Roadha Mihaaru
އެކައުންޓިން ދާއިރާ ކުރިއަރުވަން ސަރުކާރުގެ އެހީ

އެކައުންޓިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭން އެއްބަސްވެއްޖެ

05 އޮކްޓޯބަރ 2021

އެކައުންޓިން ދާއިރާއިން ކިޔެވުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް) އިން އިކޮނޮމިކް މިނިސްޓްރީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެކައުންޓިން ދާއިރާއިން ކިޔެވުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް) އިން އިކޮނޮމިކް މިނިސްޓްރީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އަދި ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ. މި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ކުރީގެ ރައީސް އަދި ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވެސް ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުތައް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އެހީވާނެ އެވެ. އަދި އެކައުންޓިން ދާއިރާއިން ކިޔެވުމަށް ހުރި ފުރުސަތުތައް ވެސް ފަހިކޮށްދޭނެ އެވެ.

ސީއޭ މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސީއޭ މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު އެކައުންޓިން ދާއިރާއިން ގިނަ ދިވެހިން ތިބުން މުހިންމު ކަމަށެވެ. އެހެންވެ، އެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމާ އެކު ވޯލްޑު ބޭންކުގެ އެހީގެ ދަށުން ހާހެއްހާ އެކައުންޓެންޓުންނަށް ބޭނުންވާ އިތުރު ތައުލީމާއި ތަމްރީން ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މިދާއިރާއިން ތައުލީމު ހާސިލްކޮށްފައި އެހެން ނަމަވެސް ޕްރޮފެޝަނަލް ކޮލިފިކޭޝަންތައް ލިބިފައިވާ ނުވާކަން. އިރާދަ ކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި ވޯލްޑު ބޭންކާއެކު އިންކަމް ސަޕޯޓް އެލަވެންސްގެ ސްޕިން އޮފެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ ހާއެއްހާ އެކައުންޓެންޓުންނަށް މި ދެންނެވި ޕްރޮފެޝަނަލް ކޮލިފިކޭޝަން ހޯދުމަށް ސީއޭއާއެކު މަސައްކަތް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ސީއޭ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ސީއޭ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގައި ފަސް ހާހެއްހާ އެކައުންޓެންޓުން މަސައްކަތް ކުރާއިރު މީގެ ތެރެއިން ގިނައީ ބޭރުގެ އެކައުންޓެންޓުން ކަމަށެވެ. އެހެންވެ ސީއޭ މޯލްޑިވްސް އުފެދުމާ އެކު ދިވެހިންނަށް މި ދާއިރާއިން ހުރި ފުރުސަތުތައް ފަހިކޮށްދީ އެ ދާއިރާގައި ދިވެހި އެކައުންޓެންޓުން ގިނަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ދިވެހިން މިދާއިރާއިން ތަމްރީން ކުރަން، މިހާރު މި ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަކީ ވެސް ޕްރޮފެޝަނަލީ ކޮލިފައިޑް، ތަޖުރިބާހުރި ކުދިންނަށް ހަދަން. މި އެއްބަސްވުމުގެ ދަށުން އެ މަސައްކަތްތަށް ކުރިއަށްދާނެ،" ނިޔާޒީ ވިދާޅުވި އެވެ.

އެކައުންޓެންޓުނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ބޭނުންވާ ފަންޑިން ހަމަޖެއްސުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ. އަދި ތަމްރީނުތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެޑިއުކޭޝަން އިންސްޓިޓުޓްތަކާއި ޕްރޮފެޝަނަލް އެކައުންޓިން އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.