Roadha Mihaaru
ރާއްޖެ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު މޮޅު

ރާއްޖޭގެ އިންޑިވިޖުއަލް ހުނަރު މޮޅު: ނޭޕާލް އެސިސްޓެންޓް ކޯޗް

30 ސެޕްޓެމްބަރ 2021

ރާއްޖެ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު މޮޅު ކަމަށާއި ދިފާއީ ޗެމްޕިއަނުންނާ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ފުރަތަމަ މެޗުގައި ކުޅޭއިރު ނޭޕާލުން ހަލުވި ވާން ޖެހޭނެކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖެ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު މޮޅު ކަމަށާއި ދިފާއީ ޗެމްޕިއަނުންނާ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ފުރަތަމަ މެޗުގައި ކުޅޭއިރު ނޭޕާލުން ހަލުވި ވާން ޖެހޭނެކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ ބުނެފި އެވެ.

"އެންމެ ފުރަތަމަ މިޖެހެނީ ދިފާއީ ޗެމްޕިއަނުންނާ ކުޅެން. އެމީހުންގެ ދަނޑުގައި. އިންޑިވިޖުއަލް ހުނަރު މޮޅު ކުޅުންތެރިން އެބަތިބި. އަހަރެމެންގެ ގޭމް ފާސްޓު ކުރަން ޖެހޭނެ ނަތީޖާ ނެރެންޏާ." މާދަމާ ރޭ އެ ގައުމުން ރާއްޖެއާ ދެކޮޅަށް ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސެއްގަ ޝްރެސްތާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން ރާއްޖެއާ ދެކޮޅަށް ހަތް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ އިރު އޭގެތެރެއިން ފަސް މެޗުގައި ކާމިޔާބު ހޯދީ ރާއްޖޭގެ ޓީމުންނެވެ. އަދި ދެ މެޗް ނިމުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ދިވެހި ޓީމު ޖާގަ ހޯދީ ވެސް ސެމީ ފައިނަލުގައި ނޭޕާލް ބަލިކޮށްގެންނެވެ.

މީގެ އިތުރުން ޝްރެސްތާ ބުނީ، ނޭޕާލުން މިއަދާ ހަމައަށް ސާފް މުބާރާތުގެ ފައިނަލެއް ނުކުޅޭ ކަމަށާއި އެކަން ބަދަލުކޮށްލަން މިފަހަރު ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރަނގަޅު ޒުވާން ކުޅުންތެރިންނާއެކު ތަޖުރިބާކާރު ކުޅުންތެރިން ވެސް ހިމެނޭހެން ނޭޕާލް ޓީމު މުބާރާތަށް ނުކުންނަނީ މެޗަކުން ބަލި ނުވުމުގެ އުންމީދުގައި ކަމަށް ވެސް ޝްރެސްތާ ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ނޭޕާލް ޓީމުގެ ކްޕްޓަން ކިރަން ޝެމްޝޮންގް ވެސް ބައިވެރިވި އެވެ. ކިރަން އަކީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު، ދިވެހި ކުޅުންތެރިންގެ ކުޅުން އެނގޭ ތަޖުރިބާ ހުރި ކީޕަރެކެވެ.

"އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ، ދަނޑުމަތީގައި އަހަރެމެން އެންމެ ފަހު ވަގުތާހަމައަށް ވެސް މަސައްކަތް ކުރާނަން. ހޯމް އެންޑް އަވޭ އަކަށް ވެސް ނުވިސްނަން. އެކަމަކު ރާއްޖޭގެ ސަޕޯޓަރުންނަށް އަހަރެމެން ވަރަށް އިހްތިތާމް ކުރަން. އެކަމަކު ގެސްޓް ޓީމެއް ގޮތުގައި މިއަދު މުބާރާތަށް އައިސް މިތިބީ، ކާމިޔާބުކުރަން މަސައްކަތް ކުރާނަން،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކިރަން ބުންޏެވެ.

ނޭޕާލާ ރާއްޖެ ކުޅޭ މެޗު ފަށާނީ ގަލޮޅު ދަނޑުގައި މާދަމާގެ ރޭގަނޑު 9 ޖަހާއިރެވެ.