Roadha Mihaaru
އިންޑިއާ އަތުން ހޯދި ޕޮއިންޓާއެކު ބަންގްލަދޭޝް އެކަކަށް

އިންޑިއާ އަތުން ހޯދި ޕޮއިންޓާ އެކު ބަންގްލަދޭޝް އެއްވަނަ އަށް

04 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އެއް ކުޅުންތެރިއަކު މަދުން ކުޅެ އިންޑިއާއާ 1-1 އިން އެއްވަރުކޮށް ބަންގްލަދޭޝް އިން ހޯދި ޕޮއިންޓާ އެކު އެ ޓީމު ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އެއް ކުޅުންތެރިއަކު މަދުން ކުޅެ އިންޑިއާއާ 1-1 އިން އެއްވަރުކޮށް ބަންގްލަދޭޝް އިން ހޯދި ޕޮއިންޓާ އެކު އެ ޓީމު ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މި ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތީ ދެމެޗުން ހޯދި 4 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ. ފަސް ޓީމު ހިމެނޭ މިފަހަރުގެ މުބާރާތް ލީގު އުސޫލުން ކުރިޔަށް ދާއިރު، ފައިނަލަށް ދާނީ އެންމެ ކުރި ހޯދާ ދެ ޓީމެވެ.

ބަންގްލަދޭޝްއިން މެޗަށް ނުކުތީ ދެ ބަދަލަކާއެކު އެވެ. ފުރަތަމަ މެޗުގައި ކުޅެން އެރުވި ސުމަން ރެޒާ އާއި ޖަވާލް ރާނާގެ ބަދަލުގައި ފުރަތަމަ އެގާރައި ހިމެނީ އެމެޗުގައި ބަދަލު ކުޅުންތެރިިން ގޮތުގައި ކުޅެން އެރި މުހައްމަދު ސާދު އުއްދީނާއި މަތީން މިއާ އެވެ.

އިންޑިއާއިން އެޓީމުގެ ފުރަތަމަ މެޗަށް ނުކުތީ ވަރުގަދަ އެގާރައަކާ އެކު އެވެ. އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއާއެކު ފޯވަޑް ލައިން ލީޑުކުރީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި މަންވީރު ސިންގް އެވެ.

މެޗު ފަށައިގެން އިންޑިއާ ކުރިޔަށް ޖެހިގެން ކުޅުނު ނަމަވެސް ލިބޭ ފުރުސަތުތަކުގައި ބަންގްލަދޭޝް ވަނީ ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފަ އެވެ. އިންޑިއާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 26 ވަނަ މިނިޓުގައި އުދަންތަ ދިން ޕާހަކުން ޖެހީ ސުނިލް ސެތުރީ އެވެ.

މި ލަނޑަށް ފަހު އޮސްކާ ބްރުޒޯންގެ ބަންގްލަދޭޝް ޓީމުން ވަނީ ގިނަ ހަމަލާތައެއް އުފައްދައިފަ އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަންގްލަދޭޝްގެ ސާދު އުއްދީން ތަނަވަސް ކޮށްދިން ފުރުސަތަކުން ބިޕްލޯ އަހުމަދަށެވެ. ނަމަވެސް ބިޕްލޯ ފޮނުވާލި ހަމަލާ ދިފާއުކުރީ އިންޑިއާގެ ކީޕަރު ގުރްޕްރީތެވެ.

ދެވަނަ ހާފް ފެށިގެން ހަވަނަ މިނިޓުގައި ބަންގްލަދޭޝްގެ ފޯވަޑް ރާކިބް ހުސޭނަށް ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގެ 54 ވަނަ މިނިޓުގައި ބަންގްލަދޭޝްގެ ބިޝްވަނަންތް ގޯޝް އަށް ދެއްކި ރަތް ކާޑާއެކު ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ގޯޝް އަށް ރަތް ކާޑު ދެއްކީ އިންޑިއާގެ ލިސްޓޮން ނައްޓާފައި ކުރިޔަށް ދަނިކޮށް އޭނާ ގައިގައި ހިފައިގަނެ ވައްޓާލީމަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބަންގްލަދޭޝްއާ ދެކޮޅަށް އިންޑިއާއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ބަންގްލަދޭޝް އިން ވަނީ 74 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގައި އިންޑިއާ ކޮޅަށް ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ބަންގްލަދޭޝް އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ފަހަތަށް ކުޅޭ އުމުރުން 18 އަހަރުގެ ޔާސިން އަރަފާތެވެ.

މި ލަނޑަށްފަހު ވެސް ބަންގްލަދޭޝް އިން ވަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. އިންޑިއާއިން ފޮނުވާލި ގިނަ ހަމަލާތައް ހިފަހައްޓަން ބަންގްލަދޭޝްގެ ކީޕަރު އަބްދުއް ރަހްމާން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިމުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ނޭޕާލް އެވެ.