Roadha Mihaaru
ދޭންވީ އަގުބޮޑެތި ހަދިޔާއެއް ނޫން، އިހުތިރާމް!

ދޭންވީ އަގުބޮޑެތި ހަދިޔާއެއް ނޫން، އިހުތިރާމް!

05 އޮކްޓޯބަރ 2021

މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު މި އަހަރު ކުރީކޮޅު ބެލެނިވެރިންގެ ބައްދަލުވުމެއްގައި ވަރަށް މުހިންމު އެއް ކަމެއް ފާހަގަކުރެއްވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު މި އަހަރު ކުރީކޮޅު ބެލެނިވެރިންގެ ބައްދަލުވުމެއްގައި ވަރަށް މުހިންމު އެއް ކަމެއް ފާހަގަކުރެއްވި އެވެ.

"ބައެއް ދަރިވަރުންގެ ފަރާތުން މިހާރު އަޚުލާގޭ މި ކިޔާ އެއްޗެއް ހަމަ އެއްގޮތަކަށް ވެސް ނުފެންނަނީ. ހާއްސަކޮށް ސްކޫލުން ނިމުމަށް ފަހު މަގުމަތިން އޭނާގެ ޓީޗަރަކު ފެނުމުން ވެސް އެއްވެސް އިހުތިރާމެއް ނެތީ. ވަރަށް ހިތާމައާ އެކު އަޅުގަނޑު ފާހަގަކުރަން މިގޮތަށް ފެންނަ ހަމަ ގިނަ ކުދިންނަކީ ތައުލީމީ ގޮތުން ވެސް ހަމަ ވަރަށް ރަނގަޅު ނަތީޖާ ހޯދި ކުދިން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މޮޅު ތައުލީމެއް ހޯދުމުގެ ބޭނުމެއް ކޮބައިތޯ. މިއީ އަޅުގަނޑުމެން މައިންބަފައިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް. ކޮބައިތޯ އަޅުގަނޑުމެންނަށް ދެވުނު ތަރުބިއްޔަތަކީ މިއީ އަޅުގަނޑުމެން އެންމެން ވެސް ވިސްނަން ވެއްޖެ ކަމެއް."

ރާއްޖެ އަށް އައި ބޮޑެތި ބަދަލުތަކާ އެކު މިއީ ކުރިން ތައުލީމު ދިން ޒަމާނެއް ނޫނެވެ. ދަރިވަރުންގެ ހައްގުތަކެއް މިހާރު އޮތީ ކަށަވަރު ވެފަ އެވެ. އަދަބު ދިނުމުގައި އުސޫލުތަކެއް އޮވެ އެވެ. ސަސްޕެންޑް ކުރުމުގައި ވެސް، އަދި ހުރިހާ ކުދިންނަށް ވެސް ތައުލީމު ދޭން މަޖުބޫރު ސިޔާސަތެއް މިހާރު އެބައޮވެ އެވެ. އެހެންވެ، ސްކޫލެއްގައި ކިތަންމެ އަހުލާގު ގޯސް ދަރިވަރަކު ހުއްޓަސް، އެ ކުއްޖަކު މިހާރު ޖެހެނީ އެހެން ކުދިންތަކުގެ ތެރޭގައި ގެންގުޅޭށެވެ! މިކަހަލަ ވަރަށް ގިނަ ސަބަބުތަކާ ހެދި މުޅި މަންޒަރު މިހާރު މި އޮތީ ބަދަލުވެފަ އެވެ. ސްކޫލުތަކުގައި ގުރޫޕު ހެދުމާއި ގޭންގު ހަރަކާތްތައް ނުހިންގައޭ އެކަކަށް ވެސް ބުނެވޭކަށް ނެތެވެ. ކުށުގެ ފުރަތަމަ ވެއްޓަކީ ސްކޫލުތަކަށްވެ، އަދަބު އަޚުލާގުން ބައެއް ދަރިވަރުން ބޭރުވެ، އެހެން ކުދިން ވެސް "އެ ދަންތުރަ"އިގައި ޖެހެމުން ދެ އެވެ.

މީގެ އެންމެ ދެރަ ކަމަކީ ބައެއް ޓީޗަރުން ފާހަގަކުރާ ގޮތުގައި، އިހުތިރާމޭ މި ކިޔާ ބައި އެއްގޮތަކަށް ވެސް ނެތުމެވެ. މިއީ، ޓީޗަރުންގެ ދުވަސް ފާހަގަކުރާ އިރު ވިސްނަން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ.

ރާއްޖޭގެ އުތުރުގެ ސްކޫލެއްގެ ޓީޗަރަކު ބުނިގޮތުގައި ދަރިވަރުންގެ ފަރާތުން އެއް އަހަރުން އަނެއް އަހަރަށް ފެންނަމުން ދަނީ އިހުތިރާމް ނުކުރާކަމުގެ އެކި މަންޒަރުތައް ކަމަށެވެ. ހާއްސަކޮށް، ޓީޗަރުންނާ ދިމާލަށް ފާޑުފާޑުގެ ނަމުން މުހާތަބުކުރުމާއި ހަޑިހުތުރު ބަހުން މުއާމަލާތްކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެކަން ބެލެނިވެރިންގެ ފަރާތުން ވެސް ފެންނާތީ، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ ޓީޗަރު ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ.

