Roadha Mihaaru
"ތާލިބާނުންނަށް ޓުވީޓް ކުރެވޭ، އަހަންނަކަށް ނުކުރެވޭ"

ތާލިބާނުންނަށް ޓުވިޓާ ބޭނުން ކުރެވޭ، އަހަންނަކަށް ނެތް: ޓްރަމްޕު

04 އޮކްޓޯބަރ 2021

އެމެރިކާ އާއި ޔޫރަޕުގެ އެހެން ގައުމުތަކުން، ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާލިބާން ޖަމާއަތަށް ވެސް ޓުވިޓާ އެކައުންޓް ހިންގޭ ކަމަށާއި، ނަމަވެސް އޭނާއަށް ޓުވިޓާ އެކައުންޓެއް ނުހިންގޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޝަކުވާ ކުރައްވައިފި އެވެ.

އެމެރިކާ އާއި ޔޫރަޕުގެ އެހެން ގައުމުތަކުން، ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާލިބާން ޖަމާއަތަށް ވެސް ޓުވިޓާ އެކައުންޓް ހިންގޭ ކަމަށާއި، ނަމަވެސް އޭނާއަށް ޓުވިޓާ އެކައުންޓެއް ނުހިންގޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޝަކުވާ ކުރައްވައިފި އެވެ.

ޓްރަމްޕު މި މޭރުމުން ޝަކުވާ ކުރެއްވީ، އޭނާގެ ނަމުގައި ހިންގަމުން އައި ޓުވިޓާ އެކައުންޓް، ޓުވިޓާ ކުންފުނިން ސަސްޕެންޑް ކޮށްފައިވާތީ، އަލުން އެ އެކައުންޓް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް އެދި ފްލޮރިޑާގެ ފެޑެރަލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގަ އެވެ. ޓުވިޓާ އެކައުންޓް ބޭނުންކުރެވޭ ގޮތް ހަދައިދިނުމުގެ އަމުރެއް، ޓުވިޓާ ކުންފުނީގެ މައްޗަށް ނެރެދެއްވުމަށް އެދިވަޑައިގެން، ޓްރަމްޕް ވިދާޅުވި ގޮތުގައި ބޮޑު ޓެރަރިސްޓް ޖަމާއަތަކަށް ޓުވިޓާ އެކައުންޓެއް ހިންގޭއިރު، އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އެ ފުރުސަތު ނުދިނުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެކެވެ.

ޓުވިޓާ ކުންފުނިން، ޓްރަމްޕުގެ ޓުވިޓާ އެކައުންޓް ބޭނުންނުކުރެވޭ ގޮތް ހެދީ، މި އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު، އޭނާގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް އަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވައި ކުރެއްވި ޓުވީޓްތަކަކާ ގުޅިގެންނެވެ. އެ ޓުވީޓްތަކާ ގުޅިގެން، ޓްރަމްޕުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރަމުން ޓުވިޓާ ކުންފުނިން ބުނި ގޮތުގައި، ޓްރަމްޕު ވަނީ އެ ކުންފުނީގެ ސިޔާސަތުތަކާ ހިލާފަށް، ހަމަނުޖެހުމަށާއި ހަރުކަށި އަމަލުތަކަށް ހިތްވަރު ދެއްވައިފަ އެވެ.

ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ޓްރަމްޕު ވިދާޅުވީ، ޓުވިޓާ ކުންފުނިން އޭނާގެ އެކައުންޓް ބޭނުން ނުކުރެވޭ ގޮތް ހެދީ، ކޮންގްރެސްގެ މެމްބަރުން، އެ ކުންފުންޏަށް ބިރުދައްކައިގެން ކަމަށެވެ. އަދި އެ ކުންފުނިން އެޅި ދެކޮޅުނުޖެހޭ ފިޔަވަޅުގެ ސަބަބުން، އޭނާ އަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކާ ދެމެދު ކުރަމުން އައި މުއާމަލާތްތައް ހުއްޓިފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

ޓްރަމްޕުގެ ދައުވާގައި ބުނެފައިވާ ގޮތުން، ޓުވިޓާ ކުންފުނިން އޭނާގެ އެކައުންޓް ބޭނުން ނުކުރެވޭ ގޮތް ހެދި އިރު، ޓުވިޓާގައި އޭނާ ފޮލޯކުރާ 88 މިލިއަން މީހުން ތިއްބެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ވަދެގަތީ، އެމެރިކާގެ ރިއާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ކޮންގްރެސް އިން ބަލައިގަތުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޓްރަޕްމު އޭނާގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓު އޮޅުވާލައިގެން ކަމަށެވެ. އަދި ބައިޑެން ވެރިކަމަށް ވަޑައިގަންނަވަނީ ރިއާސީ އިންތިހާބު ވަގަށް ނަންގަވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕުގެ ޓުވިޓާ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް، ޓުވިޓާ ކުންފުނިން ދާއިމީ ގޮތަށް ބަންދުކުރީ، މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ. އެއީ، ރިއާސީ އިންތިހާބުގެ ނާކާމިޔާބީ ގަބޫލުނުކުރައްވައި، ޓްރަމްޕް ކުރައްވާފައިވާ ޓުވީޓްތަކަށް ރިއާޔަތްކުރުމުން، ޓްރަމްޕްގެ ޓުވީޓްތަކުން ކުރިމަގުގައި ވެސް ހަމަނުޖެހުމަށް މަގުފައިވެދާނެކަމުގެ ބިރުވެރިކަން އުފެދޭތީ ކަމަށް ޓުވިޓާއިން ބުނެ އެވެ.

ކޮންގްރެސް އަށް ވަދެގަނެ، ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވައި ޓުވީޓް ކުރެއްވުމުން، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޓްރަމްޕުގެ އެކައުންޓް، ޓުވިޓާ ކުންފުނިން 12 ގަޑި އިރަށް ހިފެހެއްޓި އެވެ. އަދި އިތުރަށް ޓުވިޓާގެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ޓުވިޓާއިން އިންޒާރު ވެސް ދިނެވެ.