ އައިޖީއެމްއެޗަށެެވެ.

މީގެ އިތުރުން އަތޮޅުތަކުން ވެސް ސްޕެޝަލިސްޓުންނަށް ދައްކަން އަދި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހޯދަން ގިނަ ބަޔަކު ދައްކަނީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗުން ހިދުމަތް ހޯދަން އޮތް ކިއޫތައް "މިހާރު"ން ބެލިއިރު އިއްޔެ އާ ހަމައަށް ވެސް އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓުތަކުގައި ޑޮކްޓަރަށް ދައްކަން އެތައް ހާސް ބައެއްގެ ބޮޑު ކިއުއެއް އެބައޮތެވެ. އެޕޮއިންޓްމަންޓެއް ހައްދަން ބޭނުން ވިޔަސް އައިޖީއެމްއެޗްގައި "ވެއިޓް ލިސްޓު" ވެގެން ތިބެންޖެހޭ ކަމުގެ ޝަކުވާ އޮންނަތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ.

އިއްޔެ ރެއާ ހަމަައަށް، އެތެރެ ހަށީ ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް 1،145 މީހުންގެ ކިއުއެއް އޮތެވެ. އަދި ނާރުތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް 716 މީހުން މަޑުކޮށްގެން ތިބިއިރު ކިޑްނީގެ ޑޮކްޓަރަކަށް ދައްކަން 630 މީހުންގެ ކިއުއެއް އެބައޮތެވެ.

އައިޖީއެމްއެޗުން ބަޔަކު ހިދުމަތް ހޯދަނީ --ފޮޓޯ/މިހާރު

އައިޖީއެމްއެޗުން ބަޔަކު ހިދުމަތް ހޯދަނީ --ފޮޓޯ/މިހާރު

ސައިކޭޓްރިސްޓަކަށް ދައްކަން 2،648 މީހުންގެ ކިއުއެއް އޮތް ކަމަށް އެ ހޮސްޕިޓަލަށް ގުޅުމުން ބުންޏެވެ. އަދި ފުއްޕާމޭގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް 948 މީހުން ކިއޫގައި އެބަތިއްބެވެ. ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދައްކަން 425 މީހުން ކިއޫގައި އެބަތިބި އިރު އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަށް ދެއްކުމަށް 290 މީހުންގެ ކިއުއެއް އެބައޮތެވެ.

އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން ގާތު ސުވާލު ކޮށްލުމުން ބުނި ގޮތުގައި 50 ޕޭޝަންޓުން ޑޮކްޓަރަށް ދައްކަން ބައެއް ފަހަރު ހަފްތާއެއްހާ ދުވަސް ނަގަ އެވެ.

ބައެއް އެހެން ސްޕެޝަލިސްޓުން

ލޮލުގެ ބަލިތަކާ ބެހޭ ޑޮކްޓަރު - 1،017

ޑެންޓިސްޓު - 1،123

ހަމުގެ ބަލިތަކާ ބެހޭ ޑޮކްޓަރު - 418

ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރު - 408

ކަރުން މަތީގެ ބަލިތަކުގެ ޑޮކްޓަރު - 286

މި ކިއޫތަކުގައި ތިބި މީހުންގެ ޖުމްލަ 10،000 އަށް ވުރެ ގިނަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކިޑްނީ ޑޮކްޓަރަކަށް ދައްކަން ހުޅުމާލެ ހޮސްޕިޓަލުން ލަފާ ދިން ކަމަށެވެ. އެހެންވެ އައިޖީއެމްއެޗުން އެޕޮއިންޓަމަންޓެއް ނަގައިގެން މަޑުކޮށްގެން ހުންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވި އިރު ވެސް އޮތީ ވެޓްލިސްޓުގައި ކަމަށާއި އެންމެ ފަހުން "ކެތް ނުކުރެވިގެން" އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ވޭނުގައި އުޅުނީ، ޕެއިން ކިލާތައް ކައިގެން އެތައް ދުވަހެއް. އޭޑީކޭއަށް ޑޮކްޓަރަށް ދައްކައިގެން ސްކޭންތަކަށް ވެސް އެތައް ހާހުން ފައިސާ ދައްކަން ޖެހުނު. އެކަމަކު އެނގުނީ ކިޑްނީގައި ހިލަ ހުރިކަން،" އޭނާ ބުންޏެވެ.

ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބައެއް ސްކޭންތައް ހައްދަން ވެސް އައިޖީއެމްއެޗްގައި ދިގު ކިއޫއެއް އޮވެ އެވެ. އެހެން ހޮސްޕިޓަލްތަކުން ބައެއް ސްކޭންތަކަށް އެއްވެސް ވަރަކަށް އާސަންދަ ނުދޭތީ ބޮޑު ހަރަދެއް ދެ އެވެ.

އައިޖީއެމްއެޗްގައި އެމްއާރްއައި އެއް ހައްދަން މިއަދު ކިއޫއަށް އަރައިފި ނަމަ އެޕޮއިންޓްމަންޓު ހަމަޖެހެނީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. އަދި އަލްޓްރާސައުންޑް ސްކޭނަށް ވެސް އެހާ ގިނަ ދުވަސް ނަގަ އެވެ.

އައިޖީއެމްއެޗްގައި ކިއޫތައް ބޮޑުވުމުގެ ޝަކުވާ މީހުން ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަން ހައްލުކުރާނެ ގޮތްތަކެއް އެ ހޮސްޕިޓަލުން އަދި ސަރުކާރުން ވެސް މިހާތަނަށް ބުނެފައެއް ނެތެވެ.