އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް ނުނިމި ގިނަ އަހަރުތަކެއް ވަމުންދާތީ، ފްލެޓް ގަތުމަށް ފައިސާ ދެއްކި ގިނަ ބަޔަކު ހާލުގައި ޖެހި، ޝަކުވާކުރަން ފަށައިފި އެވެ.
18 އޮކްޓޯބަރ 2021
އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް ނުނިމި ގިނަ އަހަރުތަކެއް ވަމުންދާތީ، ފްލެޓް ގަތުމަށް ފައިސާ ދެއްކި ގިނަ ބަޔަކު ހާލުގައި ޖެހި، ޝަކުވާކުރަން ފަށައިފި އެވެ.
އަމިއްލަ ކުންފުނިތަކާ ހާވާލުކޮށް ހަދަމުން އަންނަ ގިނަ ފްލެޓް އިމާރާތްތަކެއް ނުނިމި، ފްލެޓް ގަތް މީހުން ލޯނު ދައްކަން ޖެހި، އެ މީހުންނަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކެއް ވެސް ވަމުންނެވެ.
އެންސިސް ފިޝަރީޒް އާއި ޖާހު (ޖައުސާ)ގެ އިތުރުން ކޭ-ޕާކާއި އަކުއާ ވިޓާ އިން ވެސް ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ އެޕާޓްމަންޓްތައް އިމާރާތްކުރަމުން އަންނައިރު އެ ތަންތަން އިމާރާތްކުރަމުން އަންނަތާ ތިން ހަތަރު އަހަރު ވެއްޖެ އެވެ. ބައެއް ތަންތަނުން މިހާރު ވަނީ ހުރިހާ ފްލެޓެއް އެޑްވާންސްކޮށް ވިއްކައި ފައިސާ ވެސް ނަގައިފަ އެވެ.
އެ އިމާރާތްތައް ނިންމަން ދިން މުއްދަތު ހަމަވެ، އެޗްޑީސީގައި އެދިގެން ބައެއް ކުންފުނިތަކުން މަސައްކަތް ނިންމަން ދޭ މުއްދަތު އިތުރުކުރަމުން އެބަދެ އެވެ. މާލީ ގޮންޖެހުންތަކާ ހުރެ ފްލެޓް ގަތް މީހުން ހަދާނެ ގޮތް ހުސްވެފައި ތިބިއިރު އެ ތަންތަނަށް ވަދެވޭނެ ދުވަހެއް ވެސް އެ މީހުންނަކަށް ވެސް ނޭނގެ އެވެ.
މަސައްކަތުގެ އަޕްޑޭޓެއް ހޯދަން ފްލެޓް ގަތް މީހުން ކުންފުނިތަކުގެ ފަހަތުން ދުވާއިރު، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވެސް އެތަނަށް ވަދެވޭނެ ކަމުގެ ޔަގީން ކަމެއް އެ މީހުންގެ ނެތެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުގައި އޮތް ބިމެއްގައި ޖާހުން ފްލެޓްތައް އަޅަމުން އަންނައިރު އެތަނުން ފްލެޓް ގަތް ބައެއް މީހުން ބުނި ގޮތުގައި ފްލެޓްތައް ނުނިމި ދިގު ލާތީ އެ މީހުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ.
ޖާހުގެ ފްލެޓްތަކަކީ 2017 އަހަރުގެ ތެރޭގައި އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ. އެތަން 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެއްބަސްވުން ހެދި ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔަތާ ދެ އަހަރުވީއިރު ވެސް ފްލެޓްގެ މަސައްކަތްތަކެއް އަދި ނުނިމެ އެވެ.
