Roadha Mihaaru

ހަރަދު ކުޑަކުރުން މިއޮތީ އިބިލީހުގެ ކައިވެންޏަށް ވެފައި: އޮޑިޓަ ޖެނެރަލް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހިމަނާފައި ވެސް ނެތް ކަމަށާއި ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު މިހާރު "އިބިލީހުގެ ކައިވެންޏަށް" ވެއްޖެ ކަމަށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 ނޮވެމްބަރ 2025

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހިމަނާފައި ވެސް ނެތް ކަމަށާއި ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު މިހާރު "އިބިލީހުގެ ކައިވެންޏަށް" ވެއްޖެ ކަމަށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ނިޔާޒީ ވިދާޅުވީ، ސަރުކާރަށް ދަރަނި ކުޑަނުކުރެވެނީ އިންތިހާ އަށް ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި މިހާރު ހަރަދު ކުރުން އޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތު މި ހުންނަނީ ސަސްޓެއިނަބަލް ލެވަލެއްގައެއް ނޫން. އަޅުގަނޑުމެން އެންމެންނަށް ވެސް އެކަން އެބަ އެނގޭ. ފަސްކުރަމުން ލަސްކުރަމުން މިދަނީ ކޮންމެ އަހަރަކު ވެސް. ދަމުން ދަމުން ގޮސް އަޅުގަނޑުމެން ކިހާ ހިސާބަކުތޯ ފަސްކުރެވޭނީ؟،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރުމުގެ ކަންކަން މިހާރު މިއޮތީ އިބިލީހުގެ ކައިވެންޏަށް ވާގޮތަށް ވެފައި."

ބަޖެޓު ކޮމިޓީގެ ބައެއް މެންބަރުން: ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބަޖެޓު ކޮމިޓީގެ ބައެއް މެންބަރުން: ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެހެން އަހަރުތަކުގެ ބަޖެޓު ފޮތުގައި ހިމަނާފައި އޮތަސް މި އަހަރު އެ ކަން ފެންނަން ނެތް ކަމަށް ވެސް ކަންބޮޑުވުމާ އެކު އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން އެއްގޮތަކަށް ރަނގަޅު. ނުކުރާ ކަމެއް ކޮންމެހެން ޖަހާނެ ކަމެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ މިކަން ފަސްކުރެވޭނީ؟ އެއީތާ ބަލަން ޖެހޭ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި، ހަރަދުތައް ކުޑަ ނުކުރާ ނަމަ ދަރަނީގެ ގޮންޖެހުމަށް ލުޔެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ދަރަނި އިތުރަށް ބޮޑުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވަނީ އަންނަ އަހަރުގެ ބަޖެޓު މަޖިލިހުން ފާސްކުރާއިރު ވެސް ހަރަދުތައް ކުޑަކުރެވޭނެ އުސޫލުތަކެއް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅަން އެދެން ލަފާދެއްވައިފަ އެވެ.

ނިޔާޒީ ވިދާޅުވީ، ބަޖެޓުގައި ހުރި އެހެން ކަންކަމާ ގުޅޭ ގޮތުން ބަޖެޓު ފޮތުގައި ޕްރޮޖެކްޓްތަކުގެ ތަފުސީލުތައް ހުރުމަކީ އެންމެ ރަނގަޅު "ބެސްޓް ޕްރެކްޓިސް" ކަމަށެވެ. އެހެންވެ، އެ ތަފުސީލުތައް ދެފުށް ފެންނަ އުސޫލަކުން ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮޖެކްޓްތައް ރަށްރަށުގައި ހިންގަން ކަނޑައަޅާފައިވަނީ ކޮން އުސޫލުތަކުން ކަން އެނގެން ޖެހޭއިރު، ބަޖެޓުގައި އެކަން ހާމަ ނުކުރިއަސް، އެކަން އެގޮތަށް ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރަ ބަޖެޓު ފޮތް. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ނިޝާން އަލީ| މިހާރު

އަންނަ އަހަރަށް ލަފާކުރަ ބަޖެޓު ފޮތް. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ނިޝާން އަލީ| މިހާރު

"މަޖިލީހުން ބަޖެޓެއް ފާސްކުރައްވާ އިރު ތިބޭފުޅުންނަށް އެކަންކަން [ޕްރޮޖެކްޓްތަކުގެ ތަފްސީލު] ހަމަޖެހިފައި އޮތީ ކިހިނެތްތޯ އެނގުން، އަޅުގަނޑުމެން އޮޑިޓް ކުރާއިރު އެ ލިބޭ. އެހެން ނަމަވެސް، ބަޖެޓު ފޮތުގައެއް ނެތް،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ބަޖެޓާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ދިން ލަފާގައި ވަނީ، އަންނަ އަހަރު ބޮޑު ދަރަނި އަދާކުރުމުގެ ޕްލޭނެއް ފިނޭންސް މިނިސްޓްރީގައި އެބަ އޮތް ކަމަށާއި އެކަމަކު އެ އަޅާ ފިޔަވަޅުތަކުން ދަރަނީގެ ޕޯޓްފޯލިއޯ އިތުރުވާނެ ކަމަށެވެ. އެކަން ހައްލުކުރުމަށް މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީތަކުގައި ކަނޑައަޅަފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދިނެވެ.

ފިސްކަލް ހާލަތު އެހާ ގޯސްވެފައި އޮތުމުން ބޭރުން ދަރަނި ހޯދުމަށް މިދިޔަ އަހަރުތަކުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު ޑޮމެސްޓިކް ދަރަންޏަށް އިތުރަށް ޕްރެޝަރު ބޮޑުވެފައިވާކަން ވެސް އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.