ސްކޫލެއްގައި ޓީޗަރުންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލެއްގައި ޓީޗަރުންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުދިން ބައިތިއްބައިގެން ޓީޗަރުންގެ ގޯސް ވާހަކަދައްކާތީ ކުދިންގެ ހިތުގައި ޓީޗަރުންގެ ގަދަރު ކުޑަވަނީ. ވަރަށް ބޮޑަށް އެދެން އެ ކުދިންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގެ މި ޕްރޮސެސް އަށް ބެލެނިވެރިން އިތުބާރުކުރުމަށް،" ސާނަވީ ގްރޭޑަށް ކިޔަވައިދޭތާ ފަސް އަހަރުވެފައިވާ އެ ޓީޗަރު ބުންޏެވެ.

އެހެންވެ، އާއްމުންގެ ފަރާތުން ވެސް އޭނާ އެދެނީ އެ ކުރަމުން އަންނަ މަސައްކަތް ހިތުން ރުހުމުން ބަލައިގަތުމެވެ.

"ހަގީގަތުގައި ބުނާނަމަ، މިގޮތަށް ކޭކު ފަޅައި ހަދިޔާ ދިނުމަށްވުރެ ޓީޗަރުންނަށް ހައްގުވާ އިހުތިރާމް މާ ބޮޑަށް ބޭނުން. ވަރަށް މާޔޫސްވޭ ސްކޫލާއި އާއްމުންގެ ފަރާތުން މިހާރު އިވޭ ބަސްތަކުން،" އޭނާ ބުންޏެވެ.

މާލޭގެ ސްކޫލެއްގެ ޓީޗަރަކު ބުނީ، މީގެ 18 އަހަރުކުރިން އޭނާ ކިޔަވައިދޭން ފެށިއިރު ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑަށް އިހުތިރާމް ލިބުނު ކަމަށެވެ. ނަމަވެސް އަންނަމުން ދިޔަ ބަދަލުތަކާއެކު، ޓީޗަރުން އުޅެން ޖެހުނު ހާލަތުގެ ސަބަބުން މުޖުތަމައުގައި ޓީޗަރުންނަކީ އަގެއް ނެތް ބައެއްގެ ގޮތުގައި ދައްކާފައިވާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ޓީޗަރުންނަކީ އަބުރުވެރިކަމާއެކު އުޅެވޭނެ ފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ޕްރޮފެޝަންއެއްގެ ގޮތުގައި ދެމެހެއްޓިގެން ނުދިއުން މައިގަނޑު މައްސަލައަކީ،" ޓީޗަރުންނަށް އިހުތިރާމް ކުޑަވާ ސަބަބާ ގުޅޭގޮތުން، ސާނަވީ އަށް ކިޔަވައިދޭ އެ ޓީޗަރު ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ޓީޗަރުންނާ މެދު ދެކޭ ގޮތް ބަދަލުވާން ދިމާވި އެންމެ ބޮޑު އެއް ކަމަކީ ކުރާ މަސައްކަތާ އެކަށީގެންވާ އާމްދަނީއެއް ނުލިބުމުގެ ސަބަބުން ދެން ދިމާވާން ފެށި އެހެން ގޮންޖެހުންތަކެވެ.

ބައެއް ގައުމުތަކުގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓީޗަރުންނަށް ވިޔަސް ރާއްޖޭގައި ސްކޫލު ނިންމާ ދަރިވަރަކަށް ވެސް، މުޅި އުމުރު ތައުލީމީ ދާއިރާގައި އުޅޭ މީހަކަށްވުރެ ވުރެ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އެ ޓީޗަރު ގަބޫލުކުރެ އެވެ.

"އިހުތިރާމެއް ނުކުރޭ، އަޅުގަނޑުމެން އިންތިހާ އަށް ދެރަވާ ކަމެއް އެއީ. މީގެ ކުރިން އިހުތިރާމް ލިބޭ ދާއިރާއެއްގެ ގޮތުގައި މި އޮންނަނީ، އަބުރުވެރި، އިހުތިރާމީ ދާއިރާއެއް. އެހެން ނަމަވެސް ޓީޗަރުން ކަންކަމާ ޑިމާންޑުނުކޮށް، ބަސް އަހައިގެން، ދެއްކިހާ މަސައްކަތެއް ކޮށްގެން ހިދުމަތުގެ އަގު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބަލައިނުގަންނަތަން ފެންނަނީ،" އޭނާ ބުންޏެވެ.