އެތަނުން ފްލެޓް ގަތް ދެމަފިރިން ކަމަށްވާ، އަލީ އުމަރާއި އައިޝަތު ނިހާދު ބުނި ގޮތުގައި މިދިޔަ މެއި މަހުގެ ތެރޭގައި އެ ކުންފުނިން ނެރުނު ޕްރޮގްރެސް ރިޕޯޓްގައިވާ ގޮތުން ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެކަމަކު މިދިޔަ ހަފްތާގައި އެތަނުގެ އަޕްޑޭޓެއް އެހުމުން ވެސް ބުނެފައި ވަނީ 95 ޕަސެންޓް ނިމިފައިވާ ކަމަށް، ކަމަށް އެ ދެމަފިރިން ބުންޏެވެ.
"އެހެންވީމަ މިއޮއް ހުރިހާ ދުވަހު އެއްވެސް މަސައްކަތެއް ނުކުރޭ. ދެން އެ މީހުންގެ ރިޕޯޓްގައި އެބައިން ލިޔެފައި އެ މީހުން ޑިލޭވީ އިންޑިއާއިން ގެންނަން ޖެހޭ ލޭބަރުން ނުގެނެވިގެންނޭ."
ޖާހުގެ "ދަ ގާޑެން" އިމާރާތުން އެޕާޓްމަންޓް ގަތުމަށް އެ މީހުން ވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފައިސާ ދައްކައިފަ އެވެ. އަލީ ބުނި ގޮތުގައި ފުލް ޕޭމަންޓުން މިހާރު ބާކީ ނުދައްކާ އޮތީ އެންމެ އެއް ލައްކަ ރުފިޔާ އެވެ. ބާކީ ފައިސާއަކީ އެތަން ހަވާލުކުރުމުން ދައްކަން ޖެހޭ ފައިސާ އެވެ.
ޖާހުން ހަދާ އެޕާޓްމެންޓްތަކުގެ ތިރި އޮންނަ ގޮތުގެ ކުރެހުމެއް
"ޑިސެމްބަރު 2019 އާ ހިސާބަށް އެ މީހުން [ފްލެޓް] ނިންމާތީ ކޮންމެ ތިން މަހަކުން ތިން މަހަކުން 20 ޕަސެންޓް ދައްކަމުން އައީ. ނުދައްކާ އޮންނާނީ އެއްލައްކަ ކޮންމެވެސް ވަރެއް. އެއީ އެކޮޅުން ތަޅުދަނޑި ހަވާލުކުރީމަ ދޭން އޮންނަ ޕޭމަންޓް،" އަލީ ކިޔައިދިނެވެ.
"2017 ގެ މެއި މަހުގެ ތެރޭގައި އަޅުގަނޑުމެން ފައިސާ ދައްކައިފިން. ކޮވިޑްގެ ކުރިން ނިންމަން ޖެހޭ ތަނެއް އެއީ. އެކަމަކު އެ މީހުން [ކުންފުނިން] މިި ބުނަނީ ކޮވިޑާ ހެދި ޗައިނާ ބަންދުކުރީމައޭ އެއްޗެހި ނުގެނެވިގެން މިއުޅެނީ. ފަހަރަކު ރީޒަނެއް ދައްކަމުން މިހާރު އެ ދަނީ."
އެޕާޓްމަންޓް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް ތުރާލެއް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ. މިހާރު ވެސް ކާންބޯން ކުރާ މަސައްކަތުން އުޅޭ ތަނަށް ކުލި ދައްކައި، ލޯނު ދެއްކުމަކީ ބޮޑު ކަމަކަށް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ލޯނެއް ނަގައިގެން، އުޅޭ ތަނަށް ކުލި ދެމުން، ކާންބޯން މަސައްކަތްކުރަމުން، އަނެއްކާ ބޭންކަށް ލޯނު ދައްކަމުން، މި ހުރިހާ ކަމެއްވާއިރު އަޅުގަނޑުމެންގެ ހައްގު ހިމާޔަތްކޮށްދޭނެ މީހަކު ނޫޅޭ."
