Roadha Mihaaru
މަހުޖަނު ހަނދަށް ދިއުމުގެ ކުރިން އައިއެސްއެސް އަށް

ހަނދަށް ދިއުމުގެ ކުރިން ޖަޕާނުގެ މަހުޖަނު ޖައްވީ ސްޓޭޝަނަށް

16 މެއި 2021

އާންމުންގެ ބަޔަކު ގޮވައިގެން 2023 ގައި ހަނދަށް ދާން ނިންމާފައިވާ ޖަޕާނުގެ މަހުޖަނު ޔުޒާކޫ މައެޒާވާ މި އަހަރުގެ ތެރޭގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ ބަޔަކު ގޮވައިގެން 2023 ގައި ހަނދަށް ދާން ނިންމާފައިވާ ޖަޕާނުގެ މަހުޖަނު ޔުޒާކޫ މައެޒާވާ މި އަހަރުގެ ތެރޭގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދާން ނިންމައިފި އެވެ.

އޭނާގެ ޓްވިޓާގައި ވެސް މި ވާހަކަ ބުނެފައިވެ އެވެ. އައިއެސްއެސް އަށް ކުރާ 12 ދުވަހުގެ ދަތުރު އޮންނާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޓީވީ ޓޯކިއޯ އިން ބުނި ގޮތުގައި އައިއެސްއެސް އަށް ޔުޒާކޫ ދާނީ ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ކޮސްމޮނޯޓުންނާ ގުޅިގެންނެވެ. އެގޮތުން ދަތުރަށް ތައްޔާރުވުމުގެ ގޮތުން ހަދަން ޖެހޭ ޓްރޭނިންތައް އަންނަ މަހުގެ ތެރޭގައި އޭނާ ރަޝިއާގެ ޓީމާ އެކު ފަށާނެ އެވެ. މި ދަތުރުގައި ބޭނުންކުރާނީ ސޮޔޫޒް ރޮކެޓެވެ.

ޔުޒާކޫ ބުނި ގޮތުގައި އައިއެސްއެސް އަށް ކުރާ ދަތުރުވެގެން ދާނީ ހަނދަށް ކުރަން ހަމަޖެހިފައިވާ ދަތުރަށް ވެސް ލިބޭނެ ތަމްރީނަކަށެވެ. އަދި މިކަމާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް ޖަޕާނުގެ އެންމެ ބޮޑު އޮންލައިން ފެޝަން ރިޓެއިލް ކުންފުނި ޒޯޒޯގެ ވެރިޔާ ބުންޏެވެ. އޭނާގެ މިލްކިއްޔާތު 2 ބިލިއަން ޑޮލަރަށް އަރަ އެވެ. ޔުޒާކޫ އަކީ ޖަޕާނުގައި 22 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

މަހުޖަނު އީލޮން މަސްކްސް ސްޕޭސް އެކްސްއާ ގުޅިގެން 2023 ގައި އޭނާ ހަނދަށް ދާން ނިންމާފައިވާ އިރު އެ ދަތުރުގައި އާންމުންގެ ތެރެއިން އަށް މީހަކަށް ފުރުސަތު ދޭނެ އެވެ. އެކަމަށް ފުރުސަތު ހުޅުވައިލީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ޔުޒާކޫ، 45، އަކީ ސްޕޭސް އެކްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ ސްޕޭސް ޓޫރިޒަމްގެ ދަތުރަށް އެންމެ ފުރަތަމަ ފައިސާ ދެއްކި މީހާ އެވެ.