އަމީނިއްޔާ ސްކޫލުގައި ކްލާސްރޫމެއްގައި ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އަމީނިއްޔާ ސްކޫލުގައި ކްލާސްރޫމެއްގައި ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އަޅުގަނޑުމެން ވަތް އިރު އަޅުގަނޑުމެންނަކީ މީހުން އެންމެ ގަދަރާއި އިހުތިރާމްކުރާ މީހުންގެ ގޮތުގައި ތިބީ. އެހެން ނަމަވެސް އަޅުގަނޑަށް ފާހަގަވަމުން ދަނީ ދަރިވަރުންނާއި މުޖުތަމައުގެ އެކި ބޭފުޅުންގެ ފަރާތުން އެ ބަސްމަގު ބަދަލުވެ، ރާގު ބަދަލުވެ އިހުތިރާމް ގެއްލެމުންދާތަން ވަރަށް ބޮޑަށް."

އޭނާގެ އަނެއް ކަންބޮޑުވުމަކީ ކިޔަވައިދިނުމުގެ ތެރެއަށް އަލަށް ވަންނަ ޓީޗަރުން މަދުވަމުން ދިއުމެވެ. ކޮންމެ އަހަރަކު އެތައް ދަރިވަރުންނެއް އޯ ލެވެލް އަދި އޭ ލެވެލް ނިންމަމުން ދިޔަކަމުގައި ވިޔަސް ކިޔަވައިދިނުމުގެ ތެރެއަށް ވަންނަން ބޭނުންވާ ދަރިވަރުން ނުލިބޭ ކަމަށް އެ ޓީޗަރު ބުންޏެވެ.

އެ ޓީޗަރު ދެކޭގޮތުގައި އެ ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ އިހުތިރާމާ އެވެ.

"ޓީޗަރުންނަށް އިހުތިރާމްކޮށް، މަސައްކަތް ބަލައިގަންނަ ނަމަ ޔަގީނުން ވެސް މި ހާލަތު ބަދަލުވާނެ. އަޅުގަނޑުމެން ވަރަށް މާޔޫސްވެފައި މި ތިބީ."

ނަމަވެސް ކިޔަވައިދިނުމުގައި 25 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ޓީޗަރެއްގެ ވިސްނުން އެއާ ހިލާފެވެ. އޭނާ ދެކޭގޮތުގައި ޓީޗަރުންނަށް އިހުތިރާމް ދަށްވާން ފެށީ ކިޔަވައިދިނުމުގެ ތެރެއަށް މިހާރު ވަންނަ ގިނަ މީހުންނަކީ ފެންވަރެއް ނެތް ބައެއްކަން އާއްމުންނަށް އެނގެން ފެށުމުންނެވެ. އެގޮތަށް ދިމާ ވަނީ ވެސް ސްކޫލު ނިންމާ މޮޅެތި ދަރިވަރުން ޓީޗިން ކެރިއާ އިހުތިޔާރު ނުކުރާތީ އެވެ.

"މިސާލަކަށް، ކުޑަ ރަށެއްގައި ނަމަ އެނގޭނެ ފާސްވި ދަރިވަރުންނާ ފާސްނުވާ ކުދިން. އެހެން ހުއްޓާ ފާސްނުވާ ދަރިވަރު ޓީޗިން ހަދައިގެން އައިސް ސްކޫލުގައި މި މަސައްކަތް ކުރަނީ. އެގޮތަށް ވީމަ، އިހުތިރާމެއް ނޯންނާނެ ދެއްތޯ،" މާލެ ސަރަހައްދުގެ ސްކޫލެއްގައި މަސައްކަތްކުރާ އެ ޓީޗަރު ބުންޏެވެ.

އިހުތިރާމް ދަށްވާން ދިމާވާ ސަބަބާ ގުޅޭގޮތުން އޭނާ ދެން ނެގީ މިސާލެކެވެ.

"ބޭރުގެ ބައެއް ގައުމުތަކުގައި ޓީޗަރުންނާ ބައްދަލެއް ނުކުރެވޭނެ ބެލެނިވެރިން ބޭނުންވާހާ ވަގުތަކު. އެކަމަކު ރާއްޖޭގައި މި އޮންނަނީ ކަމެއްގައި ހިތްހަމަނުޖެހިގެން ވެސް ބެލެނިވެރިޔާ އަށް ވަގުތުން ޓީޗަރުންނާ ބައްދަލުކުރެވޭ. ދެން އަތް އިސްކުރާ ހިސާބަށް ދާއިރު ވެސް ސްކޫލާއި އެޑިއުކޭޝަނުން ކަމެއް ނުކުރޭ،" އޭނާ ބުންޏެވެ.

އެ ޓީޗަރުން ގަބޫލުކުރާ ގޮތުގައި އެ ދާއިރާއަށް މީހުން ކުރަމުން ދިޔަ އިހުތިރާމް އަނބުރާ ހޯދުމަށް ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެހެން ނޫނީ، ކިޔަވައިދިނުމުގެ ތެރެއަށް އަލަށް ވަންނަ މީހުން މަދުވެ، އެ ދާއިރާގެ މުސްތަގުބަލު ގެއްލިގެން ހިނގައިދާނެ އެވެ.