މި ހުރިހާ ކަންބޮޑުވުންތަކަކާ އެކު، ޖާހުން ފްލެޓް ގަތް މީހުން އެ ކުންފުނީގެ ފަހަތުން ދުވާތާ އަހަރުތަކެއް ވެއްޖެ އެވެ. ތަނުގެ ފަހު އަޕްޑޭޓަކަށް އެދުމުން ކުންފުނިން މި އަހަރު ލިޔުމުން ފޮނުވި ސިޓީއެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ބޮޑު އީދަށް އެތަން ނިންމައި އެ މީހުންނަށް އެތަނުގައި އުޅެން ފެށޭވަރުވާނެ ކަމަށް ބުނެފައި ވެ އެވެ. އެކަމަކު އެތައް މަހެއް ފާއިތުވިއިރު ވެސް އިމާރާތުގެ މަސައްކަތެއް ނުނިމެ އެވެ.
އެ މީހުން ބުނީ އެންމެ ފަހުން އިމާރާތް ހަދަމުންދާ ތަނަށް ގޮސް އެތަނުގެ އިންޖީނިއަރަކާ ސުވާލުކުރުމުން ބުނީ އެތަނުގެ މަސައްކަތުން ނިމުނީ އެންމެ 80 ޕަސެންޓް ކަމަށެވެ. ކުންފުނީގެ ސައިޓުގައިވާ މައުލޫމާތާއި އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ދޭ މައުލޫމާތު ދިމާނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރި އެވެ.
"އީދަށް ހަވާލުކުރާނެއޭ ބުނީމަ ވަރަށް ގިނަ ބަޔަކު މުދަލާ އެއްޗެހި ހުރީ ގަނެފައި. އެކަމަކު ފަރުނީޗަރާ އެއްޗެހި ގަތް މީހުންނަށް ވެސް ބޮޑު ގެއްލުމެއް. ކިހާ ދުވަހެއް މިވަނީ."
ޖާހުން އިމާރާތްކުރާ އެޕާޓްމަންޓްތަކުގެ ތެރޭގައި 3-6 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތައް އެބަ އުޅެ އެވެ. ފައިސާގެ ބޮޑު ބައެއް ގިނަ ބަޔަކު ދައްކައިގެން ތިބިއިރު އެތަނުން ފްލެޓް ގަތް، އައިމިނަތު ރަޝީދާ ބުނީ އެޕާޓްމަންޓް ނުނިމި ލަސްވެފައިވާތީ ބަދަލު ބޭނުންވާ ކަމަށެވެ. އެ ތަން ގަތުމަށް ދެއްކި ފައިސާ އަނބުރާ ލިބިއްޖެ ނަމަ، ވެސް އިތުރު ގޮތެއް ހޯދޭތޯ މަސައްކަތްކުރެވިދާނެ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން އެ މީހުންނާ ބައްދަލުކުރީމަ ބުނީ [ފްލެޓް ގަތް މީހުން] ބޭންކަށް ދެން ލާރި ދައްކަން ނުޖެހޭނެއޭ. ދެ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ފްލެޓް ގަތް މީހުން ދެން ޖެހޭނީ މިތަނަށޭ [ކުންފުނި] ލާރި ދައްކަން. ވަރަށް ބޮޑު ލުޔެއް ލިބޭތީ އަޅުގަނޑުމެން އުފަލުން ތިބީ. އެކަމަކު އެ މީހުން ބަހަބަރު."
އެގޮތަށް ހަމަޖައްސައި، 10 ދުވަހުގެ ތެރޭގައި ފްލެޓް ގަތް މީހުންނަށް ސިޓީ ދޭނެ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީ ވެސް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
އެންސިސް ކުންފުނިން އަޅާ ފްލެޓަށް ފައިސާ ދެއްކި މީހަކު ވެސް މި ކަންބޮޑުވުންތައް ހިއްސާ ކުރި އެވެ.
"އަޅުގަނޑުމެންގެ މުޅި ސޭވިން ދެއްކީ އެޕާޓްމަންޓް ގަންނަން. ދެއްކި އިރު ވެސް އެހިން މުއްދަތަށް ނިމޭނެހޭ. އެހެން ބުނީމާ ޔަގީންކަން ދިން ނިމޭނެ ކަމަށް،" އޭނާ ބުންޏެވެ.
"ކޮވިޑް ލައިގަތީ އެ މުއްދަތު ވެސް ފަހަނައަޅާ ދިޔަ ފަހުން. ދެން އެ މީހުން ކިހިނެއްތޯ ބުނާނީ ލަސްވަނީ ކޮވިޑްގެ ސަބަބުންނޭ؟"
އަމިއްލަ ޑިވެލޮޕަރުން ތަރައްގީކުރާ ތަންތަނުން އެޕާޓްމަންޓް ގަންނަނީ ހަމައެކަނި މުއްސަނދިންނެއް ނޫނެވެ. އޭގެ ތެރޭގައި ގިނައީ މުޅި އުމުރު ދުވަހުގެ ސޭވިން، 20 ޕަސެންޓްގެ އެޑްވާންސަށް ދައްކައި، ބޭންކުން ބޮޑު އިންޓަރެސްޓްގައި ލޯނު ނަގާފައިވާ މީހުންނެވެ.
- އައިރާ، އެންސިސް ފިޝަރީޒް، ހަވާލުކުރީ 2016 ގައި
- ދަ ގާޑަން، ޖާހު (ޖައުސާ)، ހަވާލުކުރީ 2017 ގައި
- ކޭ-ޕާކް، ކޯދި އިންވެސްޓްމަންޓް، ހަވާލުކުރީ 2017 ގައި
- އަކުއަވިޓާ، ސްރީ ލަންކާގެ ކުންފުންޏެއް، ހަވާލުކުރީ 2018 ގައި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ ތެރެއިން މިހާތަނަށް ނިންމާފައި ދިނީ، އަމިން ކޮންސްޓްރަކްޝަނުން ހެދި ތިން އިމާރާތަކާއި ރެއިންބޯގެ ދެ އިމާރާތެއްގެ އިތުރުން މުނިހޯމްގެ އިމާރާތާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ދަމާސް އަދި އެޕޯލޯގެ ދެ ތަނެވެ.
އެންސިސްގެ "އައިރާ" އާއި ޖައުސާގެ "ދަ ގާޑަން"ގެ އިތުރުން ކޯދި އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ހަދާ "ކޭ-ޕާކް"، ނިންމާ ހަވާލުކުރާނެ ކަމަށް އެތައް ތާރީހެއް މިހާތަނަށް ދީފައިވެ އެވެ. އެކަމަކު މި އަހަރުގެ ތެރޭގައި ވެސް މިއިން ތަނަކަށް ވަދެވޭނެ ކަމަށް ފްލެޓް ގަތް މީހުންނަށް ނުބެލެވެ އެވެ.
މި ފްލެޓްތައް ނިމޭނެ ދުވަހެއް ސާފުކުރުމަށް، "މިހާރު" އިން ގުޅުމުން އެންސިސްގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮވިޑާ ހެދި ފާއިތުމިވީ ދެ އަހަރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނުކަން ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ހަދާ 94 އެޕާޓްމަންޓްގެ މަސައްކަތްކުރަން ބޭނުންވާ ބައެއް ސާމާނުގެ ފުރަތަމަ ޝިޕްމަންޓް މެލޭޝިއާ އިން ލިބިފައި ވަނީ ހަތް މަސް ފަހުންނެވެ.
ދަރުބާރުގޭގައި އޮތް ހައުސިންއާ ބެހޭ ފެއާއެއްގައި ފްލެޓްތަކާ ބެހޭ ސްޓޯލެއްގައި އާންމުން މައުލޫމަތު ހޯދަނީ
"ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތީމަ، ވަރަށް ދަތިތައް ކުރިމަތިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސެންޓްރަލް ޕާކު ސަރަހައްދުގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ނިންމައި އަންނަ އަހަރު އެ ތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ މަސައްކަތް ކުރާ ހަމްބޯ ކުންފުނިން މިދިޔަ މަހު ބުނެފައިވެ އެވެ. ކޭ ޕާކް ރެޒިޑެންސަކީ ކޮރެއަން ސްޓައިލަށް ތަރައްގީކުރާ މިކްސް-ޔޫސް ރެސިޑެންޝަލް އެޕާޓުމަންޓުތަކެކެވެ. ޖުމުލަ 14 ބުރީގެ މި އިމާރާތުގައި 110 އެޕާޓްމަންޓް ހިމެނޭނެ އެވެ.
މިކަމާ ގުޅިގެން ޖާހު ކުންފުނިން ކޮމެންޓެއް ނުލިބުނެ އެވެ.
އެ އިމާރާތްތަކުގެ މަސައްކަތް ނުނިމުނީ ކޮވިޑާ ހެދި ކަމަށް ބައެއް ކުންފުނިތަކުން ބުނި ނަމަވެސް މިއީ ކޮވިޑްގެ މާ ކުރިން ނިންމަން އެއްބަސްވި ތަންތަނެވެ.
މަސައްކަތް ނުނިމި ލަސްވި ނަމަވެސް އެޗްޑީސީން ފްލެޓް ނިންމަން ދޭ މުއްދަތު އިތުރުކޮށްދޭތީ އެކަމުގެ ކަންބޮޑުވުން ވެސް ފްލެޓް ލިބޭ މީހުން ފާޅުކުރި އެވެ.
އެޗްޑީސީން ބުނީ ކޮވިޑާ ގުޅިގެން ޕްރޮޖެކްޓްތައް ހިންގުމަށް ހުރި ދަތިތަކާ ގުޅިގެން މުއްދަތު އިތުރު ކުރުމަށް އެދިފައިވާ ކުންފުނިތަކަށް މުއްދަތު އިތުރު ކުރުމަށް ހުއްދަ ދިނުމުގައި ރިއާޔަތް ކުރަނީ މައިގަނޑު ގޮތެއްގައި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކޮށްފައިވާ މިންވަރާއި ޔުނިޓުތައް ވިއްކާފައިވާ މިންވަރަށް ކަމަށެވެ.
ގިނަ ޔުނިޓުތަކުގެ ފައިސާގެ މުއާމަލާތު ކުރެވިފައި ހުރުމުން، އެ ކުންފުނިން ބަލާނީ ޕްރޮޖެކްޓު ހުއްޓުވާނުލައި ކުރިއަށް ގެންދެވޭނެ ގޮތަކަށް ފުރުސަތު ދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
"މިފަދަ ޕްރޮޖެކްޓުތަކުގައި މިހާރު ގިނަ ފަރާތްތަކެއްގެ ފައިސާގެ މުއާމަލާތްތައް އެކުލެވިފައިވާތީ ވަކި ހިސާބަކުން ޕްރޮޖެކްޓް އެހެން ކޮންޓްރެކްޓަރަކަށް ނުވަތަ ޑިވެލޮޕަރަކަށް ބަދަލު ކުރާ ނަމަ ގަނެވިއްކުމަށް ހޭދަ ކޮށްފައިވާ ފައިސާގެ ކަންކަން އެހެން ފަރާތަކަށް ބަދަލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމަކީ ވެސް އެއް ސަބަބު،" ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރާ ސަބަބު އެޗްޑީސީން ކިޔައިދިނެވެ.
އެކަމަކު މިގޮތަށް މުއްދަތު އިތުރުކޮށްދެމުން އައުމަކީ އެޗްޑީސީން ރައްޔިތުންނާ މެދު ނުވިސްނުން ކަމަށް އެ މީހުން ދެކެ އެވެ.
ފްލެޓްތަކާމެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހެއް
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
އެންސިސްގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އެންސިސްގެ "އައިރާ": ޒަމާނީ 94 އެޕާޓްމަންޓް
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